މާލިއްޔަތު ޤަވާއިދަށް ގެންނަ ބަދަލުތައް އަންނަ ހަފުތާގައި އޭޖީ އޮފީހަށް ފޮނުވަނީ
12 އޮކްޓޯބަރު 2019 | ހޮނިހިރު 05:08މިބަދަލާއެކު ޕްރޮކިއުމެންޓް ނިޒާމަށް ދިމާވާ މައްސަލަތައް ޙައްލުވާނެ

މިނިސްޓްރީގެ ޗީފް ޕްރޮކިއުޕްމެންޓް އެގްޒެކްޓިވް އަހުމަދު މުޖުތަބާ
މާލިއްޔަތު ޤަވާއިދަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށް އަންނަ ހަފުތާ ތެރޭގައި އެޓަރނީ ޖެނަރަލް އޮފީހަށް ފޮނުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ރާއްޖެޓީވީގެ ވިޔަފާރި ރިޕޯޓް ޕްރޮގްރާމަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެ މިނިސްޓްރީގެ ޗީފް ޕްރޮކިއުމެންޓް އެގްޒެކްޓިވް އަޙްމަދު މުޖުތަބާ ވިދާޅުވީ ޕްރޮކިއުމެންޓް ނިޒާމަށް ދިމާވާ މައްސަލަތައް ޙައްލު ކުރުމަށް މާލިއްޔަތު ޤަވާއިދަށް ބައެއް ބަދަލުތައް ގެންނަންޖެހޭ ކަމަށެވެ.
މުޖުތަބާ ވިދާޅުވީ މިހާރު ޢަަމަލުކުރަމުންދާ މާލިއްޔަތު ޤަވާއިދުގެ ސަބަބުން ބައެއް ދަތިތައް ބީލަންވެރިންނަށް ދިމާވާ ކަމަށާއި، އެކަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީގައި މާލިއްޔަތު ޤަވާއިދު އިޞްލާހު ކުރާ ކޮމެޓީއެއް ޤާއިމްކޮށްފައިވާކަން ފާހަގަކުރައްވައި މުޖުތަބާ ވިދާޅުވީ އެކޮމެޓީ މެދުވެރިކޮށް މާލިއްޔަތު ޤަވާއިދަށް ގެންނަން ބޭނުންވާ އަދި ވަކިން ޚާއްޞަކޮށް ޕްރޮކިއުމެންޓް ނިޒާމަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން އަންނަ ހަފުތާ ތެރޭގައި މާލިއްޔަތު ޤަވާއިދަށް ގެންނަ ބަދަލުތައް އެޓަރނީ ޖެނަރަލް އޮފީހަށް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މުޖުތަބާ ވިދާޅުވީ މާލިއްޔަތު ޤަވާއިދަށް ގެންނަ ބަދަލުތަކުގެ ސަބަބުން އަތޮޅު ތެރޭގައި ޕްރޮކިއުމެންޓްގަ މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތް ފަސޭހަވެ، ބީލަންވެރިންގެ ޝަކުވާތަކަށް ޙައްލު ލިބޭނެ ކަމަށެވެ.






