ކ. މާލެ
|
8 ޑިސެންބަރ 2019 | އާދީއްތަ 08:55
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
މިހާރު
އާސްކްސްޕީކަރ
އެނބުރި ޖަލަށް ދާކަށް އަޅުގަނޑު ނޭދެން: ރައީސް ނަޝީދު
 
ސުޕްރީމް ކޯޓުން ވަނީ އެމަނިކުފާނުގެ މައްޗަށް ކުރެވުނީ ޞައްހަ ދައުވާއެއް ނޫންކަމަށާއި އެއީ ޞައްހަ ހުކުމެއް ނޫންކަމަށް ނިންމާފައި
 
ރައީސް ނަޝީދު ވިދާޅުވީ، އެއްކަމެއްގައި ދެފަހަރަކު ދައުވާ ކުރެވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް
 
އާންމު ރައްޔިތަކު އެމަނިކުފާނާ ކުރެއްވި ސުވާލަކީ އެމަނިކުފާނަށް މީގެކުރިން އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަނީ ކޮންއިރަކުންތޯ

އަލުން އަނބުރާ ޖަލަށް ވަޑައިގަންނަވަން އެދިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ސުވާލުކުރުމުގެ ފުރުޞަތު ޢާންމު ރައްޔިތުންނަށް ދިނުމަށް ބޭއްވި 'އާސްކް ސްޕީކަރ' ޕްރޮގުރާމުގައި ޢާންމު ރައްޔިތަކު އެމަނިކުފާނާ ކުރެއްވި ސުވާލަކީ އެމަނިކުފާނަށް މީގެކުރިން އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަނީ ކޮންއިރަކުންތޯ އެވެ؟ އަދި ފަނޑިޔާރަކު ވަގަށް ނެގިކަމުގެ ދައުވާއަށް އަދަބު ލިބެންޖެހޭނޫންތޯ އާއި މިނޫން ވެރިކަމެއްގައި ދައުވާކުރެވި ދާނެ ނޫންތޯ އެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެއްކަމެއްގައި ދެފަހަރަކު ދައުވާ ކުރެވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެމައްސަލާގައި އެމަނިކުފާނުގެ މައްޗަށް ދައުވާކުރެވި ހުކުމް އިއްވާފައިވާއިރު ފަހުން ސުޕްރީމް ކޯޓުން ވަނީ އެމަނިކުފާނުގެ މައްޗަށް ކުރެވުނީ ޞައްހަ ދައުވާއެއް ނޫންކަމަށާއި އެއީ ޞައްހަ ހުކުމެއް ނޫންކަމަށް ނިންމާފައިކަމަށެވެ. އަދި މިކަމުގައި ބައިނަލްއަގްވާމީ މުޖުތަމަޢު އާއި ރާއްޖެވެސް ހިމެނޭ ގޮތުން އެއާމެދު ބަސްބުނެފައި ވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް ފަހުން ކަންތައްވާނެ ގޮތް ވިދާޅުވާން ނޭންގޭކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ދެން އެހެން ދައުރެއްގައި އެކަން ވާނެ ގޮތެއް ނޭންގޭ. އަޅުގަނޑު ނުޔެއް އެދެން އަނެއްކާވެސް އަލުން އެނބުރި ޖަލަށް ދާކަށް. އެހެންނަމަވެސް އަލުން އަނބުރާވެސް ދާން އޮތްތަނަކީ އެއީ ކަމަށްވަންޏާ އަނެއްކާވެސް އެކަމައިގެން އުޅޭނީ. އަޅުގަނޑު ނުދަންނަވާނަން މާދަމާ ދެން ވެގެންދާނެ ގޮތަކީ ކޮބައިތޯ. ދެން އެކަމުން އަޅުގަނޑު ކިހާ މިންވަރަކަށްތޯ ތައްޔާރަށް ހުރީ. ކުރަންޖެހުނު ކަމަކަށް ކުރާން އޮތީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދުގެ ވެރިކަމުގައި ކުރިމިނަލް ކޯޓްގެ އޭރުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ސިފައިން މަދުވެރިކޮށް ހައްޔަރުކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 15ގަ އެވެ.

ހުކުމުގެ ދަށުން ދުވަސްކޮޅެއްގައި މާފުށީ ޖަލުގައި ހުންނެވުމަށް ފަހު، އެމަނިކުފާނު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެން މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ވުމާ ހަމައަށް އެމަނިކުފާނު ހުންނެވީ އިނގިރޭސި ވިލާތުގަ އެވެ. އދ ގެ ވޯކިން ގްރޫޕަށް އެމަނިކުފާނުގެ ޖަލު ހުކުމުގެ މައްސަލަ ހުށަހެޅުމުން އެ މައްސަލަ ބަލައި އެ ޖަމާއަތުން ބުނެފައި ވަނީ، އެމަނިކުފާނުގެ ޝަރީއަތް ހިންގީ އިޖުރާއަތްތަކާ ހިލާފަށް ކަމަށާއި އެހެން ކަމުން އެމަނިކުފާނު މިނިވަންކޮށް ހިފަހައްޓާފައިވާ ހުރިހާ ހައްގެއް އެމަނިކުފާނަށް ލިބިދޭން ޖެހޭ ކަމަށެވެ.

ރިޔާސީ އިންތިހާބު، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ކާމިޔާބު ކުރެއްވުމާއެކު އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވަން ނިންމެވުމުން ޕްރޮސިކިއުޓަރ ޖެނަރަލްގެ ފަރާތުން އެ މައްސަލަ ރިވިއު ކޮށްދިނުމަށް ސުޕްރީމް ކޯޓުގައި މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު އެދުނެވެ. އަދި އެ ކޯޓުން އެ މައްސަލާގައި ވަގުތީ އަމުރެއް ނެރުނެވެ. އެ އަމުރުގައި ވަނީ ކުރިން އިއްވާފައިވާ ހުކުމާ ގުޅިގެން އެއްވެސް ފަރާތަކުން އެމަނިކުފާނުގެ މައްޗަށް އެއްވެސް ކަހަލަ ފިޔަވަޅެއް ނޭޅުމަށެވެ.

އޭގެފަހުން ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ކަނޑައެޅީ، ރައީސް ނަޝީދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ވެސް ބާޠިލު އިޖުރާއަތެއްގެ މައްޗަށް ކަމަށާއި އެހެންވެ، އޭގެ ދަށުން ހިނގާފައިވާ ކޮންމެ ކަމަކީ ވެސް ބާތިލު ކަމެއް ކަމަށެވެ. ސުޕްރީމް ކޯޓުން މިހުކުމް ނެރެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 26 ވަނަ ދުވަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
50%
50%
0%
ކޮމެންޓް