އާދީއްތަ 25 އޮކްޓޯބަރ 2020
08 ހެއި
1442 ރަބީއުލް އައްވަލް 08
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
އިރުއޮއްސޭ 17:52
އިޝާ 19:04
2019 ވަނަ އަހަރު

2019: އަތޮޅުތެރޭގައި ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ފެށި އަހަރެއް!

  • އަތޮޅުތަކުގައި 2.5 ބިލިއަން ރުފިޔާގެ މަޝްރޫއެއް
  • ރާއްޖެ ފަސް ސަރަހައްދަކަށް ބަހާލައިގެން ތަރައްގީ ކުރުމަށް ނިންމުން
  • ކަނޑުމަތީގެ ހިތާމަވެރި ހާދިސާތައް ހިނގާފައިވޭ

ކ. މާލެ | 31 ޑިސެންބަރ 2019 | އަންގާރަ 00:31 | 3,277

ދ. އަތޮޅު ހޮސްޕިޓަލްގައި ދަތތުގެ ފަރުވާގެެ ހިދުމަތް ރައީސް ސޯލިހް އިިފްތިތާހްކުރައްވަނީ - ރައީސް އޮފީސް

މިފާއިތުވެގެން ދިޔަ އަހަރަކީ އަތޮޅުތެރޭގެ ރަށްރަށުގައި ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރެވިގެން ދިޔަ އަހަރެކެވެ. ތަރައްގީގެ މަޝްރޫއުތަކާއެކު ބައެއް އިޖްތިމާއީ މައްސަލަތައް ވެސް ފެންމަތިވެގެން ދިޔައެވެ.

އެހެން ސަރުކާރުތަކާއި ހިލާފަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގައި އަތޮޅުތަކަށް ޚާއްސަ ސަމާލުކަމެއްދީގެ ތަރައްގީ ގެނެސްދޭނެ ކަމަށް ވަނީ ވައުދުވެފައެވެ. އެގޮތުން އަތޮޅު ތެރޭގެ ހުރިހާ ރަށްރަށެއްގައި ހައުސިން އާއި ތިމާވެށީގެ މަޝްރޫއުތަކާއި އިޖުތިމާއީ އަދި ސިނާއީ މަޝްރޫއުތައް ހިންގާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

އެގޮތުން އަތޮޅުތަކުގައި 2.5 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގާނެ ކަމަށް ބަޖެޓް ފޮތުގައިވެއެވެ. އަތޮޅުތަކަށް ބަލާއިރު އެންމެ ބޮޑު ހޭދައެއް ކުރާ ގޮތަށް ރާވާފައި ވަނީ އައްޑޫ ސިޓީގައެވެ. އެއީ 523 މިލިއަން ރުފިޔާގެ މަޝްރޫއެވެ.

މީގެ އިތުރުން އެންމެ ބޮޑު ހޭދައެއް ކުރާ އަތޮޅުތަކުގެ ތެރޭގައި ހިމެނެނީ ހދ. އަތޮޅުގައި 362 މިލިއަން ރުފިޔާ، ރ. އަތޮޅުގައި 309 މިލިއަން ރުފިޔާ، ތ. އަތޮޅުގައި 332 މިލިއަން ރުފިޔާ، ގދ. އަތޮޅުގައި 486 މިލިއަން ރުފިޔާގެ މަޝްރޫއެވެ. ފުވައްމުލަކުގައި 228 މިލިއަން ރުފިޔާގެ މަޝްރޫއު ހިންގާ ގޮތަށް ހަމަޖެހިފައިވެއެވެ.

އައްޑޫ ސިޓީ - އައްޑޫ ސިޓީއަކީ ރާއްޖޭގެ ދެ ވަނަ އަށް އެންމެ ބޮޑު އާބާދީ

ރާއްޖެ ފަސް ސަރަހައްދަކަށް ބަހާލައިގެން ތަރައްގީކުރުން

މާލެއަށް ރައްޔިތުން އައުމަށް މަޖުބޫރުކުރުވާފައި އޮތްއޮތުން ބަދަލުކުރުމަށް 2019 ވަނަ އަހަރު ވަނީ އައު ސިޔާސަތެއް ކަނޑައަޅާއެކަން ހާމަކޮށްފައެވެ. އެއީ ހަމައެކަނި މާލެ ސަރަހައްދަށް ޚިދުމަތްތައް ޖަމާކުރުމުގެ ބަދަލުގައި މުޅި ރާއްޖެ ފަސް ސަރަހައްދަކަށް ބަހާލައިގެން ތަރައްގީކުރުމަށެވެ. ޕްލޭނިން މިނިސްޓްރީން ޕްރައިމަރީ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ ހދ. ކުޅުދުއްފުށި، ޅ. ނައިފަރު، ލ. ގަން، ގދ. ތިނަދޫ، ސ. ހިތަދޫއެވެ.

މީގެއިތުރުން މިފަސް ރަށް ވަށައިގެން 20 މޭލުގައި ހުންނަ ރަށްތަކަކީ ސަބް ރީޖަންގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އެރަށްތަކުގެ ތެރޭގައި ހއ. އިހަވަންދޫ، ށ. ފުނަދު، ނ. މާފަރު، ރ. ދުވާފަރު، ބ. އޭދަފަށު، ދ. ކުޑަހުވަދޫ، ތ. ތިމަރަފުށި، ގއ. ވިލިނގިލި އަދި ޏ. ފުވައްމުލައް ހިމެނެއެވެ.

ހދ.ކުޅުދުއްފުށި - ރާއްޖޭގެ އުތުރުގެ އެންމެ ބޮޑު އާބާދީއަކީ ކުޅުދުއްފުށި

އަތޮޅުތެރޭގެ ރަށްރަށުގައި ބޭސްފަރުވާ ޚިދުމަށްފުޅާ ކުރުން

ބޭސްފަރުވާ ޚިދުމަތް ހޯދުމަށް އަތޮޅުތެރޭގެ ގިނަ ބަޔަކު މާލެ ބަރޯސާވެފައިވާތީ އެމައްސަލަ ހައްލުކުރުމުގެ ގޮތުން ރާއްޖޭގެ ފަސް ރަށެއްގައި ހުރި 10 ހޮސްޕިޓަލެއް، 800 މިލިއަން ރުފިޔާ ހޭދަކޮށްގެން، މަތީ ފެންވަރުގެ އެކި ހިދުމަތް ލިބޭ ފެންވަރަށް ތަރައްގީކުރުމަށް ނިންމީ ވެސް މިދިޔަ އަހަރުގެ ތެރޭގައެވެ. އަދި ހާއްސަ ސަމާލުކަމެއް ދީގެން ހިދުމަތްތައް ފުރިހަމަކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ހދ. ކުޅުދުއްފުށި، ރ. އުނގޫފާރު، ލ. ގަމު ރީޖަނަލް ހޮސްޕިޓަލް އާއި ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އިތުރުން ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައެވެ.

ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް - ހިތަދޫގައި އަލަށް ހުޅުވާ ހޮސްޕިޓަލްގެ ގިނަ މަސައްކަތްތައްވެސް ނިންމާލައިފައިވޭ

އެއަރޕޯޓުތައް ތަރައްގީކުރުން

މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ފުރައިގެން 20 މިނެޓުން ދަތުރުކޮށްފައި އެއާޕޯޓަށް ދެވޭހާ ދުރުމިނުގައި އެއާޕޯޓްތައް ހެދުމަކީ މިސަރުކާރުގެ އަމާޒެކެވެ.

އެގޮތުން 2019 އަހަރު މާފަރު އެއާޕޯޓު ރަސްމީކޮށް ވަނީ ހުޅުވަފާއެވެ. ކުޅުދުއްފުށި އެއާޕޯޓު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެންޕޭންގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުން ހުޅުވި ނަމަވެސް ޚިދުމަތްތަކާއެކު ޝެޑިއުލް ދަތުރުތައް ފެށީ 2019 ވަނަ އަހަރު އޮގަސްޓު މަހުގެ ތެރޭގައެވެ. އަދި ހޯރަފުށީ އެއަރޕޯޓާއި ފަރެސްމާތޮޑާ އެއަރޕޯޓާއި، މާވާރުލު އެއާޕޯޓާއި މަޑިވަރު އެއާޕޯޓްގެ މަސައްކަތް ބާރު ސްޕީޑްގައި ފެށިގެން ދިޔައީ ވެސް މިދިޔަ އަހަރުގެ ތެރޭގައެވެ.

މާފަރު އެއަރޕޯޓު ހުޅުވި ރަސްމިއްޔާތުގެ ތެރެއިން - މާފަރު އެއާޕޯޓަށް މިހާރު ޝެޑިއުލް ދަތުރުތައްކުރޭ

ސަރުކާރުގެ މުއައްސަސާތަކުގެ އޮފީސްތައް އަތޮޅުތެރޭގެ ރަށްރަށުގައި ގާއިމްކުރުން

މާލެ ސިޓީން ލިބޭ ޚިދުމަތްތައް އަތޮޅުތެރޭގެ ރަށްތަކަށް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން އިމިގްރޭޝަނުން ދޭ ޚިދުމަތްތަކުގެ ތެރެއިން ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ކުރިއަށްވުރެ ފަސޭހަ ކުރުމަށް ޕާސްޕޯޓް ހެދުމުގެ ހިދުމަތް ލިބޭގޮތަށް ހއ. ދިއްދޫގައި އިމިގްރޭޝަންގެ އޮފީހެއް 11 ޖޫންގައި ވަނީ ހުޅުވާފައެވެ.

ދިއްދޫގައި އިމިގްރޭޝަން އޮފީސް ހުޅުވި ހަފްލާގެ ތެރެއިން -- ފޮޓޯ: އިމިގްރޭޝަން

ތިމާވެއްޓަށް ޚާއްސަ ސަމާލުތަކެއްދީގެން މަސައްކަތް ކުރުން

މި ސަރުކާރަކީ ތިމާވެއްޓަށް ޚާއްސަ ސަމާލުތަކެއްދީގެން މަސައްކަތްތައް ކުރިއަށްގެންދާ ސަރުކާރެއްކަން ހާމަވެއެވެ. އެގޮތުން ބޮޑުތިލަދުންމަތިން 11 ސަރަހައްދެއް ވަނީ ހިމާޔަތްކޮށްފައެވެ. އެއީ ހއ. ގައްލަންދޫ ތިލަ، ހއ. ކެލާ ޗަސްބިން، ހއ. ބިލެތްދޫ ތިލަ، ހދ. ފިނޭ ތިލަ، ހދ. އިންނަފުށި، ށ. ބޮލިއްސަފަރު، ށ. ނާލާހުރާ، ނ. ފޮއްދިއްޕަރު، ނ. ބޮޑުޅައިމެންދޫ، ނ. ކެނދިކުޅުދޫ ކަނޑޫފާ އަދި ނ. އޮރިމަސްތިލައެވެ.

ރައީސް ސޯލިހު ރާއްޖޭގެ ހިމާޔަތްކޮށްފައިވާ ކުޅިއެއް ކައިރީގައި ހުއްޓިގެން -- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ސަރުކާރުތަކުން ތިމާވެއްޓަށް ބެލުމެއްނެތި ފަށާފައިވާ ތަރައްގީގެ މަޝްރޫއުތަކުން ބައެއް ކަންކަން ވަނީ ފެންމަތިވެފަ އެވެ.

އެގޮތުން ނ. މާފަރުގައި އެއާޕޯޓް ތަރައްގީ ކުރަނިކޮށް، ރަންވޭއަށް ވެލައެއް އަރައި، އެތަނަށް ބިސް އެޅިއެވެ. އަދި ވެލާ މަރުވި މައްސަލަ ގިނަ ބައެއްގެ ސަމާލުކަމަށް ވެސް އައެވެ. އެއީ މާފަރު އެއާޕޯޓް އެޅި ސަރަހައްދަކީ ކުރިން އާންމުކޮށް ވެލާ އަރައި އުޅޭ ސަރަހައްދެއް ކަމަށްވަތީއެވެ.

ނ. މާފަރު ރަންވޭއަށް ބިން އެޅިވެލާ -- ފފޮޓޯ: ޓުވީޓަރ

އިޖްތިމާއީ މައްސަލަތަކާއި، ހިތާމަވެރި ބައެއް ހާދިސާތައް

އަތޮޅުތެރޭގެ ރަށްރަށުން ބައެއް އިޖްތިމާއީ މައްސަލަތައް ވެސް ފެންމަތިވެގެން ދިޔައެވެ.

އެގޮތުން ގއ. ނިލަންދޫގެ ގެޔަކަށް ކަޅުތެޔޮ ޖެހައި ގެއްލުންދިން މައްސަލައެއް ފެންމަތިވިއެވެ. އަދި ނ. ލަންދޫގެ އެއް އާއިލާއެއްގެ ފަސް ކުޑަކުދިން ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. ދައުލަތުގެ ބެލުމުގެ ދަށަށް ކުދިންތައް ގެންދިޔައީ ގޭގެ ސާފުތާހިރުކަމާއި ގޭތެރޭގެ އެހެން ކަންކަން ވެސް ހުރި ގޮތުން، އެތަނުގައި ކުޑަކުދިން ބައިތިއްބަން އެކަށީގެން ނުވުމުގެ ސަބަބުންނެވެ.

ސޯސަންވިލާގެއަށް ކަޅުތެޔޮ ޖަހާފައި -- ފޮޓޯ: ޓުވިޓަރ

ބައެއް ހިތާމަވެރި ހާދިސާތަކާއެކު ބިރުވެރި މަރުގެ މައްސަލަތައް ވެސް ފެންމަތިވިއެވެ.

އެގޮތުން ށ. ޅައިމަގުގައި ދޯންޏެއްގައި މަސައްކަތް ކުރި ބަގްލަދޭޝް ލުތުފަރު ނަމަކަށް ކިޔާ ފިރިހެނެއް މަރާލިއެވެ. އަދި އެމީހާގެ ހަށިގަނޑުގެ ބައިތައް ފެނުނީ ޅައިމަގުގެ ބޭރު ތޮށި ކައިރިން ކަނޑުންނެވެ.

ލުތުފަރުގެ ހަށިގަނޑުގެ ބައެއް ބައިތައް

މީގެ އިތުރުން ދީނީ ހައްދު ފަހަނަ އަޅާފައިވާ މީހުން ހޯދުމަށް ފުލުހުންނާއި ޤައުމީ ދިފާޢީ ބާރާއި ގުޅިގެން ރ. މަޑުއްވަރީގައި ވަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ. މިއޮޕަރޭޝަންގައި 03 މީހަކު ހައްޔަރުކުރިއެވެ. އަދި ޖެންޑަރ މިނިސްޓްރީން ވަނީ އެރަށުގެ 9 ގޭބީސީއަކަށް ޒިޔާރަތްކޮށް 18 އަހަރުން ދަށުގެ 20 ކުދިންގެ ޙާލަތު ބަލާފައެވެ.

ރ. މަޑުއްވަރީގައި ފުލުހުން ހަރަކާތްތެރިވަނީ

ކަނޑުމަތީގައި ހިނގާދިޔަ ހިތާމަވެރި ހާދިސާތަކަށް ބަލާއިރު، ލ. ކައްދޫން މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި އުމުރުން 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒު ވަނީ ގެއްލުނީ ވެސް ފާއިތުވެގެންދިޔަ އަހަރެވެ.

19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒު -- ފޮޓޯ: ފޭސްބުކް

ހދ. ނޮޅިވަރަން ފަރުން ފުރައިގެން ހދ. ހަނިމާދޫއަށް ދަތުރުކުރަމުންދިއަ ލޯންޗެއް ބަންޑުން ޖަހައިލާ 05 މީހަކު ނިޔާވީ ވެސް މިދިޔަ އަހަރުގެ ތެރޭގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.