އަންނަ މަހު ގޯތިތައް ހަވާލުކުރެވޭނެ: ކެލާ ކައުންސިލް
2 ޖެނުއަރީ 2020 | ބުރާސްފަތި 06:21މިފަހަރު ދޫކުރަނީ 3000 އަކަފޫޓްގެ 68 ބަންޑާރަގޯތި


ހއ.ކެލާ
އަންނަ މަހު ބަންޑާރަގޯތި ލިބުނު ފަރާތްތަކަށް ގޯތިތައް ހަވާލުކުރެވޭނެ ކަމަށް ހއ. ކެލާ ކައުންސިލުން ބުނެފިއެވެ.
ރާއްޖެއެމްވީއަށް ކައުންސިލްގެ ނައިބު ރައީސް އައިމިނަތު އިސްމާއިލް ވިދާޅުވީ ކެލާ އިން ދިރިއުޅުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 3000 އަކަފޫޓްގެ 68 ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް މާކްސް ލިބިފައިވާ ގޮތުގެ ދާއިމީ ލިސްޓު 31 ޑިސެންބަރު 2019 ގައި އާންމުކޮށްފައިވާ ކަމަށެވެ. އަދި ދާއިމީ ލިސްޓު އާންމުކުރީ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅި 10 މައްސަލަ ހައްލުކުރުމަށްފަހު ކަމަށެވެ.
ކެލޭގައި ގޯތިދޫކުރެވެނީ ގާތްގަނޑަކަށް 05 އަހަރު ފަހުންކަން ފާހަގަކުރައްވާ އައިމިނަތު ވިދާޅުވީ ގޯތި ބޭނުންވާ ގިނަ ބަޔަކު އެރަށުގައި އެބަތިބި ކަމަށާއި، މިފަހަރު ވެސް ގޯއްޗަށް އެދިވެސް 100އަށްވުރެ ގިނަ މީހުން ފޯމް ހުށަހަޅާފައިވާ ކަމަށެވެ. ފޯމް ހުށަހެޅި ހުރިހާ އެންމެނަށް ގޯތި ދޫނުކުރެވުނު ނަމަވެސް މަސައްކަތްތައް ކުރިއަށް ގެންދިޔައީ އިންސާފުވެރިކޮށް ރައްޔިތުން އެދޭ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އައިމިނަތު ވިދާޅުވީ ބަންޑަރ ގޯއްޗަށް ކުރިމަތިލުމުގެ އިތުރު ފުރުސަތެއް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.
ކެލާގައި ގާތްގަނޑަކަށް 2300 މީހުން ދިރިއުޅެމުން ގެންދެއެވެ.





