އަލަށް ހުޅުވާ ރިސޯޓުތަކާއެކު 18000 ވަޒީފާ އުފެދިގެންދާނެ: މިނިސްޓަރު އަލީ ވަހީދު
16 ޑިސެމްބަރު 2019 | ހޯމަ 08:0612 އަތޮޅަކުން ރަށްތައް ދޫކުރާނެ


ވިޔަވަތި ރާއްޖޭގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖޭގައި އަލަށް ހުޅުވާ ރިސޯޓުތަކާއެކު 18000 ވަޒީފާ އުފެދިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
"ވިޔަވަތި ރާއްޖޭ"ގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިޚާބުގައި ވެފައިވާ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގެ 12 އަތޮޅަކުން ޖުމްލަ 8000 އެނދާއެކު 18000 ވަޒީފާ ހުޅުވޭ ގޮތަށް އަލަށް ޓޫރިޒަމްއަށް ދޫކުރާ ރަށްތައް ހޯމަ ދުވަހުގެރޭ އިއުލާން ކުރާނެ ކަމަށެވެ.
ރަށްތައް ދޫކުރުމުގައި އެންމެ އިސްކަމެއްދެނީ އުތުރާއި ދެކުނުގެ ރަށްތަކަށް ކަމަށާއި، މިހާރު އެރަށްތަކުގެ އެންވަޔަރަމެންޓް އެސެސްމެންޓާއި އަދި ރަށްތަކާއި ކައިރި ރަށްތަކުގެ ރައްޔިތުންގެ ސޯޝަލް އެކޮނޮމިކް އެސެސްމެންޓް ހަދާ ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އަލަށް ހުޅުވޭ ރިސޯޓުތަކުން ޓްރެއިނިންގ ކޯޑަށް މިހާރު ރައީސް ބަޖެޓް އިތުރުކޮށްދީފައިވާ ކަމަށާއި، މިއަންނަ އަހަރުން ފެށިގެން އަލަށް ރިސޯޓުތައް ހުޅުވޭއިރު، ތަމްރީން ހެދުމަށް މާލެ އަންނަން ނުޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ އެރިސޯޓެއްގެ ވެރިންނާއި، ސަރުކާރާ ގުޅިގެން އެރިސޯޓުގެ ވަޒީފާތަކަށް ބޭނުންވާ މީހުން ތަމްރީން ކުރުމުގެ މަސައްކަތްތައް އަންނަ އަހަރުން ފެށިގެން ކުރިއަށްދާނެ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރަށްރަށުގެ ރައްޔިތުންނާއި، ކައުންސިލަރުންނާއި، ރިސޯޓުގެތަކުގެ ބޭފުޅުން އެއްގަލަކަށް އަރުވައި، އެކުގައި މަސައްކަތް ކުރެވޭނެ މާހައުލެއް ސަރުކާރުން ގާއިމްކޮށްދޭނެ ކަމަށެވެ.
ވިޔަވަތި ރާއްޖެ މަހާސިންތާގައި ވާހަކަދެއްކެވި ބައެއް ކައުންސިލަރުން ވަނީ އެފަރާތްތައް ނިސްބަތްވާ އަތޮޅުތަކުގައި ރިސޯޓުތައް މަދުވުމުން އެފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަލަށް ޓޫރިޒަމަަށް ދޫކުރާ ރަށްތައް އިއުލާންކުރާއިރު، މިކަމަށް ރިއާޔަތްކޮށްފައިވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.






