ސިއްހީ ޚިދުމަތުގެ ފަރަގުކުރުން ނައްތާލާނަން: ފައިސަލް
5 ނޮވެމްބަރު 2019 | އަންގާރަ 07:31ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތައް ކުރޭ


ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް
މިސަރުކާރުން ސިއްހީ ނިޒާމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، ބޮޑެތި ސިޓީތަކާއި ކުދި ރަށްތަކުގެ ސިއްހީ ޚިދުމަތުގެ ފަރަގުކުރުން ނައްތާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް ވިދާޅުއްވެއްޖެއެވެ.
ހޯމަ ދުވަހު ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ފެށި އާއްމު ސިއްހަތުގެ މަހާސިންތާ ޝަރަފުވެރިކޮށްދެއްވާ ނައިބް ރައީސް ފައިސަލް ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، މިހާރު ވެސް ރާއްޖޭގެ އެކިކަންކޮޅުތަކުގަ ސިއްހީ މަރުކަޒުތަކާއި، ހޮސްޕިޓަލްތަކުގެ އިތުރުން އަދި އަލަށް ސިއްހީ ޚިދުމަތްތައް ދިނުމަށް ގިނަ ކަންތައްތަކެއް ކުރަމުންދާ ކަމަށެވެ.
ނައިބް ރައީސް ފައިސަލް ވިދާޅުވީ ވޭތުވެދިޔަ ހުރިހާ ސަރުކާރުތަކުން ވެސް ސިއްހީ ޚިދުމަތްތައް ފުޅާ ކުރުމަށް ގިނަ މަސައްކަތްތައް ކުރި ކަމަށާއި، ނަމަވެސް ހިތާމައަކީ ކުދި ރަށްތަކުގެ މަތިން ހަނދާން ނެތުން ކަމަށެވެ. އަދި ކުދި ރަށްތަކުން އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބޭ ކަމަށާއި މިއުސޫލު ބަދަލުކުރަންޖެހޭ ކަމަށް ނައިބް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުދި ރަށްތަކުގައި ދިރިއުޅެނީ ދިވެހިން ކަމަށާއި، ބަލިވެއްޖެނަމަ އެންމެ ކުޑަ ރަށުގައި ހުންނަ މީހާއާ އެކަށީގެންވާ ފަރުވާ ލިބެން ޖެހޭ ކަމަށެވެ.
މީގެ އިތުރުން ނައިބް ރައީސް ފައިސަލް ވިދާޅުވީ މިސަރުކާރުން ސިއްހީ ނިޒާމުގެ ތެރެއިން ކުރިއަށް ރޭވިފައި ހުރި ޕްރޮގްރާމްގެ ތެރެއިން ފަރަގު ކުޑަ ކުރެވި ފަސޭހައިން ޚިދުމަތްތައް ލިބޭނެ ގޮތްތައް މެދުވެރިވެގެންދާނެ ކަމަށެވެ.
ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ހިތްހަމަޖެހުމަކީ އެންމެ ބޮޑު ރޯލެއްއަދާ ކުރާ އެއްޗެއްކަން ފާހަގަކުރައްވައި ނައިބް ރައީސް ފައިސަލް ވިދާޅުވީ އަބަދުވެސް ހާސްކަމެއްގެ ތެރޭގައި އުޅޭނަމަ އެއީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ. އެގޮތުން ކުޑަކުޑަ މުޖުތަމައުގައި ދިރިއުޅޭ ރައްޔިތުން އެކަކު އަނެކަކަށް އަޅާލައި، އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށެވެ. އަދި އެކުވެރި މުޖުތަމައުއަކުން ގިނައިން ފެންނާނީ ހިތްހަމަޖެހޭ މަންޒަރުތައް ކަމަށާއި، އުފާވެރި ދިރިއުޅުމެއް ހޯދުމަށް އެންމެ އެކުއެކީގަ މަސައްކަތް ކުރުމަށް ނައިބް ރައީސް ފައިސަލް އިލްތިމާސް ކުރެއްވިއެވެ.





