ފަތުރުވެރިކަމަށް ދޫކޮށްލެވިފައިވާ 70 ރަށެއް ތަރައްގީ ކުރަނީ
17 ޑިސެމްބަރު 2019 | އަންގާރަ 11:47އެރަށްތައް މޮނިޓަރ ކުރުމުގެ މަސައްކަތް ދަނީ ކުރަމުން

ޓޫރިޒަމް މިނިސްޓްރީގެ ޑިރެކްޓަރު އަލީ ޝިނާން
ކުރީ ސަރުކާރުތަކުން ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން 70 ރަށެއް ބޭނުންނުކޮށް ދޫކޮށްލާފައިވާ ކަމަށާއި، މިފަސް އަހަރުގެ ތެރޭގައި އެރަށްތައް ތަރައްގީ ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ރާއްޖެޓީވީގެ ފަލަސަރުހީ ޕްރޮގްރާމްގައި ޓޫރިޒަމް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން އެމިނިސްޓްރީގެ ޑިރެކްޓަރު އަލީ ޝިނާން އަދި ސީނިއަރ ޕޮލިސީ ޑިރެކްޓަރ ރިފާތު ރަޝީދު ވަނީ ބައިވެރިވެ މައުލޫމާތުދީފައެވެ.
ޕްރޮގްރާމްގައި ޑިރެކްޓަރު ޝިނާން ވިދާޅުވީ ތަރައްގީ ނުކުރެވި މަޑުޖެހިފަ ހުރި ރަށްތައް ކުރީ ސަރުކާރުން ރަނގަޅަކަށް މޮނީޓަރ ކޮށްފައި ނުވާ ކަމަށާއި، ނަމަވެސް މިހާރު މިރަށްތައް މޮނީޓަރ ކުރަމުންދާ ކަމަށެވެ.
ޝިނާން ވިދާޅުވީ ދޫކޮށްފައިވާ ރަށްތަކުން އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދާ ރަށްތައް އެބަހުރި ކަމަށާއި، މަސައްކަތް ކުރަނީ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ހުރިހާ އަތޮޅުތަކެއްގަ ހުރި ބޭނުންނުކޮށް ދޫކޮށްލާފައިވާ ރަށްތައް ފާހަގަކޮށް މަސައްކަތްތައް ފެށޭނެ ގޮތެއް ހެދުމަށް ކަމަށެވެ.
އެގޮތުން އެރަށްތަކާ ބެހޭ ޕްރޮގްރެސް ރިޕޯޓުތައް ހަދައި، މަސައްކަތްތައް ކުރިއަށް ނުދަނީ ކީއްވެތޯ ބަލައި، އެގްރިމެންޓާ ހިލާފުވެފައިވޭތޯ ބަލާނެ ކަމަށާއި، އެރަށްރަށުގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އިތުރަށް މުއްދަތެއް ދޭނެތޯ ނުވަތަ ބާތިލް ކުރާމާ މެދު މަޝްވަރާ ކުރާނެ ކަމަށް ޝިނާން ވިދާޅުވިއެވެ. އަދި ވިދާޅުވީ މިނިންމުންތައް ނިންމާނީ ޕޮލިސީ ލެވަލްގެ ބޭފުޅުން ކަމަށެވެ.
ސީނިއަރ ޕޮލިސީ ޑިރެކްޓަރ ރިފާތު ރަޝީދު ވިދާޅުވީ މިރަށްތައް 19 އަހަރަށް ނުވަތަ 16 އަހަރަށް ދޫކޮށްފައިވާ ކަމަށާއި، މަސައްކަތްތައް ކުރަނީ ރައްޔިތުންނަށް ފައިދާއާ މަންފާ ލިބޭ ގޮތަށް ކަމަށެވެ. އަދި އެއްވެސް ބަޔަކަށް ގެއްލުމެއްދޭ ގޮތަކަށް ކަންތައްތައް ކުރުމުގެ ވިސްނުމެއް ނެތް ރިފާތު ވިދާޅުވިއެވެ.
ރިފާތު ވިދާޅުވީ މަޝްވަރާގެ މަތިން ވެސް ހައްލެއް ނުލިބޭނަމަ، މިރަށްތައް ތަރައްގީ ކުރުމަށް އޯޕަން ބިޑިން ޕްރޮސަސްއަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާނެ ކަމަށާއި، ފަސްއަހަރުގެ ތެރޭގައި ތަރައްގީ ކުރާނެ ކަމަށެވެ.







