ވިލިނގިލީގައި ހުވަނި ގިނަވެ އާންމުންނަށް އުދަނގޫތަކާ ކުރިމަތިލާން ޖެހިއްޖެ
6 ޖެނުއަރީ 2020 | ހޯމަ 08:03ހުވަނި އާލާވާތާ މިހާރު 06 މަސްދުވަހަށް ވުރެ ގިނަ ދުވަސްވެފައި


ގަހެއްގައި ހުވަނި އަޅާފައި
ގއ. ވިލިނގިލީގަ ހުވަނި ގިނަވެ ޢާންމު ރައްޔިތުންނަށް އުދަނގޫތަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
ރާއްޖެއެމްވީއަށް އެރަށުގެ ކައުންސިލް މެންބަރު ހަބީބް ޙަސަން ވިދާޅުވީ އެރަށުގައި ހުވަނި އާލާވާތާ މިހާރު 06 މަސްދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި، މިހާރު އޭނގެ އުދަނގޫ މާބޮޑަށް ފޯރާފައިވާ ކަމަށެވެ.
ހަބީބް ވިދާޅުވީ ހުވަނި ނުވަތަ ހުވަނި ވާ ޖެހުމުން ގައި ހިރުވައި، ފިއްގަނޑު ނަގާ ދުޅަވާ ކަމަށާއި، ގިނައިން ފަރުވާ ހޯދަން ޖެހިފައިވަނީ ކުޑަ ކުދިންނަށް ކަމަށެވެ. އަދި ބައެއް މީހުން ގައިގެ ތަންތަން ނޫފާގަނެ، ހުން އަންނަ ކަމަށާއި، މިހާތަނަށް 24 އަށްވުރެ ގިނަ މީހުން މިކަމަށް ޞިއްޙީ ފަރުވާ ހޯދާފައިވާ ކަމަށެވެ. އަދި ކޮންމެ ދުވަހަކު ވެސް 4 ނުވަތަ 3 މީހުން ހުވަނީގެ އުދަނގޫ ޖެހިގެން ޑޮކްޓަރަށް ދައްކާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.
ހަބީބް ވިދާޅުވީ ހުވަނި މަދުކުރުމަށް ރަށުގެ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، ނަމަވެސް ހުވަނި ކޮންޓްރޯލް ކުރާނެ ގޮތެއް މިހާރު ނޭނގޭ ކަމަށެވެ. ކައުންސިލްގެ އިތުރުން، ޞިއްޙީ މަރުކަޒާއި، ޕަބްލިކް ހެލްތު ޔުނިޓާއި، އަތޮޅު ކައުންސިލުން ގުޅިގެން ހުވަނި ނައްތާލުމަށް މަސައްކަތްކުރަމުން އަންނަކަން ހަބީބް ފާހަގަކުރެއްވިއެވެ.
ހަބީބް ވިދާޅުވީ މިހާރު ހުވަނި ފެތުރުން އިތުރުވެ، ގެތަކަށް ވަންނަ ކަމަށާއި، މީހުން ދިރިއުޅޭ ގެތަކުގެ ފާރުތަކުގައި ވެސް ހުވަނީ އަޅާ ކަމަށެވެ. އަދި ހުވަނި ނެތް ގަހެއް މިހާރު ރަށުގަ ނެތް ކަމަށާއި، މިކަމަށް ޙައްލެއް ގެނައުމުގެ ގޮތުން، ގިނަ ޢަދަދެއްގެ ގަސްތައް މަރާ ގަސްތައް ކަނޑަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ވިލިނގިލީގައި 3700 މީހުންގެ އާބާދީއެއް ދިރިއުޅެމުން ގެންދެއެވެ.






