އައިސްދާނެ ކޮންމެ ނުރައްކަލަކަށް ޤައުމީ ދިފާޢީ ބާރު އޮތީ ތައްޔާރަށް: ޝަމާލް
ރާއްޖޭގެ 4 ސަރަހައްދެއްގައި އޮަޕަރޭޝަނަލް ކޮމާންޑްތައް ވަނީ ގާއިމް ކުރެވިފައި


ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ކ) ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުއް ރަހީމް އަދި ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް (މ) އަދި ޑިފެންސް މިނިސްޓަރ މާރިޔާ
ރާއްޖެއަށް އެތެރެއިންނާއި ބޭރުން އަންނަ ކޮންމެ ނުރައްކަލަށް ޤައުމީ ދިފާއީ ބާރު ފުރިހަމައަށް ތައްޔާރުވެފައިވާކަމަށާއި، އެފަދަ ނުރައްކަލަކާއި ކުރިމަތިލުމުގެ ޤާބިލުކަން ދިވެހި އަސްކަރިއްޔާގައި އެބަހުރިކަމަށް ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
ނަޞްރުގެ ދުވަހާއި ގުޅިގެން ރާއްޖެޓީވީން ގެނެސްދިން ޚާއްޞަ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވީ މީގެ 31 ވަރަކަށް އަހަރު ކުރިން ކުއްލި ގޮތަކަށް ރާއްޖެއަށް ޢުދުވާނީ ހަމަލާއެއް ދިންނަމަވެސް އެފަދަ ޙަމަލާއެއް ދެން ރާއްޖެއަށް ނުދެވޭނެކަމަށެވެ. އަދި ދިވެހި އަސްކަރިއްޔާ އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި، އެތެރެއިންނާއި ބޭރުން އަންނަ ޙަމަލާތަކަށް އަސްކަރިއްޔާ އޮންނާނީ އަބަދުވެސް ތައްޔާރުވެގެން ކަމަށެވެ.
ޝަމާލް ވިދާޅުވީ ރާއްޖޭގެ 99 އިންސައްތައަކީ ކަނޑުގެ ޞަރަޙައްދަށްވެފައި، ކަނޑުމަތީގައި ވަރަށް ބޮޑު ގޮންޖެހުންތަކާއި ނުރައްކާތައް ވެސް އެބަހުރި ކަމަށެވެ. އޭގެތެރޭގައި ކަނޑުފޭރުމާއި އެކި ޖަމާޢަތްތައް ގުޅިގެން ހިންގާ ޤާނޫނާއި ޚިލާފު އެކި ޢަމަލުތައް ޝަމާލް ފާހަގަކުރެއްވިއެވެ.
ޝަމާލް ވިދާޅުވީ ސިފައިންގެ މުހިންމު މަސައްކަތްތަކުގެ ތެރެއިން ދެވަނައަށް އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި އޮންނަނީ ކުރިމަތިވެދާނެ ކަމަކަށް އިޖާބަދިނުމަށް ތައްޔާރުވެ އޮތުންކަމަށެވެ. އެގޮތުން ކަމެއް ކުރިމަތިވާ ހިނދު ޢަމަލުކުރާނެގޮތާއި، ކަންކަން ކުރިޔަށްގެންދާނެ ގޮތް ދެނެގަނެ، އެކަމަށް ސިފައިންގެ ސަފުތައް ރުކުރުވާލަން ފުރިހަމަޔަށް ފައުޖުތައް ތައްޔާރަށް އޮންނަ ކަމަށް ޝަމާލް ވިދާޅުވިއެވެ.
އެގޮތުން އަސްކަރިއްޔާގެ އެއްބާރަކީ ސްޕެޝަލް ފޯރސެސް ކަމަށާއި، ރާއްޖޭގެ ސްޕެޝަލް ފޯރސަސް އަކީ އެކި ޤައުމުތަކުގެ ސްޕެޝަލް ފޯރސަސްއާއެކު މަސައްކަތް ކޮށް ތަމްރީނުވެފައި ތިބި ބައެއް ކަން ޝަމާލް ފާހަގަކުރެއްވިއެވެ. އަދި އަސްކަރިއްޔާގެ އެހެން ބާރުތަކަށްވުރެ ސްޕެޝަލް ފޯރސަސް މަސައްކަތް ކުރަމުންދާނީ މާކުރީގައި ކަމަށް ޝަމާލް ވިދާޅުވިއެވެ.
ނޮވެމްބަރު 3، 1988 ގައި ދިން ޢުދުވާނީ ޙަމަލާއަށްފަހު އެއިރު ތިއްބެވި ވެރިންނާއި ސިފައިންވެސް އަދި މިހާރު ތިއްބެވި ވެރިންވެސް މަސައްކަތްކުރައްވަމުން ގެންދަވަނީ އެފަދަކަމެއް ދިމާވެއްޖެއްޔާ އަސްކަރިއްޔާ ކަންކަން ކުރާނެގޮތް ދެނެގަނެ އެކަންކަމަށް ތައްޔާރުވުން ކަމަށެވެ.
ޝަމާލް ވިދާޅުވީ ރާއްޖެއަށް އަންނާނެ ޙަމަލާއަކަށް ސިފައިން ތިއްބަވާނީ އަބަދުވެސް ތައްޔާރުވެގެން ކަމަށެވެ. އެގޮތުން ރާއްޖޭގެ ހަތަރު ޞަރަޙައްދުގައި ޤާއިމުކުރެވިފައިވާ ކޮމާންޑުން އަބަދުވެސް ތައްޔާރީ ޙާލަތުގައި ތިބޭކަމަށް ޝާމާލް ވިދާޅުވިއެވެ.







