ކ. މާލެ
|
30 ނޮވެންބަރ 2019 | ހޮނިހިރު 18:02
ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް
ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް
ޔޫސުފް ސޮފްވާން ރަޝީދު
މަގޭ ރިޕޯޓު
ކުޑަކަކުލަށް އިދިކޮޅު ތިރިވެއްޖެ! ހަގީގަތުގައިވެސް ވަކީވީމަ ދެރަވާނެ!
ޕީޕީއެމް/ޕީއެންސީން ރައްޔިތުނަށް އޮޅުވާލުން ހުއްޓުވަންޖެހޭ

އެއް އިރެއްގައި ދުވަހަކުވެސް ތިމަންނާއަށް ބާރު ބީވެގެން ނުދާނޭކަމަށް ހީކޮށް ރާއްޖޭގެ ގާނޫނުތަށް އެފުށް މިފުށަށްޖަހައި އާރާއި ބާރާއި ނުފޫޒު ދައްކައި ބޮޑާވެ ބޮޑު ގޮނޑިކޮޅުގައި ވެޑުވިގެން އިން ބޭފުޅެއްގެ ވާހަކަ އަޑުއެހީމުހެއްޔެވެ. ދައްކަން މިއުޅެނީ ކުށެއް ނުކުރާކަމަށް ބުނެ ދައުލަތުގެ ހަޒާނާއިން ވައްކަން ކޮށް ރައްޔިތުމީހާ އެމީހެއްގެ ފައިބުޑަށް ވެއްޓުނު ކޮންމެ ހިނދެއްގައި ސޮއި ކޮޅަކާއެކު ކަންކަން ނިންމެވި ވެރިޔާގެ ވާހަކައެވެ.

ހުދު އަޅުގަނޑުވެސް ގަބޫލުކުރާ އެއްވާހަކަ އެބައޮތެވެ. ކޮންމެ ކަހަލަ ތަރައްގީއެއްގެ ގޮތުގައި ސިފަކުރެވުނަސް ރާއްޖޭގެ މަލަމަތި ބަދަލުކޮށްލި ރައީސަށް ރައީސް ޔާމީން ވާނެވެ. ދޮގެއް ވާ ނޫނެވެ، އެއިރުގެ އިދިކޮޅު ފަރާތް އަދި މިހާރު ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީގެ ރައީސްވެސް ނޭޅޭނެކަމަށް ބުނި ބްރިޖްވެސް އެޅިގެން ދިޔައީ ޔާމީނުގެ ސަރުކާރުގައެވެ. ރައްޔިތުންނަށް މިއަދު ކިތަންމެހާވެސް ފަސޭހައެވެ. މައްސަލައަކީ ރައީސް ޔާމީން ގެންނަވަން މަސައްކަތް ކުރެއްވި ތަރައްގީއެއް ނޫނެވެ.

ގިސްލަ ގިސްލައި ރޮމުން އެއްބަޔަކު ދާއިރު ކުރީގެ ރައީސް ޔާމީނަށް ފަސް ފަހެތިން އިއްވި ގައުމު ސިއްސުވާލި ހުކުމާއި ގުޅިގެން އަނެއް ބަޔަކު ދަނީ އުފާ ފާޅުކުރަމުންނެވެ. އެމަނިކުފާނަށް މިއަދު މި ރިޕޯޓު ނުކިޔުނުކަމުގައިވިޔަސް އަޑުނީވުން ކަމުގައިވިޔަސް ކޮންމެވެސް ވަރަކަށް ލޮބުވެތި ރައްޔިތުންނަށް މާޒީގެ މަތިން ހަނދާން އައުކޮށްލެވޭތޯ މަސައްކަތް ކޮށްލާނަމަވެ.

ތަރައްގީގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތަކެވެ. އާރާއި ބާރާއި ނުފޫޒު ބޭނުންކޮށް ކޮށްފައިވާ ހަޑި މުޑުދާރު އަމަލުތަކެވެ. ގާތަށް ފުރޮޅާވަރަކަށް ރައްޔިތުންނަށް އެކަމުގެ މައުލޫމާތު ހާމަކުރަން އުޅޭވަރަކަށް އެމީހަކު ދާންޖެހެނީ ކުޑަގޮޅިއަށެވެ. މަގުމަތީ ބަހުން ބުނާނަމަ އެމީހެއްގެ ދުވަސް އެހިސާބުން ދުއްވާލަނީއެވެ. ހަށިފުރާނައަށްޓަކައި ރާއްޖެއިން ބޭރަށް އަރުވާލެވިގެން ތިބި މީހުންވެސް މަދެއް ނޫނެވެ.

އެކަމުގެ ހެއްކަކަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ވާހަކަ ފަޅައިއަރުވާލި އޭރުގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހީމް އާއިމެދު ކަންކުރެއްވި ގޮތުންވެސް އެނގިވަޑައިގަންނަވާނެވެ. ސަރުކާރުގެ ޚިޔާނާތްތަކެއް ފަޅާއަރުވާލި އޮޑިޓް ރިޕޯޓެއް ނެރުމާއެކު ޤާނޫނަށް ގެނައި އިސްލާހަކުން އެބޭފުޅާ މަގާމުން ވަކި ކުރެއްވީއެވެ. އިހްލާސްތެރި ނަޒާހަތްތެރިއަކަށް އެ ސަރުކާރުގައި ޖާގައެއް ނެތްކަން މިކަމަށް އެކަނި ބަލާލިކަމުގައިވިޔަސް ފުދޭނެކަން ޔަގީނެވެ. ނުދެނީ ކޮން އިންޒާރެއްތޯއެވެ. ފުރާނަ ދުއްވާލުމަށް ރޭވިހާ ރޭވުންތަށްވެސް ރައްޔިތުންނަށް ހާމަވެއްޖެއެވެ. މިއީ ބާރު އޮތް މިންވަރެވެ.

މިއަދު އެ ހުކުމެއް ތަންފީޒުކުރަމުން އެދާ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި 1.22 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައުލޫމާތުތަކެއް އާންމުކުރި ގާސިމް އަބްދުލްކަރީމް، އަށް މަހާއި 12 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރިކަންވެސް ފާހަގަކޮށްލަން އެބަޖެހެއެވެ. މިއީ ހަގީގަތް ހާމަކުރެއްވުމަށް މަސައްކަތް ކުރުމުން ކުރިހަ ގޯނާއެވެ. ގާސިމް ޖަލަށް ލާން ހުކުމްކުރީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އެސްއޯއެފް ކުންފުނީގެ އެކައުންޓަކަށް ޖަމާކުރުމަށް ފަހު އެ ފައިސާ ދައުރު ކުރި ގޮތް އަންގައިދޭ ބޭންކް ސްޓޭޓްމަންޓެއް އާންމު ކުރުމުންނެވެ. ވައްކަމުގެ ތަފްސީލް ހާމަކުރުމުން ވީ މިވަރެވެ.

ހަޖަމް ކުރަން ދަތި ކަންވެސް އިނގެއެވެ. އެކަމަކު އަދިވެސް އެއްފަހަރު ހުކުމް މަތިން ހަނދާންކޮށްލައިދޭނަމެވެ. ކްރިމިނަލް ކޯޓުގައި ބުރާސްފަތި ދުވަހުގެ މެންދުރުފަހު އިއްވި ހުކުމުގައި ބުނެފައިވަނީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނެ 53 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން މއ.ކާމިނީ ހުޅަނގުގެ، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު، 5 މިލިއަން ޑޮލަރުން ޖޫރީމަނާކޮށް، ފައިސާ 28 ނޮވެމްބަރު 2019 އިން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި މޯލްޑިވިސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަންގައި، މައްސަލަ ބެއްލެވި 5 ގާޒީންގެ އިއްތިފާގުން ހުކުމްކޮށްފައިވާކަމަށެވެ.

ހަގީގަތުގައި އަޑުއިވުމުންވެސް ގިނަ ބަޔަކަށް ރޮވިއްޖެއެވެ. އިންސާފު އައިސް އަނިޔާވެރިޔަކާއި ބައްދަލުކުރިތަން ބަލަން އުފާނުވާނީ ކާކުތޯ؟ ފާއިތުވެގެންދިޔަ އަހަރުގައި ސިޔާސީ ޝަހުސިއްޔަތަކަސް އިންސާފަށް ލޯބިކުރާކަމުގައި ވާނަމަ ދާންޖެހުނީ ކުޑަގޮޅިއަށެވެ.

ވަކިވުމުން ދެރަވާނެކަންވެސް އިނގެއެވެ. ކަރުނުން ދެ ލޯ ފުރާނެކަންވެސް އިނގެއެވެ. މިއަދު އިދިކޮޅު ފަރާތްތަކުގައި އިސްކޮށް ތިއްބަވާ ބޭފުޅުންގެ ތެރޭގައި ރައީސް ޔާމީނަށް ކުރެވުނީ އިންސާފުވެރި ޝަރީއަތެއް ނޫންކަމަށް ބުނެ ރާއްޖޭގެ ހަމަޖެހުން ނަގައިލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ހަގީގަތުގައި އަނގައިން ކިޔޭ ނުކިޔޭ އެއްޗެއްވެސް ހުދު އެބޭފުޅުންނަކަށް ނޭނގެއެވެ. ހާއްސަކޮށް ޕީއެންސީގެ ރައީސް އަބްދުއް ރަހީމްއަބްދުﷲ އަށް ބަލާލިކަމުގައި ވިޔަސް ފަނޑިޔާރުންނަށް އިންޒާރު ނެދުއްވާކަމަށް ވިދާޅުވިއިިރު މުޅި އެ ވީޑިއޯ މުޅި ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު އެފަދަކަމެއް ކުރެއްވިންތޯ ސުވާލުކުރުމުން ވިދާޅުވީ ދުވަހަކުވެސް ފަނޑިޔާރަކަށް އިންޒާރެއް ނުދޭކަމަށެވެ. އެ މަންޒަރު ވެސް އަޅުގަނޑު ތިބޭފުޅުންނަށް ދައްކާލާނަމެވެ.

މިއީ ގައުމުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރައްވާ ފަރާތްތަކަށް މިއަދު ރައްޔިތުން ގުނބޯ ނުހެއްދޭތީ ދައްކާހާ ޗަރުކޭހެވެ. މެންދުރު ދައްކާ ވާހަކައާއި ރޭގަނޑު ދައްްކަަވާ ވާހަކައަކާ ދިމަލެއް ނުވެއެވެ. ސައިޒު ވެއްޖެއޭ މިބުނަނީ ތިބޭފުޅުންގެ ރައީސަށް އަލްވަދާއުކިޔަން ހަރަދުކޮށްގެން ލޯންޗް ހިފައި ރައްޔިތުން ގެނައި ހިބަރު ވަދު ޖަލްސާގައި ހާހެއްހާ މީހުންވެސް ހަމަނުވިކަމެވެ. ގަޓު ރައީސް ކުޑަކަކުލަށް ތިރިވި އިރު އަލްވަދާއު ކިޔާލަން 50 އެއްހާ މީހުންވެސް ނުދެއެވެ، ތާއީދެއް ނެތުމުން ކޮސްގޮވޭ ތަންވެސް އަންނާނެވެ. ހަގީގަތާއި ކުރިމަތިލައި ބަލި ގަބޫލުކޮށް އިންސާފު ގެނައީތީ ވެރިންނަށް ތައުރީފްކުރައްވާށެވެ. ރައްޔިތުންގެ ލޯބި ހޯދޭނެ ގޮތަކީ އެއީއެވެ. އިތުރުފުޅު ހައްދަވައިގެން ދެން 50 އެއްހާ މީހުންވެސް ހަމަ ނުވާނެވެ. މިއަދު އިންސާފު އަރައި ބޮޑު ގޮޑިއަށް ވެޑުވިގެން އިން ބޭފުޅާއަކީ ގައިދީއެކެވެ. އިންސާފުގެ ހުޅުކޮޅު ނިއްވާލަން ނޫޅޭށެވެ.

- ކޮމެންޓް