ކ. މާލެ
|
17 ޖުލައި 2022 | އާދީއްތަ 17:28
ހައި ސްޕީޑް ފެރީ
ހައި ސްޕީޑް ފެރީ
އެމްޓީސީސީ
ދަތުރުފަތުރުގެ ލުއިކަން
ރަށަށް ނުދެވޭނެ ކަމުގެ މާޔުސްކަން ފިލުވައިދިން ބައިވެރިޔާ
4000 އިން ކުރެވެން އޮތް ދަތުރު 400 ރުފިޔާއަށް ކުރެވުނު
ފުލައިޓް ޖެއްސި ގަޑީގައި ފެރީ އޮތީ ބަނދަރުކޮށްފައި
ބިރުވެރި ގައްލަންދޫ ކަނޑު ގަދައިގައި ހުރަސްކޮށްލީ އަމާން ކަމާއެކު

ބޮޑުބަންދަށް ރަށަށް ފުރަން ޖެހިއްޖެއެވެ. ޓިކެޓް ނަގަން އުޅެވުނުއިރު ހޯރަފުށީ އެއާޕޯޓުން ޓިކެޓު ހުސްކޮށްފިއެވެ. ޓިކެޓް ލިބޭވަރުވީ ހަނިމާދޫ އެއާޕޯޓަށެވެ. މިއީ ހއ. އިހަވަންދޫއަށް ޗުއްޓީއަށް ރަށަށް ދިއުމަށް ދިމާވި ހުރަސްތައް ހިއްސާކުރަމުން މީހަކު ލިޔެފައިވާ ލިޔުމެކެވެ.

ކޮންމެއަކަަސް މި އަހަރުގެ އަޟްހާ އީދު ދުވަހަކީ މިހާތަނަށް ރާއްޖޭގައި އެންމެ ފޯރިގަދަކޮށް ކުރިއަށް ގެންދިޔަ އީދެވެ. ކޮވިޑް-19ގެ ސަބަބުން މުޅި ގައުމު 2 އަހަރެއްހާ ދުވަހު ބަންދުވެފައި އޮތުމަށްފަހު އަލުން ހުޅުވާފައިވާ އިރު މިފަހަރުގެ އީދަކީ އާންމުންނަށް ހަމަނެވާލާން ލިބުނު އީދެކެވެ. އެހެންކަމުން ރަށްރަށަށް ދިއުމަށް މީހުން އަވަސްވެ ޓިކެޓްތައް ދުރާލާ ބުކް ކުރިއެވެ. ނަތީޖާއަކަށްވީ ޖާގަ ފުލްވެ ބާރުބޮޑުވީއެވެ. އަދި ރަށަށް ދާން އެއަރޕޯޓަށް ދެވުނަސް ރަށާ ހަމައަށް ގިނަ ފަހަރަށް ދެވޭނީ ލޯންޗެއް ހިފައިގެންނެވެ. އެއިން ލޯންޗެއްގެ ކުލި ހާހުން ގުނާލެވޭހާ އަދަދުތައް ހުރެއެވެ.

ކޮންމެއަކަސް އީދު ފެށުނު އިރު މުޅި ރާއްޖެއަށް ވިއްސާރައެވެ. ރަށާ ކައިރި އެއަރޕޯޓަށް ނުދެވުނު ނަމަވެސް ދެން އެންމެ ކައިރި އޮތް އެއަރޕޯޓަށް ދިޔަ މީހުން ވެސް މަދެއް ނޫނެވެ. މީހަކު ފޭސްބުކުގައި ހިއްސާ ކުރި ވާހަކައަށް ޖެހިލާނަމެވެ. އެނާ ބުނެފައިވަނީ ކޮންމެއަކަސް ފުރާ ދުވަސް ބޯމަތިވީއިރު އިންތިހާއަށް މޫސުން ގޯސް ކަމަށެވެ. ހަބަރުދަބަރު ބަލައިލިއިރު އެ ގަދައިގައި ގައްލަންދޫ ކަނޑުއޮޅި ހުރަސްކުރަން ކެރޭވަރު ލޯންޗެއް ނުވެސް ނެތީ ކަމަށެވެ.

ގައްލަންދޫ ކަނޑަކީ ކިރިޔާވެސް އުދަރެހުގައި ވައިރޯޅިއެއް ޖެހިލާއިރަށް ވެސް ގަދަ ކަނޑެކެވެ. އަދި އެތައް ހިތާމަވެރި ހާދިސާއެއް ވެސް ހިނގާފައިވާ ތަނެކެވެ. އީދުގައި އެ ކުރި ވިއްސާގައި އެ ކަނޑު ހުރަސްކޮށް ދަތުރުކުރާނީ މޮޔައެކޭ ބުނުމަކުން ވެސް ގޯހަކަށް ނުވާނެއެވެ. އެއީ ހަމަ ފުރާނަ އަތްމައްޗަށް ލައިގެން ދަތުރުކުރުން ފަދަ ކަމެކެވެ.

ކޮންމެއަކަސް ރަށަށް ދާން ބޭނުންވެފައި ހުރި މީހާ ބޭނުންވީ ކޮންމެ ގޮތެއް ހަދާފައި ވެސް ރަށަށް ދާށެވެ. އޭނާ ބުނެފައިވަނީ ސަރުކާރުން އުތުރުގައި ފަށައިގަތް ދުވެލި ހަލުވި ފެރީ ހިދުމަތުގެ އަޖުމަ ބެލުން ނޫން ގޮތެއް ނެތް ކަމަށް އެހިސާބުން ވިސްނުނު ކަމަށެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) އެޕްލިކޭޝަން ފޯނަށް އަޅައިފައި ހުޅުވި ކަމަށެވެ. ރެޖިސްޓްރޭޝަން ނިންމައިފައި ފުރަން އަދި ލަފަން ބޭނުންވާ ރަށާއި ތާރީހު ޖަހައިފައި ފިއްތާލުމުން، ހަނިމާދޫން ފުރައިގެން ހައެއްކަ މަގުން އިހަވަންދޫއަށް ލެފިދާނެ ކަމަށް ތަފުސީލާއެކު ފެންނަން ހުރި ކަމަށެވެ.

ދާން ބޭނުން ވަނީ ސީދާ އިހަވަންދޫއަށް ކަމަށް ވާތީ އެންމެ ކުރު މަގަކަށް އޮތީ ހަނިމާދޫން ދިއްދޫން އިހަވަންދޫއަށް ދެވެން އޮތް މަގުކަމަށް ބުންޏެވެ. މިއީ ދޮޅު ގަޑިއިރެއްހާ އިރުގެ ރާސްތާއެކެވެ. މަގު ހިޔާރުކުރީ މަތިންދާބޯޓު ޖައްސާ ގަޑިއަށް ވިސްނާފައި މަޅިއެއް ނާރައި ދެވޭނެ ގޮތެެއްގެ މައްޗަށް ކަމަށް ބުނެފައިވެއެވެ.

މަތިންދާބޯޓު ޖައްސަން އޮތީ މެންދުރު 1:25 ހާއިރުއެވެ. ފެރީ ނައްޓައިލަނީ 2:30 ގައެވެ. ހަނިމާދޫއަށް މާލެއިން މަތިން ދެވޭނީ 40 ވަރަކަށް މިނެޓުންނެވެ.

މަގު ހިޔާރުކޮށް، ދަތުރުގެ ބައިވެރިންގެ ވަނަވަރު ފުރައި، އިށީންނާނެ ގޮނޑިވެސް ނެގިކަމަށް އެމީހާ ބުނެފައިވެއެވެ. ކާޑުން ފައިސާ ވެސް ކެނޑިއްޖެ ކަމަށާއި، އަގު ދެއްކުމާއެކު ޑިޖިޓަލް ޓިކެޓް ލިބިއްޖެ ކަމަށެވެ. ހަތަރު މީހުންގެ ދަތުރަށް އެރީ ހަތަރު ސަތޭކައެއްހާ ރުފިޔާއެވެ. އިހަވަންދޫއާއި މާ ދުރުނޫން ހިސާބެއްގައި އޮންނަ ހޯރަފުށިން އިހަވަންދޫއަށް އަމިއްލަ ދަތުރެއް އެޅޭނީ ވެސް އެހާ ކަންހާ ވަރަށެވެ. ނަމަވެސް އެއީ ކުރު ރާސްތާއެއް ކަމުން އަގު ބޮޑެވެ.

ރަށަށް އީދަށް ދާން އުޅުނު މި މީހާއަށް ހަނިމާދޫއަށް ޖެއްސުނީ ދޭއް ޖަހަންވެފައި ހުއްޓައެވެ. ޓެކްސީގައި ނައްޓައިލީ ސީދާ ހަނިމާދޫ ފެރީ ޓާމިނަލް އަށެވެ. ހިތްގައިމު ރީތި ޓާމިނަލް އެކެވެ. އެއިރު ޓިކެޓް ނެގި ލޯންޗު އޮތީ އެތާ ތައްޔާރަށް ކަމަށް އޭނާ ބުންޏެވެ.

ގެންދިޔަ ދާގީނާއާއި ލޯންޗުން ހަވާލުވި ކަމަށާއި، ފުރާ ގަޑި ޖެހެން ކައިރި ވީމާ ލޯންޗަށް އަރަން ގޮވައިލި އަަޑު އިވުނު ކަމަށެވެ. ޑިޖިޓަލް ޓިކެޓްގައިވާ ބާކޯޑް ސްކޭން ކޮށްލުމާއެކު ޓިކެޓް ކެނޑިއްޖެ ކަމަށެވެ. މިއީ އޭނާ އަލަށް ކުރި ތަޖްރިބާއެކެވެ. ވާހަކަތަކުން އެނގެނީ ހިތްހަމަ ޖެހިފައި ހުރި މިންވަރެވެ.

ލާންޗުގެ އެތެރޭގައި ޖާގަ ތަނަވަސްވެފައި ސާފުތާހިރުވެފައި ގޮނޑި އެހައިމެ އަރާމު ކަމަށް ބުނެފައިވެއެވެ. އޭސީގެ ފިންޏާއެކު ތާޒާކަން ވެރިވަމުން ދިޔަ ކަމަށާއި، ހުދު ޔުނީފޯމުގައި ތިބި ނޫކަށިފުރައިގެ ދިވެހި ފިރިހެން ފަޅުވެރިންގެ ފުށުން ލިބެމުން ދިޔައީ އޯގާތެރިކަމާއި ހިނިތުންވުން ކަމަށް ލޯންޗަށް އެރުމަށްފަހު ކުރެވުނު ތަޖުރިބާ ހިއްސާކުރަމުން އޭނާ ބުނެފައިވެއެވެ.

ނިތްގަނޑުތާކިހާއެއް އަޅުއްވައިގެން ޔުނީފޯމުގައި އިންނެވި ކައްޕިތާނު، ފުރާކަން އިއުލާނުކުރެއްވުމާކު ބަރާބަރު ގަޑިއަށް ލޯންޗު ނައްޓާލި ކަމަށާއި، ހަލުވި ދުވެލީގައި ގޮސް ދިއްދޫއަަށް މަޑުޖެހިފައި އެ ރަށުން މޮހައިލައިގެން ގައްލަންދޫ ކަނޑުގެ ގަދައިގައި ލޫދެމުން އައިސް އިހަވަންދޫ ފެރީ ޓާމިނަލް ކުރިމަތީ ގަޑިއަށް ލޯންޗް ބާއްވާލި ކަމަށް ބުނެފައިވެއެވެ. ހަތަރު ހާހުން ވާން އޮތް ކަންތައް އަދި މާ މޮޅަށް ހަތަރު ސަތޭކައިން ފުދުނީ ކަމަށް ބުނެފައިވެއެވެ.

ތަރައްގީގެ އިންޖީނަކީ މީހުންނާއި މުދާ އެއް ތަނުން އަނެއް ތަނަށް ދައުރުވުން ކަމަށް އޭނާ ބުނެފައިވެއެވެ. އަދި އޭގެ ޕިސްޓަނަކީ ދަތުރުފަތުރުގެ ވިއުގަ ކަމަށާއި، ޒަމާނީ ސްޓައިލްގައި އެންމެ މަތީ ސްޓެންޑަޑް ގައި މުޅި ބޮޑުތިލަދުންމަތި ގަތައި ވާންއަރުވާލި، ހަލުވި ފަސޭހަ ސަޅި ލޯންޗު ފެރީގެ ހިދުމަތާއިއެކު ތަރައްގީގެ އިންޖީނު އެވަނީ ދަތްގަނޑު ކޮޅަށް ހިއްލިފައި ކަމަށެވެ. މި ހިދުމަތުގެ ފުރިހަމަކަމުގެ މައްޗަށް އޭނާ ހެކިވާނެކަމަށް ބުނެފައިވެއެވެ.

މިއީ ސަރުކާރަކުން މި ރާއްޖޭގައި ކުރާ އެންމެ ބޭނުންތެރި އަގުހުރި އިންވެސްޓްމަންޓް ކަމުގައި ދަންނަވަން ޖެހެނީ އެތައް ސަބަބަކާހުރެކަމަށް ބުނެފައިވެއެވެ. އޭގައި ހުރި ހެވާއި ލާބައިގެ ވާހަކަ ދައްކައި ކޮޅުންލާކަަށް ނެތެވެ. ކިރިޔާ ފިކުރު ހިންގައިލިޔަސް އޭގެ ފޮނި މީރުކަން އެހެރަގެން އޮހޭތަން ފެންނާނެ ކަމަށާއި ނަޒަރު ސީދާކޮށްލުމަށް ބުނެފައިވެއެވެ.

މިއީ އީދު ބަންދުގައި އަތުން އެތައް ހާސް ރުފިޔާއެއް ހަރަދުކޮށްފައި ދަތުރުކުރެވެން އޮތް އެންމެ ފަރުދެއްގެ ޖީބަށް ލުއިވެފައި ހައްޓަށް އަރާމުކަން ގެނުވި ވާހަކައެކެވެ. ކޮންމެއަކަސް މިފަދަ އެތައް ފަރުދުންނެއް ތިބޭނެއެވެ. ހާހުން ލޯންޗް ނަގައިގެން ބޮޑު އަގުގައި ރަށަށް ކަނޑުގެ އޮޔާއި ވަޔާއި ތެޅޮ އަދި ލޮނުން ފޯވެ ދަތުރުކުރި ޒަމާން ވަނީ ނިމުމަކަށް އައިސްފައެވެ. މިއީ ރައްޔިތުންނަށްޓަކައި ކުރެވެމުންދާ ބޮޑު ހޭދައެއްގެ މަންފާއި ނަފާ ލިބެމުންދާ ގޮތެވެ. ޒަމާނަށް ދެމިގެންދާ މި އިންވެސްޓްމަންޓްގެ ފޮނި މީރުކަން ނުލިބޭނެ އެކަކުވެސް ނުހުންނާނެއެވެ. މިއީ ސަރުކާރުން މުޅި ރާއްޖެ ގުޅުވާލާ ފެރީ ނިޒާމު ހިންގާ އެމްޓީސީސީ އިން ފޯރުކޮށްދެމުން އަންނަ އެއްވަނައިގެ ހިދުމަތެކެވެ.

- ކޮމެންޓް