އަންހެނުންނަށް ޤާނޫނަކުން ގޮނޑި ޚާއްސަކުރާކަށް ނުޖެހޭ، ހިތްމަތާއެކު މަސައްކަތް ކުރުމުން އެކަންވާނެ: ޤާސިމް
ޤާސިމް ވަނީ އަންހެނުން ބާރުވެރި ކުރުވަން މިކުރެވޭ ކަންތައްތަކުގެ ނަތީޖާ އާ މެދު ސުވާލު އުފައްދަވާފައި

ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރ ޤާސިމް އިބްރާހީމް
ޤާނޫނަކުން ވަކިގޮތަކަށް ކަނޑައެޅިގެން އަންހެނުންނަށް ގޮނޑި ޚާއްޞަ ކުރާކަށް ނުޖެހޭ ކަމަށާއި އަންހެނުން ހިތްމަތާއެކު މަސައްކަތް ކުރުމުން އެކަން ވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރ ޤާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ޤާސިމް މިމޭރުމުން ވާހަކަ ދައްކަވާފައިވަނީ ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ގޮފި ރަތް ފިޔަ އިފްތިތާހު ކުރުމަށް ޖޭޕީގެ މައި މަރުކަޒު ކުނޫޒްގައި ބޭއްވި ހަފުލާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނަށް ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ޚާއްސަ ކުރަންޖެހޭ ގޮތަށް އިޞްލާޙުގެނައުމަށް ކޮމިޓީން ފާސްކުރުމުން މީގެ ކުރިން ކުނޫޒްގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވެފައިވަނީ އެ މާއްދާ ޤާނޫނު އަސާސީ އާ ޚިލާފުކަމަށެވެ. އެގޮތަށް ގާސިމް ވިދާޅުވުމުން ގިނަ ބައެއްގެ ފާޑުކިޔުން ގާސިމަށް ރައްދުވެފައިވާއިރު ކުނޫޒްގައި ހޯމަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުންވެސް ގާސިމް ވަނީ އެވާހަކަތައް ތަކުރާރުކުރައްވާ އެގޮތަށް ވިދާޅުވި ސަބަބު ހާމަކުރައްވާފަ އެވެ.
ޤާސިމް ވަނީ އަންހެނުން ބާރުވެރި ކުރުވަން މިކުރެވޭ ކަންތައްތަކުގެ ނަތީޖާ އާ މެދު ސުވާލު އުފައްދަވާފައެވެ. އަދި މިއީ އަންހެނުންނަށް ކުރާ މަލާމާތެއް ނުވަތަ ޖޯކެއްތޯ ޤާސިމް އެއްސެވިއެވެ.
މިހާރު އަމަލުކުރަމުންދާ ޤާނޫނު އަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވި ޤާސިމް ވިދާޅުވީ އަންހެނުންނަށް ވަކި އިންސައްތައެއް ކަނޑައެޅުމަށް ހުއްޖަތް ދައްކަވާ ބޭފުޅުން އެނަންގަވާ ޤާނޫނު އަސާސީގެ 17 ވަނަ މާއްދާގެ ށ ގައި އެބުނާ ވާހަކަ އާ މެދު ވިސްނާލަންޖެހޭ ކަމަށެވެ.
ޤާސިމް ވިދާޅުވީ ޚާއްސަ މަޖިލީހުގެ ޔައުމިއްޔާތަކުން އެކަންކަން ސާފުވާނެ ކަމަށާއި މިއީ އެނޫންގޮތަކަށް ކޮށްފައި އޮތްކަމެއް ކަމަށް ދެއްކެން ނޯންނާނެ ކަމަށެވެ.
ޤާސިމް ވިދާޅުވީ ކައުންސިލްތަކުގެ ވަކި އިންސައްތައެއް އަންހެނުންނަށް ޚާއްސަ ކުރުމަށް ނިންމުމުން މިހާރު ދިމާވާނެ މައްސަލަތަކެއް ހުންނާނެ ކަމަށެވެ. ނަމަވެސް އެމައްސަލަތަކުގެ ތަފުސީލެއް ގާސިމް ނުދެއްވައެވެ. ޖުމްހޫރީ ޕާޓީއަކީ މިހާރު މިއޮތް ކޯލިޝަން ސަރުކާރުގައިވެސް ހިމެނޭ ބަޔަކަށްވާތީ އެވާހަކަ ދޫކޮށްލާނީ ކަމަށް ޤާސިމް ވިދާޅުވި އެވެ.


