ފާއިތުވެގެންދިޔަ 05 އަހަރު ދުވަހު ރާއްޖޭގައި ގިނަ ބަޔަކަށް ނުހައްގުން އެތަކެއް އަނިޔާދީފައިވެއެވެ. ދައުލަތުގެ މާލިއްޔަތުން މިލިއަނުން ފައިސާ ގެއްލިގެން ދިޔައެވެ. ނުހައްގުން ކާބޯން ކުރި މަސައްކަތަށް ހުރަސްއަޅައި، ވަޒީފާއިން ވަކި ކުރަމުންދިޔައެވެ. ސިޔާސީ ވަކި މަންފާއެއް ހާސިލްކުރުމަށް ސަރުކާރުގެ މުއައްޒަފުންނަށް ޖަލްސާތަކަށް ދިއުމަށްށާއި، ސިޔާސީ އިވެންޓްތަކުގައި ބައިވެރިވުން މަޖުބޫރު ކަމަށް ހެދިއެވެ. އޭރުގައި ސިޔާސީ ގޮތުން ވެރިމީހާއާ ދެކޮޅަށް ނުވަތަ ވެރިކަން ކުރަމުން އައި ޕާޓީ ޕްރޮގްރެސިވް ކޮންގްރެސް (ޕީޕީއެމް) އާއި ދެކޮޅަށް އަޑު އުފުލާ ނުވަތަ ސޯޝަލް މީޑިއާގައި ހިޔާލެއް ފާޅުކުރުން އޮތީ ބޮޑު ބިރަކަށްވެފައެވެ. ފަސް އަހަރު ދުވަހު ގިނަ ރައްޔިތުން ކެތްކުރަމުންދިޔައީ ވޭނާ ކެކުޅުމުގައެވެ. ބިރުވެރިކަމެއްގެ ތެރޭގަ އެވެ.
23 ސެޕްޓެންބަރު 2018 ވަނަ ދުވަހު އަލިވިލިގެން ދިޔައީ ގިނަ ދިވެހިން ބޭނުންވި ގޮތަށެވެ. އެދުވަހު ބޭއްވިގެންދިޔަ ރިޔާސީ އިންތިޚާބު މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވުމާއެކު ދިވެހިންގެ ލޯތަކުން އުފާވެރިކަމުގެ ކަރުނު އޮހިގެންދިޔައެވެ. ނަމަވެސް އޭރުވެސް ގިނަ ދިވެހިން ބުނަމުން ދިޔަ ވާހަކައެއް އޮތެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންސާފުގެ ކުރިމައްޗަށް ގެނެސް، އެމަނިކުފާނަށް ހައްގު އަދަބު ދިނުމެވެ. މާގިނަ ދުވަހެއްނުވެ އެމަނިކުފާނު ހިންގެވި ޖަރީމާތައް މިސަރުކާރުން ތަހުގީގު ކުރަން ފެށިއެވެ.
ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ލޯންޑަރިންގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ 5 އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ނޮވެންބަރު މަހުގެ 28 ވަނަ ދުވަހު ހުކުމްކުރިއެވެ. މިހުކުމާއެކު އެއްބަޔަކު އުފާފާޅުކޮށްފައިވެއެވެ. ބޮޑިބަތްތަކާއެކު ބޮޑެތި ކެއުންތައް ބޭއްވިތަންވެސް ފެނިގެންދިޔައެވެ. ނަމަވެސް ކުރީގެ ރައީސް ޔާމީންއަށް ތާއީދުކުރާ ފަރާތްތަކުން ހިތްތައް މާޔޫސްވެ، ރުއި މަންޒަރު ފެނުއެވެ.
ރައީސް ޔާމީންގެ މައްޗަށް އިއްވި މިހުކުމާއެކު އެމަނިކުފާނު މިއަދު ހުންނެވީ ޖަލު ކުޑަ ގޮޅީއެވެ. އަދި އެމަނިކުފާނު މިނިވަން ކުރާނެ ކަމަށް ބުނެ އެދުވަސްކޮޅު އިދިކޮޅުން ސިލްސިލާ މުޒާހަރާތަކެއް ބޭއްވިއެވެ. އެގޮތުން 30 ނޮވެންބަރު 2019 ވަނަ ދުވަހު ޕީޕީއެމް/ޕީއެންސީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ ރައީސް ޔާމީން މިނިވަންކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ގައުމީ ހަރަކާތްތަކެއް ނުވަތަ ބޮޑު މުޒާހަރާއެއް ބާއްވާނެ ކަމަށް އިއުލާންކުރިއެވެ. އަދި ކޮންމެ ދުވަހެއް ހަވީރާއި، ރޭގަނޑު ސިލްސިލާ އެއްވުންތައް ބާއްވާނެކަންވެސް އިއުލާން ކުރިއެވެ. ނަމަވެސް އެއްމަސް ދުވަސް ވަންދެންވެސް މިމުޒާހަރާތަކާއި، އެއްވުންތަކެއް ނުބޭއްވުނެވެ. ކެނޑިހާ ފޮނި ވައިބަޑިއަށް އަރައިގެންދިޔައީއޭ ވެސް ބުނެވިދާނެއެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ތަފާތު ހަރަކާތްތައް ބާއްވާނެކަމުގެ ފޮނި އުންމީދު އެމަނިކުފާނުގެ ސަޕޯޓަރުންނަށް ދިނުމުގެ އިތުރުން ޔާމީން ގެއަށް ބަދަލުކުރާނެ ކަމުގެ ޔަގީންކަން ވެސް ޕީޕީއެމް/ޕީއެންސީގެ އިސް މެމްބަރުން ދިނެއެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް 30 ނޮވެންބަރުގައި އިސްތިއުނާފްކޮށް އުންމީދުއާ ކޮށްދިނެއެވެ.
07 ޑިސެންބަރު 2019 ވަނަ ދުވަހުގެ ރޭ "އަނިޔާވެރި ހުކުމާ ދެކޮޅަށް" މި ނަމުގައި އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ޖެނުއަރީ މަހުގެ 06 ވަނަ ދުވަހުގެ ކުރިން ރާއީސް ޔާމީން މިނިވަން ކުރާނެ ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަންކުރުމަށް ފަށާފައިވާ މަސައްކަތުގައި ހުރިހާ މެމްބަރުންގެ އެއްބާރުލުން ދިނުމަށް ޝިޔާމް އެދުނެވެ.
މީގެއިތުރުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް އަތްވާއި ވާރޭގައި މަސައްކަތް ކުރާނެ ކަމަށާއި، މިނިވަން ކުރުމުގެ މަސައްކަތުގައި ދުވަހެއް ދުވަހެއް ވަރުގަދަކުރާނެ ކަމަށެވެ.
ރައީސް ޔާމީން މިނިވަންކުރުމަށް ޕީޕީއެމް/ޕީއެންސީ ކުރާ އެންމެ ފަހުގެ މަސައްކަތްތައް ހޯދުމަށް ރާއްޖެއެމްވީ މެމްބަރު ޝިޔާމްގެ އިތުރުން އެހެން އިސްބޭފުޅުންނަށް ގުޅުއްވި ނަމަވެސް ފޯނަށް ޖަވާބެއް ނުދެއްވައެވެ.
ޕީޕީއެމްއާ ޕީއެންސީ އިސްވެރިން ދެއްކެވި މިވާހަކަފުޅުތަކާ ގުޅިގެން ޔާމީންގެ ދެކެ ލޯބިވާ އަދި ސަޕޯޓުކުރާ ރައްޔިތުން ތިބީ ވަރަށް އުފަލުންނެވެ. އެސަޕޯޓަރުންގެ އުންމީދުތައް އާވެ ހިތަށް ކޮންމެވެސް އުފާވެރިކަމެއް ލިބިގެންދިޔައެވެ. ނަމަވެސް މިއަދު މިވަނީ އެސަޕޯޓަރުންގެ ހިތްތަކަށް ނުތަނަވަސްކަން އިތުރުވެފައެވެ. ރައީސް ޔާމީން ގެއަށް ބަދަލުނުކުރޭތޯ ކުރާ ސުވާލަށް ސަޕޯޓަރުން ދޭނެ ޖަވާބެއްނެތި އިސްޖަހަން މަޖުބޫރުވެފައެވެ.