ޔާމިން އަންގަވައިގެން ރާއްޖެ ޓީވީ ބަންދު ކުރުމަށް ސޮފްވާން މަސައްކަތް ކުރެއްވި: ޝަހީބު
20 ޖޫން 2019 | ބުރާސްފަތި 03:18ޔާމިންއާ ބައްދަލުކުރެއްވުމަށް އެދިވަޑައިގެންނެވި


ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންގަވައިގެން ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު އިސްމާއިލް ސޮފްވާން ރާއްޖެ ޓީވީ ބަންދު ކުރުމަށް މަސައްކަތް ކުރެއްވި ކަމަށް އެކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއަސަސާތަކާ ބެހޭ ކޮމިޓީން ވަނީ އެކޮމިޝަންގެ މަސައްކަތްތަކާ ގުޅޭ ގޮތުން ސުވާލު ކުރުމަށް ކޮމިޓީއަށް ހާޒިރުކޮށްފައެވެ.
މިކޮމެޓީގައި ވާހަކަ ދައްވަމުން ޝަހީބު ވިދާޅުވީ، ކުރީގެ ރައީސް ޔާމިންގެ އެދިވަޑައިގަތުމުގެ މަތިން އެމަނިކުފާނާ ބައްދަލުކުރުމަށް ސޮފްވާން އެދިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް އެއީ ރަސްމީކޮށް ބައްދަލުކުރެއްވުމަށް ލިބުނު ދައުވަތަކަށް ނުވާތީ އިންކާރު ކުރެއްވި ކަމަށެވެ.
މީގެ އިތުރުން ޝަހީބު ވިދާޅުވީ، އޭނާ އިންކާރުކުރެއްވުމުން ސޮފްވާން ރައީސް ޔާމީނަށް ބައްދަލުކުރެއްވި ކަމަށާއި ރައީސް ޔާމީންގެ ޚާއްސަ މެސެޖެއް ކަމަށް ބުނެ، ސޮފްވާންގެ ފޯނުން މެސެޖެއް ދެއްކެވި ކަމަށާއި، އެއީ ހަފްތާއަކަށް ރާއްޖެ ޓީވީ ބަންދުކުރުމަށް އަންގާފައި އޮތް މެސެޖެއް ކަމަށެވެ.
ޝަހީބް ވިދާޅުވީ ކަންތައް ދިމާކުރި ގޮތުން އެބައްދަލުވުމުގައި ބައިވެރިވެޑައިނުގެންނެވުނު ކަމަށާއި، އުޅުއްވީ ބައްޕަ ބަލިވެގެން ހޮސްޕިޓަލްގައި ކަމަށެވެ.
ނަމަވެސް ރާއްޖެ ޓީވީ ބަންދު ކުރުމަށް މަސައްކަތް ކުރެއްވި ކަމަށް ޝަހީބު ދެއްކެވި ވާހަކަތައް ސޮފްވާން ވަނީ ދޮގުކުރައްވާފައެވެ. ސޮފްވާން ވިދާޅުވީ ރާއްޖެ ޓީވީ ބަންދު ކުރުމަށް ޔާމީން ދުވަހަަކު ވެސް އިރުޝާދު ދީފައި ނުވާ ކަމަށެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މިނިވަން ނޫސްވެރި ކަމަށް ވަރަށް ބޮޑަށް ހުރަސްއަޅާ ރާއްޖެ ޓީވީ ވަނީ ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައެވެ.
ބުދަ ދުވަހު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ޝަހީބާއި އެހެން މެންބަރުން ވަނީ ގިނަ ކަންތައްތަކެއް ހާމަކުރައްވާފައެވެ. އަދި ކޮމިޝަނުން ގާނޫނާ ހިލާފަށް ގިނަ ކަންތައްތަކެއް ކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި ހާއްސަކޮށް ރާއްޖެ ޓީވީއާ ދެކޮޅަށް މައްސަލަތައް ބަލާފައިވާކަން ވަނީ ހާމަކޮށްފައެވެ. އެ ނިންމުންތައް ނިންމީ މެންބަރުން ކަމަށް ވިދާޅުވެ ޝަހީބު ރެކިވަޑައިގަންނަވަން މަސައްކަތްކުރެއްވުމުން ބައެއް މެންބަރުން ވަނީ ޝަހީބަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވާފައެވެ. އެގޮތުން އެފަދަ ކަންކަން ހިނގަމުން ދިޔަ އިރު ޝަހީބު މަގާމުން އިސްތިއުފާ ނުދެއްވީ ކީއްވެތޯ މެންބަރަކު ކޮމިޓީގައި ސުވާލު ކުރެއްވިއެވެ.






