ކ. މާލެ
|
12 ޑިސެންބަރ 2019 | ބުރާސްފަތި 16:57
އައްޑޫ ސިޓީގެ މަގުހެދުމާއި ބިން ހިއްކުމުގެ މަޝްރޫޢު ޑިޒައިން ކުރަން ބަޔަކާ ހަވާލުކުރުމުގެ ތެރެއިން
އައްޑޫ ސިޓީގެ މަގުހެދުމާއި ބިން ހިއްކުމުގެ މަޝްރޫޢު ޑިޒައިން ކުރަން ބަޔަކާ ހަވާލުކުރުމުގެ ތެރެއިން
މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
އައްޑޫ ސިޓީ
އައްޑޫ ސިޓީގެ މަގުހަދައި، ބިން ހިއްކުމުގެ މަޝްރޫޢު ޑިޒައިން ކުރަން އިންޑިޔާގެ ދެ ކުންފުންޏަކާ ހަވާލުކޮށްފި
 
މި މަޝްރޫޢުގައި އައްޑޫ ސިޓީގެ 25 ކިލޯމީޓަރުގެ މަގު ހެދުމާއި އެސިޓީގެ 4 ސަރަހައްދެއްގެ ބިން ހިއްކުން ހިމެނޭ
 
މިމަޝްރޫޢަކީ އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޔޫއެސް ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫޢެއް
 
މިއީ 1221 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަސައްކަތެއް

އައްޑޫ ސިޓީގެ 25 ކިލޯމީޓަރުގެ މަގު ހެދުމަށާއި، އެސިޓީގެ 4 ޞަރަޙައްދެއްގެ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތުގެ ޑިޒައިން އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓެންސީގެ މަސައްކަތް ކުރުމަށް އިންޑިޔާގެ ދެ ކުންފުންޏަކާ ޙަވާލުކޮށްފި އެވެ.

މިމަސައްކަތް ކުރުމަށް ޙަވާލުކޮށްފައިވަނީ އިންޑިޔާގެ އެލް އެންޑް ޓީ އިންފްރާސްޓަރަކްޗަރ ޕްރައިވެޓް ލިމިޓެޑް އިން ޖޭވީ ވިތު އެލްއީއޭ އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑާ އެވެ. 1221 ދުވަހުގެ ތެރޭގައި ނިންމުމަށް ޙަވާލުކޮށްފައިވާ މި މަސައްކަތުގެ އަގަކީ 7،107،915.00 (ހަތް މިލިއަން ސަތޭކަ ހަތްހާސް ނުވަސަތޭކަ ފަނަރަ ) ޔޫއެސްޑޮލަރ އެވެ.

މިމަޝްރޫޢަކީ އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޔޫއެސް ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫޢެއްކަމަށް މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓަރަކްޗަރ އިން މަޢުލޫމާތު ދެއެވެ. މިއީ 800 މިލިއަން ޔޫއެސް ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިޔަށްގެންދާ ދެ ވަނަ މަޝްރޫޢެވެ. މީގެކުރިން 34 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ވަނީ މި ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިޔަށް ގެންގޮސްފަ އެވެ.

ރާއްޖެ އަށް އިންޑިއާ އިން ދޭ ކްރެޑިޓު ލައިންގެ ތެރެއިން 200 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) އައްޑޫ ސިޓީގެ އެކި ރަށްރަށުގެ މަގުތަކާއި ބަނދަރު ހެދުން ފަދަ މަޝްރޫއުތަކަށް ޚާއްސަ ކުރަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ މިއަހަރު ބޭއްވި މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމް ގައި އޮތް ނިއުސް ބްރީފިން އެއްގައި ވިދާޅުވެފަ އެވެ.

މި ކޮންޓްރެކްޓްގެ ދަށުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި މަޝްރޫޢުގެ ޑީޓެއިލް ޕްރޮޖެކްޓް ރިޕޯޓް ތައްޔާރުކުރުމާއި، ޕްރިލިމިނަރީ ޑިޒައިން ތައްޔާރުކުރުމާއި، ޓެންޑަރިންގ މަރުޙަލާގެ މަސައްކަތްތަކާއި ކޮންސްްޓްރަކްޝަން ސުޕަރވިޝަންގެ މަސައްކަތެވެ. މީގެއިތުރުން މިމަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގެ ރަށްރަށުގައި ފެންހިންދާ ނިޒާމު ޤައިމުކުރުމަށް ހަމަޖެހިފައިވާއިރު ،އައްޑޫ ސިޓީގެ ރަށްރަށުގައި ދިމާވާ ފެން ބޮޑުވުމުގެ މައްސަލައަށް މިކަމުން ޙައްލު އަންނާނެ އެވެ.

މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގެ 228 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ހިތަދޫގެ 90 ހެކްޓަރާއި ، މަރަދޫފޭދޫ އިން 75 ހެކްޓަރާއި ހުޅުމީދޫ އިން 38 ހެކްޓަރު އަދި ރިސޯޓް ތަރައްޤީ ކުރުމަށް ހުޅުވާލުމަށްޓަކައި ފަޅުތެރެއިން 25 ހެކްޓަރުގެ ބިމެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް އައްޑޫ ސިޓީ ކައުންސިލުގައި ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް އާއި ޕްލޭނިން މިނިސްޓްރީގެ އިސްވެރިންގެ އިތުރުން އައްޑޫ ކައުންސިލް މެންބަރުންނާއި އައްޑޫ އަށް ނިޞްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް