ކުޑަހުވަދުއަށް އިތުރު ސްކޫލެއް ބޭނުންވޭ: ކައުންސިލް
23 ޑިސެމްބަރު 2019 | ހޯމަ 06:54800 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރޭ


ދ.އަތޮޅު ތައުލީމް މަރުކަޒުގައި ތައުލީމް ހާސިލްކުރާ ދަރިވަރުންތަކެއް
ދ. ކުޑަހުވަދުއަށް އިތުރު ސްކޫލެއް ބޭނުންވާ ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.
ރާއްޖެ ޓީވީގެ އެތެރެދުނި ޕްރޮގުރާމުގައި އެރަށު ކައުންސިލުގެ ނައިބު ރައީސް އަލީ ސަޢުދު ވިދާޅުވީ ދ. އަތޮޅު ތަޢުލީމީ މަރުކަޒަށް ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށާއި، 800 އަށްވުރެ ގިނަ ކުދިން ތަޢުލީމު ޙާޞިލު ކުރަމުންދާ ކަމަށެވެ.
އައު ކްލާސްރޫމްތަކެއް މަރާމާތުކޮށް ނިމިފައިވާކަން ފާހަގަކުރައްވައި ސަޢުދު ވިދާޅުވީ މިކްލާސްރޫމްތަކާއެކު ވެސް ޖާގައިގެ ދަތިކަމުގެ މައްސަލައަށް ޙައްލު ނުލިބޭނެ ކަމަށެވެ. ނަމަވެސް މަސައްކަތް ކުރަމުންދަނީ މިކްލާސްރޫމްތަކާއެކު ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އެއް ދަންފަޅިއަކަށް ކިޔަވާދެވޭނެ އިންތިޒާމު ހަމަޖެހިގެން ދިއުން ކަމަށް ސަޢުދު ވިދާޅުވިއެވެ.
ސަޢުދު ވިދާޅުވީ ދ.އަ ތޮޅު ތަޢުލީމީ މަރުކަޒަކަށް އަތޮޅު ތެރެއިން ގިނަ ކުދިން އުގެނެން އަންނަ ކަމަށާއި، ބައެއް ރަށްރަށުގެ މީހުން ދަރިންނަށް ތަޢުލީމު ދިނުމަށް ކުޑަހުވަދޫގައި ވަޒަންވެރިވާ ކަމަށެވެ. އަދި ތަޢުލީމީ ޙާލަތަށް ބަލާއިރު އިތުރު ސްކޫލެއް ބޭނުންވާ ކަމަށާއި، އައު ސްކޫލެއް ޢިމާރާތްކުރުމަށް ކަމާބެހޭ ފަރާތްތަކާއެކު ކައުންސިލުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް ސަޢުދު ވިދާޅުވިއެވެ.
ސަޢުދު ވިދާޅުވީ ކިޔަވަން އަންނަ ކުދިންނާ ބަލާފައި އެކަށީގެންވާ ޖާގަ ދަނާލުން ނުލިބޭ ކަމަށާއި، އެކަމަށް ވެސް ޙައްލެއް ބޭނުންވާ ކަމަށެވެ. މިސަރުކާރަކީ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާ ސަރުކާރަކަށްވާތީ މިކަންބޮޑުންތަކަށް ޙައްލެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ސަޢުދު ވިދާޅުވިއެވެ.







