ކ. މާލެ
|
17 ޖޫން 2019 | ހޯމަ 09:06
އެންޓި ކޮރަޕްޝަން ކޮމިޝަންގެ އިދާރާ
އެންޓި ކޮރަޕްޝަން ކޮމިޝަންގެ އިދާރާ
މުހައްމަދު ޝަރުހާން
އެންޓި ކޮރަޕްޝަން ކޮމިޝަން
ޑިއުޓީ ފްރީ ފިހާރަތަކުގެ ކުލީގެ ގޮތުގައި 56 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބިވޭ: އޭސީސީ
 
ދެ ފަހަރެއްގެ މަތިން ފައިސާ ދައްކާނެ ލުއި ގޮތްތަކެއް ހަމަޖައްސައިދިން

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހިންގި ޑިއުޓީ-ފްރީ ބައެއް ފިހާރަތަކުގެ ކުލީގެ ގޮތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް 56 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީން ބުނީ އަމިއްލަ ފަރާތަކުން ހިންގާ ޑިއުޓީ ފްރީ ފިހާރަތަކުގެ ކުލީގެ ގޮތުގައި އެމްއޭސީއެލްއަށް ދައްކަންޖެހޭ އެތައް މިލިއަން ރުފިޔާ ނުދައްކާ އެބަހުރި ކަމަށެވެ. ކޮމިޝަނުން މައްސަލަ ތަހުގީގުކޮށް ބެލިބެލުމުގައި އަމިއްލަ ފަރާތަކުން މިހާރުގެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހިންގި ޑިއުޓީ-ފްރީ ފިހާރަ ނަންބަރު 06، 07 އަދި 08 ކުއްޔަށް ހިފުމާ ގުޅޭ އެއްބަސްވުންތަކާ އެއްގޮތަށް އެ ފަރާތުން އެމްއޭސީއެލްއަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ކަމަށެވެ.

އެ ފައިސާ ދެއްކުމަށް ދެ ފަހަރެއްގެ މަތިން ލުއި ގޮތްތަކެއް އެމްއޭސީއެލުން ހަމަޖެއްސާފައިވާކަން ފާހަގަކޮށް އޭސީސީން ބުނީ އެންމެ ފުރަތަމަ ލުއި ގޮތްތަކެއް ހަމަޖައްސައިދިނީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގެ ސަބަބުން ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް އައި ހީނަރުކަމުގެ ސަބަބުން އެ ފިހާރަތަކުގެ ވިޔަފާރި ދަށްވެފައި ވާތީ ސަރުކާރުން އެ ފަރާތްތަކަށް ފައިސާ ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖެއްސުމަށް ނިންމުމާ ގުޅިގެންކަން ލިޔުންތަކުން އެނގޭ ކަމަށެވެ.

ދެވަނަ ފަހަރަށް ލުއިދީ، ފައިސާ ދެއްކުމުގެ ފުރުސަތު ދީފައި ވަނީ 2008 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި ހީނަރުކަމުގެ ސަބަބުން، ޑިއުޓީ-ފްރީ ފިހާރަތައް ހިންގާ ފަރާތްތަކަށް އެކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިގެންކަން ވެސް ލިޔުންތަކުން އެނގޭ ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ އެމްއޭސީއެލުން ދީފައިވާ ޑިފަރމަންޓް ތާވަލްއާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ، ޑިއުޓީ-ފްރީ ފިހާރަ ނަންބަރު 07، 31 ޖުލައި 2010 ގެ ނިޔަލަށް ބަންދު ކުރުމަށް އަންގާފައިވާ ކަމަށާއި، އެ ފިހާރައިގެ ބޭންކް ގެރެންޓީއަށްވާ ފައިސާ، އެހާތަނަށް ކުލީގެ ގޮތުގައި ނުދައްކާ ފައިސާއިން ކަނޑާ، ބާކީ ދައްކާނެ ގޮތުގެ ތާވަލެއް ހަދައި، އެ ތާވަލާ އެއްގޮތަށް ފައިސާ ދެއްކުމަށް އަންގާފައިވާ ކަމަށެވެ. އޭގެ ފަހުން ވެސް ނުދައްކާ ހުރި ފައިސާ ދެއްކުމަށް ޑިފަރމަންޓް ތާވަލްތައް ތައްޔާރުކޮށްފައިވާ ކަމަށާއި، އެ ތާވަލްތައް ތައްޔާރުކޮށްފައި ވަނީ އެމްއޭސީއެލްގެ 75 ވަނަ ބޯޑު ބައްދަލުވުމުން ނިންމައިގެން ކަމަށް އޭސީސީން ބުންޏެވެ.

މީގެ އިތުރުން، އެސީސީން ބުނީ އެ ފިހާރަތަކުގެ އެއްބަސްވުމާއި އަދި އޭގެ ފަހުން ހެދުނު ތާވަލާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ، އެ ފައިސާ ދެއްކުމަށް އެދި އެމްއޭސީއެލުން ގިނަ އަދަދެއްގެ ސިޓީ އާއި އީމެއިލްތައް އެ ފިހާރަތައް ކުއްޔަށް ހިފާފައިވާ ކުންފުންޏަށް ފޮނުވާފައިވާކަމާއި، އެ ފަރާތާ އެކު ބައްދަލުވުންތައް ބާއްވާފައިވާ ކަމަށެވެ. ހަމައެހެންމެ، އެމްއޭސީއެލްއަށް ފައިސާ ދައްކަންޖެހި ގަވާއިދާ އެއްގޮތަށް ފައިސާ ދައްކާފައިނުވާ ބައެއް އެހެން ކުންފުނިތަކާ މެދު ވެސް އަމަލުކޮށްފައިވަނީ އެ އުސޫލުން ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ އެ ފިހާރަތަކުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ 429,831.25 (ހަތަރު ލައްކަ ނަވާވީސް ހާސް އަށްސަތޭކަ އެއްތިރީސް ޔޫ.އެސް ޑޮލަރު ފަންސަވީސް ސެންޓް) ދައްކާފައިނުވާކަން ލިޔުންތަކުން އެނގެން އޮތް ކަމަށެވެ. އަދި އެފައިސާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ދައްކާފައިނުވާތީ އެ އެއްބަސްވުމުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ކުލި ނުދައްކާ ލަސްވެފައިވާ ދުވަސްތަކަށް މި މައްސަލާގައި ޖޫރިމަނާ ފައިސާ ހިސާބުކުރެވުނު ތާރީހް ކަމަށްވާ 16 އޭޕްރީލް 2019ގެ ނިޔަލަށް ކޮންމެ ދުވަހަކަށް 100 އެމެރިކާ ޑޮލަރުގެ މަގުން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އެހެން ކަމުން ޖޫރިމަނާގެ ފައިސާގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ 3,237,100.00 (ތިން މިލިއަން ދެ ލައްކަ ތިރީސް ހަތްހާސް އެއްސަތޭކަ) އެމެރިކާ ޑޮލަރާ އެކު، މުޅި ޖުމުލަ 3,666,931.25 (ތިން މިލިއަން ހަ ލައްކަ ފަސްދޮޅަސް ހަ ހާސް ނުވަސަތޭކަ އެއްތިރީސް ޑޮލަރު ފަންސަވީސް ސެންޓް) އެމްއޭސީއެލްއަށް ލިބެންޖެހޭކަން ލިޔުންތަކުން އެނގޭތީ، އެ ފައިސާ ހޯދުމަށް އެމްއޭސީއެލްއަށް ކޮމިޝަނުން އަންގާފައިވާ ކަމަށެވެ. އެއީ ދިވެހި ރުފިޔާއިން ނަމަ 56,544,079.88 (ފަންސާސް ހަ މިލިއަން ފައްސަތޭކަ ސާޅީސް ހަތަރު ހާސް ހަތްދިހަ ނުވަ ރުފިޔާ އަށްޑިހަ އަށް ލާރި) އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
100%
0%
0%
ކޮމެންޓް