އެކަށީގެންވާ ސަރވިސް ޗާޖް ރިސޯޓުތަކުންދޭ ކަމަށް މިނިސްޓަރު ވިދާޅެއް ނުވޭ: ޓޫރިޒަމް މިނިސްޓްރީ
26 ޑިސެމްބަރު 2019 | ބުރާސްފަތި 15:17ވިދާޅުނުވާ ބައެއް ވާހަކަތައް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައި


ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހިންނަށް އެކަށީގެންވާ ސަރވިސް ޗާޖް ރިސޯޓުތަކުންދޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވާ ނުވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހިންނަށް އެކަށީގެންވާ ސަރވިސް ޗާޖް ރިސޯޓުތަކުންދޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވާ ކަމަށް މީޑިއާތަކުގަ ރިޕޯޓުކުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އެމަނިކުފާނަށް ވަނީ އަމާޒުވެފައެވެ.
އެމައްސަލައާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ޢާންމުކުރި ބުނެފައިވަނީ ޑިސެންބަރު 25 ވީ ބުދަ ދުވަހުގެ 13:30 ގައި މިނިސްޓަރު އަލީ ވަހީދު ރާއްޖޭގެ މީޑިއާތަކަށް ދެއްވި ޕްރެސް ކޮންފަރެންސްގައި އެމަނިކުފާނު ދެއްކެވި ބައެއް ވާހަކަތައް އެވިދާޅުވި މަފްޙޫމާއި ޚިލާފަށް އަދި ވިދާޅު ނުވާ ބައެއް ވާހަކަތައް ބައެއް މީޑިއާތަކުގައި މީސް މީޑިއާތަކުގައި ދައުރުވަމުންދާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ސަރވިސް ޗާޖާއި ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ސިނާޢަތުގެ ގިނަ ރިޒޯޓުތަކުގެ ޕެރިޓީ (ދިވެހި: ބިދޭސީ މުވައްޒަފުންގެ ނިޞްބަތް) ރަނގަޅަށް އޮތް ކަމަށާއި، ސަރވިސް ޗާޖް ދޭ ޢަދަދުތައް ވެސް ފެންނަން އެބަހުރި ކަމަށެވެ. އަދި ސަރވިސް ޗާޖް ދިނުމުގައި ޢަމަލުކުރަނީ ރަނގަޅަށޭ ނުވަތަ ގޯހުންނޭ ސީދާ ވިދާޅުނުވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ޖުމުލަ ގޮތެއްގައި މިހާރު ސަރވިސް ޗާޖުދޭ ގޮތާއިގުޅޭ ގޮތުން ހިތްހަމަޖެހޭކަން ނުވަތަ ނޫންކަން ސީދާ ވިދާޅުވެފައެއް ނުވާ ކަމަށެވެ.
މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން ބުނީ ސިއުރިޓީ އޮޑިޓް (އިންސްޕެކްޝަން) އާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވެފައިވަނީ ގިނަ ރިސޯޓުތައް ހުރީ ރަނގަޅަށް ކަމަށާއި، މައްސަލަތައް ދިމާވާ ރިސޯޓުތައް ބަލައި މައްސަލަތައް ޙައްލުކުރުމަށް އެފަރާތްތަކާ މަޝްވަރާކުރާނެ ކަމަށެވެ.
ދިވެހި ވިޔަފާރިވެރިން ހިންގާ ގިނަ ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހިންނަށް އެކަށީގެންވާ މުސާރައާ ސަރވިސް ޗާޖް ނުދޭ މައްސަލައަކީ އަބަދުވެސް ރިސޯޓް މުވައްޒަފުން ކުރާ ޝަކުވާއެކެވެ. ބައެއް ރިސޯޓުތަކުގައި ދިވެހި މުވައްޒަފުންނާއި ބޭރު މުވައްޒަފުންނާއި ދޭތެރޭ ފަރަޤުތަކެއް ގެންގުޅޭ ވާހަކަވެސް ވަރަށް ގިނައިން ދައްކައި އުޅެއެވެ. އެކަންތައްތަކަށް އަދިވެސް އެކަށީގެންވާ ޙައްްލެއް ލިބިފައެއް ނުވެއެވެ.




