ކ. މާލެ
|
8 ޖެނުއަރީ 2020 | ބުދަ 13:45
ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް
ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް
ރާއްޖެ އެމްވީ
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް
ނޫސްވެރިންގެ ސުވާލުތައް އިންތިހާ، މުނާޒަކަށް ޖަވާބެއް ނުދެވުނު!
 
ބައްދަލުވުން ނިންމަވާލެއްވީ ޖަވާބު ނުލިބޭ ގިނަ ސުވާލުތަކެއް ހުރިކަމަށް ބުނަމުން ދަނިކޮށް
 
ކަރެކްޝަންސް އަކީ މީޑިއާއާއި ދުރު މުއައްސަސާއެއް ނޫން ކަމަށް ވިދާޅުވި
 
ޤައިދީންގެ މައިގަނޑު ދެ ޝަކުވާއެއް އޮތްކަމަށް ވިދާޅުވި

ޖަލުގައި ހަމަނުޖެހުންތައް ގިނަވެފައިވަނިކޮށް ނޫސްވެރިންނާއި ބައްދަލުކުރައްވައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ދެއްވާ ނޫސްވެރިންގެ ބައްދަލުވުން ބަލަން ތައްޔާރުވެގެން އިނދެވުނީ ވަރަށް ޝައުޤުވެރިކަމާއެކުގައެވެ. ނޫސްވެރިއެއްގެ ޙައިޞިއްޔަތުން އަޅުގަނޑުވެސް ޖަވާބު ބޭނުންވާ އެތައް ސުވާލެއް ހުރުމާއެކު، އަދި އެތައް ދުވަހަކަށްފަހު ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ނޫސްވެރިންގެ ބައްދަލުވުން ބާއްވާތީ ޖަލުގައި ހިނގަމުންދާ ކަންކަމުގެ ތަފުޞީލުތައް އޮޅުންފިލާނޭ ހިތައި އިނދެވުނީ ވަރަށްވެސް ކެތްމަދުވެފައެވެ.

ބުދަ ދުވަހު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ފެށިގެން ދިޔައީ، މިފަހުން ޖަލުގައި ހިނގާދިޔަ ހަމަނުޖެހުން ހިނގައި ދިޔަ ސަބަބު މުނާޒް އޮޅުންފިލުވައި ދެއްވަމުންނެވެ. އެގޮތުން މުނާޒް ވިދާޅުވީ، އޮފިސަރުންގެ ގަޔަށް ލޮނު މިރުސް ފެން ޖަހަން ފެށުމުން، ފުރަތަމަ ބެލީ އޮފިސަރުންގެ ފަރާތުން ކަމެއް ހިނގިތޯ ކަމަށާއި، އެހިސާބުން ޤައިދީންގެ މައިގަނޑު ދެ ޝަކުވާއެއް އޮތްކަން އެނގިގެން ދިޔަ ކަމަށެވެ. އެގޮތުން ބޭސްފަރުވާ ނުލިބުމުގެ ޝަކުވާއާއި، ހުކުމާއި މައްސަލަތައް ލަސްވެގެން ދިއުމުގެ ޝަކުވާ ޤައިދީންގެ ހުރިކަން މުނާޒް ފާހަގަކުރެއްވިއެވެ. އެހިސާބުން ހިތައް އެރި ސުވާލަކީ ޖަލު އޮޑިޓް ރިޕޯޓެއް ނެރި، ޙައްލުކުރަންޖެހޭ ކަންކަމުގެ ތެރޭގައި ބޭސްފަރުވާގެ ނިޒާމު ހަރުދަނާ ކުރުންވެސް ހިމެނޭއިރު، އަދިވެސް އެކަންކަން ޙައްލުނުވެ ދިގުލައިގެން ދަނީ ކީއްވެތޯ ސުވާލު އުފެދުނެވެ. ނަމަވެސް ނޫސްވެރިންގެ ބައްދަލުވުން ނިމޭއިރު އެކަންކަން ސާފުވާނެތީ ޝައުޤުވެރިކަމާއެކު އަޑުއަހަން އިނީމެވެ.

އޭގެ އިތުރުން، ޖަލުގައި ހިނގި ހަމަނުޖެހުމުގެ ކަންކަން ހިނގީ ހުކުުރު ދުވަހަކަށްވެފައި ދެންވެސް އޮތީ ސަރުކާރު ބަންދު ދުވަހަކަށް ވުމުން މީޑިއާތަކަށް މަޢުލުމާތު ދިނުން ލަސްވީކަމަށް ވިދާޅުވިއެވެ. އަދި އޭރު މީޑިއާ އޮފިސަރުވެސް "ކަންދިމާކުރި ގޮތުން" އޭރު ހުރީ ޗުއްޓީގައި ކަމަށާއި، އެއްވެސް އިރެއްގައި ކަރެކްޝަންސް އަކީ މީޑިއާއާއި ދުރު މުއައްސަސާއެއް ނޫން ކަމަށް މުނާޒް ވިދާޅުވުމުން މިފަހަރު ކަންކަން ސާފުވެގެން ދާނޭ ހިތައި އިނީމެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ދެން މުނާޒް ފާހަގަކުރެއްވީ އައު ސަރުކާރު އައުމާއެކު ޖަލުތަކުގެ ނިޒާމު ހަރުދަނާ ކުރުމަށް އެކި ދާއިރާތަކުން ކުރެވިފައިވާ މަސައްކަތްތަކެވެ. އަދި އެކަންކަން ބަޔާން ކުރުމަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ހުޅުވާލަމުން މުނާޒް ވިދާޅުވީ، ކޮންމެ ނޫސްވެރިއަކަށްވެސް ކުރެވޭނީ އެއް ސުވާލު ކަމަށެވެ. އެތައް ޒަމާންތަކަށް ފަހު ދެއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އެހެން ވިދާޅުވުމުން ނޫސްވެރިންވެސް ސުވާލުތައް ކުރުމާއިގެން އަވަސްވެގަތް ތަން ފެނުނެވެ.

ނަމަވެސް ނޫސްވެރިންގެ ސުވާލުތައް އަމާޒު ކުރަން ފެށުމުން ފެނިގެން ދިޔައީ ހީކުރި ކަހަލަ މަންޒަރެއް ނޫނެވެ. ފެނިގެން ދިޔައީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ނުލިބިގެން ތަކުރާރުކޮށް އެ ސުވާލުތައް ނޫސްވެރިން އަމާޒު ކުރަމުން ދިޔަ މަންޒަރެވެ. އެގޮތުން ޖަލުގައި ޤައިދީންގެ މެދުގައި ހިނގި ހަމަނުޖެހުން ފުލުހުން މެދުވެރިކޮށް ތަހުޤީޤު ކުރުމުގެ ކުރިން ޖަލުތަކާއި ޕެރޯލް ޤާނޫނުގައިވާގޮތަށް ޖަލުގެ ޑިސިޕްލިނަރީ ބޯޑަށް ހުށައެޅުއްވިންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން މުނާޒް ވިދާޅުވީ، ބައެއް މައްސަލަތަކުގެ ބާވަތުން ވަގުތުން ފުލުހުން ގެންނަން ޖެހޭ ކަމަށާއި، ޤައިދީންގެ މެދުގައި ހިނގާ ހަމަނުޖެހުންތަކަށް ކުރިން ބޯޑުން ފިޔަވަޅު އަޅާފައި ދޫކޮށްލިޔަސް އެއީ މާ ރަނގަޅު ގޮތެއް ކަމަށް ނުފެންނަ ކަމަށެވެ.

އެހިސާބުން އެ ސުވާލު ކުރި ނޫސްވެރިޔާ ޖަލުތަކާއި ޕެރޯލް ޤާނޫނުގައި ވަކި ގޮތަކަށް އަމަލު ކުރުމަށް ބަޔާން ކޮށްފައިވާއިރު، އަމިއްލަފުޅު ވިސްނުމަކަށް އެހެން ޢަމަލުކުރެވެނީ ކޮން އުޞޫލަކުންތޯ ސުވާލު އަމާޒު ކުރިތަން ފެނުނެވެ. ނަމަވެސް އެ ސުވާލަށް މުނާޒް ސާފު ޖަވާބެއް ދެއްވާފައެއް ނުވެއެވެ. ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ނޫސްވެރިއަކަށް ކުރެވޭނީ އެއް ސުވާލު ކަމަށެވެ. އޭރުވެސް ސުވާލުތަކުގެ ޖަވާބު ނުލިބޭކަމަށް ނޫސްވެރިން ދިޔައީ ބުނަމުންނެވެ.

އޭގެ އިތުރުންވެސް، ޖަލުތަކަށް ވެއްދުން މަނާ ތަކެތި ވެއްދުމުގައި އޮފިސަރުންގެ ދައުރާއި، ޖަލުގައި އޮފިސަރުން އަނިޔާކުރާ ކަމުގެ ވާހަކަތަކާއި ގުޅޭގޮތުން ނޫސްވެރިން ތަކުރާރުކޮށް އެކި ސުވާލުތައް ކުރަމުން ދިޔަ މަންޒަރު ފެނުނެވެ. ނަމަވެސް އެ ސުވާލުތަކަށް "ފިނި" ޖަވާބެއް ދެއްވުމަށް ފަހު، ޖަލުގެ ކަންކަން ރަނގަޅު ކުރައްވާނެ ކަމަށް ވިދާޅުވެ މުނާޒް އެހެން ނޫސްވެރިއަކަށް ފުރުޞަތު ދޭން މަސައްކަތް ކުރައްވާ މަންޒަރު ފެނިގެން ދިޔައެވެ. މުޅި ބައްދަލުވުން ތެރެއިން އޭރު އިވެމުން ދިޔައީ ސުވާލަށް ޖަވާބު ނުލިބޭ ކަަމަށް ބުނެ ނޫސްވެރިން ޝަކުވާކުރާ އަޑެވެ.

ކަރެކްޝަންސް އިން މުނާޒް ފުރަތަމަ ފަހަރަށް މީޑިއާއާއި ތި ބައްދަލު ކުރެއްވީ، މުނާޒް ބޭނުންފުޅުވާ ގޮތަކަށް ވާހަކަދައްކަވާފަ ނިންމަވާލައްވައި އަޅުގަނޑުމެން ސުވާލުތަކަށް ޖަވާބު ނުދިނުމަކީ އަޅުގަނޑުމެންގެ ކަންބޮޑުވުމެއް، އަޅުގަނޑުވެސް ކުރަން ބޭނުންވާ 3 ސުވާލެއް އެބައޮތް
ނޫސްވެރިއަކު މުނާޒާއި ހިއްސާކުރި ކަންބޮޑުވުމެއް

ނަމަވެސް ނޫސްވެރިން ތަކުރާރުކޮށް ޖަވާބު ނުލިބޭ ގިނަ ސުވާލުތަކެއް ހުރިކަމަށް ބުނަމުން ދަނިކޮށް، ޤައިދީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމުގެ 100 ޕަސެންޓް ޔަޤީންކަން ދެއްވާކަމަށް ވިދާޅުވެ މުނާޒް ޕްރެސް ކޮންފަރެންސް ނިންމަވާލެއްވިއެވެ. އޭރު އަޅުގަނޑުވެސް ޖަވާބު ލިބޭނެ ކަމަށް އުއްމީދުކޮށް ނޯޓް ކޮށްގެން އިން އެއްވެސް ސުވާލަކަށް ޖަވާބެއް ނުލިބެއެވެ.

އެގޮތުން ނިންމަވާލެއްވީ މީޑިއާ އޮފިސަރު އިތުރު މަޢުލޫމާތުތައް ދެއްވާނެ ކަމަށް ވިދާޅުވެއެވެ. ނަމަވެސް ޖަލުގައި ހަމަނުޖެހުންތައް ހިނގި ހިސާބުން އެތައް ފަހަރަކު "ރާއްޖެޓީވީ" ގެ ނޫސްވެރިންވެސް މަޢުލޫމާތު ސާފު ނުވެގެން އުޅުނު މަންޒަރު ފެނިފައިވާތީ، މަޢުލޫމާތު ސާފު ކުރެވޭނެ ކަމުގެ އުންމީދު ކުޑައެވެ.

މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ފަރާތުން މަޢުލޫމާތު ސާފުނުވާކަމަށާއި، ބޭނުންވާ މަޢުލޫމާތު ލިބިގަތުމުގައި ދަތިވާކަމުގެ ޝަކުވާ އަކީ އަބަދުވެސް ނޫސްވެރިންގެ ޝަކުވާއެކެވެ. އަދި އެއީ ދިމާވާ ބޮޑެތި ކަންކަމުގައި ރައްޔިތުންނަަށް ތެދު މަޢުލޫމާތުތައް ހާމަ ކޮށްދިނުމުގައި ނޫސްވެރިން ކުރާ މަސައްކަތަށްވެސް އޮންނަ ބޮޑު ހުރަހެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
43%
14%
43%
ކޮމެންޓް