ކ. މާލެ
|
5 މާރޗް 2017 | އާދީއްތަ 07:17
ޓީސީގެ ކެޕްޓަން އަލީ ނާފިއު، އެޓީމުން ހޯދި ތައްޓާއެކު
ޓީސީގެ ކެޕްޓަން އަލީ ނާފިއު، އެޓީމުން ހޯދި ތައްޓާއެކު
މުހައްމަދު ޝަރުހާން
ޓީސީ ސްޕޯޓްސް ކްލަބު
ޓީސީގެ ރަން ކާމިޔާބާ އެކު ގައުމު އުފަލުން ފޮޅިފައި
ދިވެހި ހުރިހާ ޓީމެއްވެސް މިކަމުން މިސާލު ލިބިގަންނަންޖެހޭ
މިއީ ދިވެހިންނަށް އަނެއްކާވެސް ލިބުނު ބޮޑު އުފަލެއް
މާދަމާ އެހެން ކްލަބުތަކުން މިފޯރީގައި ވާދަކުރަންޖެހޭ

މިއަދު މުޅި ގައުމުގައި ވެސް އިވެމުންދާ އަޑަކީ "ޓީސީ ޓީސީ ހޭ، ޓީސީ ޓީސީ ހޭ" މި ޅެންބައިތުގެ އަޑެވެ. ކޮންމެ ދިވެއްސެއް ވެސް ދައްކަމުން ދަނީ ޓީސީން ހޯދި ބައިނަލްއަގްވާމީ ކާމިޔާބީގެ ވާހަކަ އެވެ.

އަޅުގަނޑުމެންނަށް މިއޮތީ އަނެއްކާ ވެސް އުފާ ފާހަގަކުރާނެ ބޮޑު އީދެއް އައިސްފަ އެވެ. މި އުފަލުގެ ތެރެއަށް ވިސްނާ ނަޒަރު ހިންގާލާއިރު، ތާރީހުގެ ތެރެއަށް ވެސް ނަޒަރު ހިންގާލުމަކީ އެންމެ މުނާސަބު ވަގުތު ކަމުގައި ދެކެމެވެ.

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ކާމިޔާބުކޮށް އެ މުބާރާތުގެ ރަން ތައްޓާއެކު ޓީމު މާލެ އައި ދުވަހަކީ މިއަދު ކޮންމެ ދިވެއްސެއްގެ ހަނދާންތަކާއި ގުޅިފައިވާ ދެންމެ ދެންމެ ވީ ކަމެއް ކަހަލަ އެވެ. އެ ދުވަހު ދިވެހީން މުޅި ގައުމު ރަތް ކުލައިން ޖަރީކޮށް، މަގުތައް މަތީގައި އުފާ ފާޅުކުރަން އުޅުނު ދުވަސްތަކަކީ އަބަދުވެސް ދިވެހިންގެ ހިތްތަކުން ބިންވަޅު ނަގައިފާ ހަނދާންތަކެކެވެ.

"ކުޅެ ފިސާރި ޖޯޝުގާ ދިވެހިން މޮޅުވެއްޖެއޯ، މަރުހަބާ މަރުހަބާ ގައުމީ ޓީމަށް މަރުހަބާ" މިއީ އެދުވަހު ކޮންމެ ދިވެއްސެއް ވެސް ބޭއިހުތިޔާރުގައި ނަށާލަން މަޖުބޫރުކޮށްލި ލަވަ އެކެވެ.

މާޒީވެދިޔަ ކަންތައް ހަނދާނާއި ގުޅިފައިވާ އިރު، އަނެއްކާ ވެސް މިވަނީ ރާއްޖެއަށް މިފަދަ ދުވަހެއް އައިސްފަ އެވެ. އެދުވަހު ގައުމީ ޓީމެވެ. އެހެން ނަމަވެސް މިއަދު ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ކްލަބެކެވެ.

ބަންގްލަދޭޝްގައި ކުރިއަށްދިޔަ ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގެ ޗެމްޕިއަންކަން އެއްވެސް މެޗަކުން ބަލިނުވެ ސައްތައިން ސައްތަ ރެކޯޑަކާއެކު ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބުން ކާމިޔާބުކުރުން ވެގެންދިޔައީ މިއަދު އެތަށް ދިވެހިންނެއްގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ ފާއްދާއްލި ބޮޑު ކާމިޔާބީ އަކަށެވެ. އެ ކްލަބުގެ ޅަފަތުގައި ލޯކަލް މުބާރާތެއްގެ ތަށި ހޯދިފައި ނެތް ނަމަވެސް، އެންމެ ފުރަތަމަ ވެސް ހޯދި ބައިނަލް އަގްވާމީ ތައްޓާއެކު ދިވެހިންނަށް ވަކިން ހާއްސަކޮށް ފުޓުބޯޅަ އަށް ލޯބިކުރާ އަދި ފުޓުބޯޅައިގެ އާއިލާއަށް މިވަނީ އެތަށް ގޮތަކުން އުފާވެރިކަން ގެނެސްދީފަ އެވެ.

މިކާމިޔާބީގައި ބައިވެރި ނުވާނެ ހަމަ އެންމެ ފަރުދެއްވެސް މިއަދު މި ގައުމުގައި ނެތެވެ. ކޮންމެ މީހަކުވެސް ދައްކަނީ ޓީސީގެ މޮޅު ވާހަކަ އެވެ. އެޓީމު ހޯދި ކާމިޔާބީގެ ވާހަކަ އެވެ.

ރަން ތައްޓާއެކު ޓީސީ ސްޕޯޓްސް ކްލަބު ރާއްޖެ އައުމުން އެޓީމަށް މަރުހަބާ ކިއުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާ ޕޯޓާއި މާލޭގައި ވެސް ވަނީ ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

އެގޮތުން ޓީމަށް މަރުހަބާ ދެންނެވުމަށް ކުޅިވަރާއި ބެހޭ ވަޒީރު އިރުތިޝާމް އާދަމާއި ފިޝަރީޒް މިނިސްޓަރު ޑރ. މުހަމަދު ޝައިނީ އާއި ޓީސީގެ ކުރީގެ ރައީސް އަދި މިހާރުގެ ކޮމިޝަނާ އޮފް ސްޕޯޓްސް އަހުމަދު ނަޝީދު (ޑޭވް) އާއި އެފްއޭއެމްގެ އިސްވެރިންގެ އިތުރުން ޓީސީ ވުޖޫދު ކުރުމުގައި ހަރަކާތްތެރިވި އެންމެހާ އިސްފަރާތްތަށް ތިބީ ޓީމުގެ އިންތިޒާރުގައި ކެތްމަދުވެފަ އެވެ.

މީގެ އިތުރުން އެޓީމު އެ ހިސާބަކަށް ނިސްބަތްވާ  "ޓީސީ ގޯޅި" ވަނީ ރަތާއި ހުދު އަދި ކަޅު ކުލައިގެ ފޮތިން ޖަރީކޮށް ދިއްލާލައިފަ އެވެ. ޓީމަށް މަރުހަބާ ކިއުމަށް ގޯޅީގައި ދިރިއުޅޭ ކުދި ބޮޑު އެންމެން ތިބީ ޓީމުގެ އިންތިޒާރުގައި އުފަލުން ފޮޅިފަ އެވެ. ގޯޅި ތެރޭގައި ކުޅުންތެރިންނާއި އޮފިޝަލުންނަށް އަދި ކްލަބުގެ ސަޕޯޓަރުން ވަނީ ގަދައަށް ސައި ހަދައިފަ އެވެ.

ޓީސީން ހޯދި ކާމިޔާބީއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން (ގޯލްޑަން ކެޕްޓަން) އައްސަދު އަބްދުލް ޣަނީ ބުނީ މި ކާމިޔާބީ އަކީ މިއަދު ހުރިހާ ދިވެހިން ވެސް ފަހުރުވެރިވާނެ ކާމިޔާބީއެއް ކަމަށާއި މި އުފަލުގައި ހުދު އޭނާ ވެސް ބައިވެރިވާ ކަމަށެވެ.

އައްސަދު ބުނީ ޓީސީގެ ޅަފަތުގައި މިހާ ބޮޑު މުބާރާތަކުން ރަންވަނަ ހާސިލް ކުރުން ވެގެންދާނީ ދިވެހި އެހެން ޓީމުތަކަށް ދެވުނު ވަރަށް ބޮޑު މެސެޖަކަށް ކަމަށާއި އަދި އެޓީމުތައް ވާދަކުރާ ބައިނަލްއަގްވާމީ މުބާރާތްތަކުން ކާމިޔާބީ ހޯދުމަށް ލިބިގެންދާނެ އިތުރު ހިތްވަރަކަށް ކަމަށެވެ.

އެފްއޭއެމްގެ ނައިބު ރައީސާ އަދި ޓީސީ ސްޕޯޓްސް ކްލަބުގެ ހެޑް ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ އަނބިކަނބަލުން އައިޝަތު ނާޒިމާ ވިދާޅުވީ މިމުބާރާތަށް ފުރުމުގެ ކުރިން ނިޒާމްބެ ދިޔައީ ވައުދެއް ވެފައި ކަމަށާއި އެއީ މި މުބާރާތުގެ ރަން މެޑަލް އަދި ރަން ތަށި ހިފައިގެން ގައުމަށް އަންނާނެ ކަމަށްވީ ވައުދު ކަމަށެވެ.

"ނިޒާމް ފުރަމުން ބުނި އަހަރެން އަންނާނީ މި މުބާރާތުގެ ގޯލްޑް ހިފައިގެނޭ، އަހަރެމެންގެ ދަރީގެ ކަރުގައި އަޅުވާނީ ރަން މެޑައްޔޭ، އެހެންވެ އޭނާ މީގެ ކުރިން އެއްވެސް މުބާރާތަކުން ލިބުނު ސިލްވާ މެޑެއްޔެއް ދަރިފުޅުގެ ކަރުގައި ނާޅުވާ، އަބަދުވެސް ބުނާނެ ދަރިފުޅު ކަރުގައި އޮންނާނީ ބައްޕަ ކުރާ ބުރަ މަސައްކަތުން ހޯދާ ރަން މެޑައްޔޭ، އަދި ބުނީ އަހަރެމެން ދެމަފިރިންގެ ކައިވެނީގެ އެނިވާސަރީ ފަހަގަކުރާނީ ވެސް ރަން މެޑަލް ހޯދައިގެނޭ." ނާޒިމާ ވިދާޅުވި އެވެ.

ކޮންމެ އަކަސް ނިޒާމްބެ އެދުވަހު ދެއްކި ވާހަކަ މިއަދު މިވަނީ ހަގީގަތަކަށް ހަދައިފަ އެވެ. ބުރަ މަސައްކަތެއް ކޮށްގެން ގައުމަށާއި އެ ކްލަބަށް އަދި ނިޒާމްބެގެ އާއިލާ އަށް މިވަނީ ރަން މެޑައްޔާއެކު ރަން ތައްޓެއް ގައުމަށް ގެނެސްފަ އެވެ.

ޓީސީ ސްޕޯޓްސް ކްލަބު މިހިސާބަށް ގެނައުމުގައި އެންމެ އިސްދައުރެއް އަދާކުރި އަދި މިހާރުވެސް އެ ކްލަބަށް މަރުދޭ އެޓީމުގެ ކުރީގެ ރައީސް އަހުމަދު ނަޝީދު (ޑޭވް) ވިދާޅުވީ، މިއީ ހީވެސް ނުކުރާ ވަރުގެ ބޮޑު ކާމިޔާބީ އެއް ކަމަށާއި އެހެންކަމުން އުފަލުން ރޮވިފައި ހުރި ކަމަށެވެ. ނަޝީދު ވިދާޅުވީ މިފަދަ ކާމިޔާބީއެއް ޓީސީން ހޯދުން މިއީ ހަމައެކަނި އެ ކްލަބަށް ލިބުނު އުފަލެއް ނުވަތަ ހިތްހަމަޖެހުމެއް ނޫން ކަމަށާއި މިއީ މުޅި ގައުމަށް ވެސް ލިބުނު އުފަލަކާއި ހިތްހަމަޖެހުމެއް ކަމަށެވެ.

"އެންމެ ފުރަތަމަ ވެސް ހެއްދެވި ފަރާތަށް ޝުކުރު ދަންނަވަން، މިއީ އަޅުގަނޑު ހީކުރި ހިސާބެއް ނޫން ޓީސީ އައިސްފައި މިއޮތީ، މިއީ ވަރަށް ބޮޑު އެޗީވްމެންޓެއް، ހުރިހާ ކްލަބެއް ވެސް މިއީ މިސާލެއް ކަމަށް ބަލައި ނަމޫނާ ލިބިގަންނަން ޖެހޭ، އެއްވެސް ހާލެއްގައި މިއީ ހަމައެކަނި ޓީސީގެ ކާމިޔާބެއް ނޫން، މިއީ މުޅި ގައުމުގެ ވެސް ކާމިޔާބީ." ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމު ވެސް އަދާކުރައްވަމުން އަންނަ އަހުމަދު ނަޝީދު ވިދާޅުވި އެވެ.

ކޮންމެ ކަމެއްވެސް ވާނީ އެކަމެއް ކާމިޔާބުކުރުމަށް އަޒުމު ކަނޑައަޅައި ކުރާ ބުރަ މަސައްކަތުންކަން ޔަގީނެވެ. އެގޮތުން މިއަދު މި ކާމިޔާބީ ޓީސީ އަށް ހޯދައި ދިނުމުގައި އެންމެ އިސްދައުރެއް އަދާކުރީ އެޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ކަން ޔަގީނެވެ. ފާއިތުވި ސީޒަންގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޯދި ކޯޗު ނިޒާމްބެ މިވަނީ އޭނާއަކީ އެ މަގާމު ލިބެންޖެހޭނެ ފަރާތްކަން ސާބިތުކޮށްދީފަ އެވެ.

ނިޒާމްގެ މިކާމިޔާބީ އެންމެ ގާތުން ދެކެމުން އައި އެންމެ މުހިންމު ފަރާތަކީ އޭނާގެ ލޯބިވާ މަންމަ އެވެ. ޓީސީން ތައްޓާއެކު އެއާޕޯޓުގެ ވީއައިޕީ ލައުންޖަށް އައި އިރު، މި ކާމިޔާބީގެ އަސްލު ފޮނި މީރުކަން ނިޒާމް އަށް އިހުސާސް ވެގެން ދިޔައީ ވެސް އޭނާގެ މަންމަގެ ހިނިތުންވުން ފެނިގެން ދިއުމުންނެވެ.

ނިޒާމްގެ މަންމަ އޭނާގެ ފިރިހެން ދަރި ހޯދި ކާމިޔާބީއަށް ތައުރީފްކޮށް ވާހަކަ ދައްކަމުން ބުނީ ނިޒާމްއަކީ އަބަދުވެސް ކޮންމެ ކަމެއްވެސް ކާމިޔާބުކުރުމަށް ގަދަ އަޅައި މަސައްކަތްކުރާ މީހެއް ކަމަށާއި އެހެން ކަމުން އެކަމުގެ ފޮނި މީރުކަން މިއަދު އިހުސާސް ވެއްޖެ ކަމަށެވެ.

ނިޒާމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވީ ޓީސީން ހޯދި ކާމިޔާބީ އަކީ އޭނާގެ ބޭބެގެ ފަރާތުން މިހާތަނަށް ފެނުނު އެންމެ ބޮޑު ކާމިޔާބީ ކަމަށާއި އަބަދުވެސް ދޮންބެގެ ފަރާތުން މިވަރުގެ ކަމެއް ފެންނަން ކެތްމަދުވެފައި ހުންނަ ކަމަށެވެ.

މަރޭ ވިދާޅުވީ ޓީސީގެ ކާމިޔާބީން އެނގިގެންދަނީ ކުޑަ ބޮޑު ޓީމެއް ނުބަލައި ބައިނަލް އަގްވާމީ މުބާރާތްތަކުން ވެސް ރާއްޖޭގެ ކްލަބުތަކަށް ކާމިޔާބީތައް ހޯދިދާނެކަން ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެހެން ކްލަބުތަކުން މިފަދަ ކާމިޔާބީތައް ހޯދާތަން ދެކެން ބޭނުންވާ ކަމަށެވެ.

"ޓީސީން ސާބިތުކޮށްދީފި އެޓީމަކީ ކިހާ ވަރެއްގެ ޓީމެއްކަން، ދެން އޮތީ އެހެން ކްލަބުތައް، މާޒިޔާ އަށް އޭއެފްސީ ކަޕްގެ މެޗުތައް މިފެށެނީ، މިކަމުން އެބަޖެހޭ އެޓީމު ހިތްވަރެއް ނެރެން، އަޅުގަނޑު ގަބޫލުކުރަނީ ޓީސީގެ ކާމިޔާބީ ފެނި ދެނިވި ހުރެ މާޒިޔާ އިން ވެސް އޭއެފްސީ ކަޕް ފުޓުބޯޅަ މުބާރާތް ކާމިޔާބުކުރާނެ ކަން." މަރުޒޫގު ވިދާޅުވި އެވެ.

ޓީސީގެ މިކާމިޔާބީ ފާހަގަ ކުރުމުގައި އެންމެ އިސްދައުރެއް އަދާކުރާނީ ހަމަ ޔަގީނުންވެސް އެޓީމަށް މި ފުރުސަތު ހޯދައިދިން ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާކަން ޔަގީނެވެ. އެފްއޭއެމުން ޓީސީ އަށް މިވަރުގެ ފުރުސަތެއް ދިން އިރު، އެފަރާތަށް ވެސް މިއީ ޓީސީ އަށް ކާމިޔާބުކުރެވިދާނެ މުބާރާތެއްތޯ ނުވަތާ ނޫންތޯ ވެސް ވާނީ ސުވާލު އުފެދިފަ އެވެ. އެހެން ނަމަވެސް ޓީސީން ވަނީ އެކަމުގެ ފުރިހަމަ ޖަވާބު އެފްއޭއެމަށް ދީފަ އެވެ. މުބާރާތުގެ ތަށި ގައުމަށް ގެނެސްދީފަ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) ވިދާޅުވީ ރާއްޖޭގެ ފުޓުބޯޅައިގެ ތާރިހުގައި ކްލަބަކުން މިފަދަ ބޮޑު ކާމިޔާބީއެއް ހޯދުމަކީ އެކަމާ ފަހުރުވެރިވާން ޖެހޭ ވަރުގެ ކަމެއް ކަމަށެވެ. ހާއްސަކޮށް ޓީސީގެ ހަގު ކަމާއި އެޓީމުން ދައްކަމުންދާ މޮޅު ކުޅުމަކީ މިއަދު ރާއްޖޭގައި ފުޓުބޯޅަ އޮތް ހިސާބު ބޭރުގެ ގައުމުތަކަށް ސާބިތުކޮށްދިން އަލިގަދަ ހެއްކެއް ކަމަށެވެ.

މި ހުރިހާ ކަމަކުން ވެސް ދިވެހިންނަށް މިވަނީ އަނެއްކާ ވެސް ދިވެހި ފުޓުބޯޅަ ކޮޅަށް ޖަހަން ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. ކްލަބުތަކަށްދޭ ތަރުހީބު އިތުރަށް ވަރުގަދަކުރަން ރަނގަޅު މެސެޖުތަކެއް ލިބިފަ އެވެ. ގައުމުގައި ކުރިއަށްދާ ބޮޑެތި މުބާރާތްތަކުގައި ކްލަބުތަކަށް ތަރިހީބު ދޭން މިވަނީ މަޖުބޫރުވެފަ އެވެ. ކިތަން ހަގު ނުވަތަ ކިތަންމެ ދޮށީ ނަމަވެސް ކޮންމެ ކްލަބަކަށް ވެސް ދޭންޖެހޭ އިހުތިރާމާއި ލޯބި އަނެއްކާވެސް އިޔާދަކުރަންވީ ވަގުތު މިއޮތީ އައިސްފަ އެވެ.

ރާއްޖޭގެ ވަޅުޖެހެމުންދާ ކްލަބު ފޯރި ނަގާ ދިރުވާން ތިބީ ހަމަ އަޅުގަނޑުމެން ދިވެހީންނެވެ. މިއަދު ކާމިޔާބީ ހޯދީ ޓީސީން ނެވެ. މާދަން ކާމިޔާބީ ހޯދާނީ ކޮން ކްލަބެއްކަން ސާބިތުކޮށްދޭން ތިބީވެސް އަޅުގަނޑުމެންގެ އެއްބާރުލުންދީ ސަޕޯޓްކުރާ ޓީމެކެވެ. ކާމިޔާބަކީ މާދުރުގައިވާ އެއްޗެއް ނޫނެވެ. އަޅުގަނޑުމެން އެންމެ އަތާ އަތްގުޅުވާލައިގެން މިއަދު ޓީސީ އަށް ދިންވަރުގެ ތަރުހީބެއް އެހެން ހުރިހާ ކްލަބުތަކަށް ވެސް ދެމާ ހިނގާށެވެ. އޭރުން މާދަމާ ވެސް އަޅުގަނޑުމެން ތިބޭނީ އެއް ފޯރިއެއްގައި އުފަލުން ފޮޅިފަ އެވެ.

- ކޮމެންޓް