އޭޖީ ރިފްއަތުގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފެދޭ: ނިހާން
23 މެއި 2019 | ބުރާސްފަތި 03:26ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވޭ

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކުން ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި، އޭނާގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެ ރޭ ޕީޕީއެމް އަދި ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވިދާޅުވީ، ދައުލަތުގެ ބަންޑާރަ ނައިބަކަށް ހުންނަވާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނީ ލަފާ ދިނުމާއި އަދި މުޅި ރާއްޖޭގެ ކެބިނެޓްގެ ހުރިހާ ވަޒީރުންނަށާއި، ރައްޔިތުން މަޖިލިސް މެންބަރުންނަށްށާއި، އާންމު ފަރުދުންނާ ހަމައަށް ވެސް ވަކިން ޚާއްސަ ޝަހުޝިއްޔަތެއް އޮންނަ ބޭފުޅަކަށް ވާންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މުޅި ދައުލަތުގެ އިތުބާރު އެ ބޭފުޅެއްގެ މަތީގައި އޮންނަން ޖެހޭ ކަމަށެވެ.
ނިހާން ވިދާޅުވީ މިދިޔަ ހަތަރު މަހެއްހާ ދުވަހު ކޮރަޕްޝަންގެ ތަފާތު އެކި ތުހުމަތުތައް ރިފްއަތުގެ މައްޗަށް ކުރެވިފައިވާ ކަމަށާއި، ސޯޝަލް މީޑިއާގައި އާންމުގެ ގިނަ ބަޔަކު އޭނާގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފައްދަމުންދާ ކަމަށެވެ. އެގޮތުން ދީބާޖާގެ މައްސަލަ ފާހަގަކުރެއްވިއެވެ.
ޖީއެމްއާރް މައްސަލައަށް އިޝާރާތް ކުރައްވާ ނިހާން ވިދާޅުވީ ކުރީގެ ޑެޕިއުޓީ ބަންޑާރަ ނައިބު އަދި މިހާރު ވިލިމާލެ ދާއިރާ އަށް އިންތިހާބުވެވަޑައިގެންފައިވާ އަހުމަދު އުޝާމް ކުރެއްވި ތުހުމަތުތައް ވެސް ރިފްއަތު ސާފުކޮށްދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އަދި އިންޑިއާގެ ޖީއެމްއާރުން ދިވެހި ދައުލަތަށް ދައްކަންޖެހޭ ޓެކްސް ފައިސާ ދައްކަން ނުޖެހޭ ކަމަށް އޭނާ ލަފާ ދެއްވި ކަމަށްވާ ނަމަ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ނިހާން ވިދާޅުވިއެވެ. ޓެކްސް ފައިސާ މައާފްކޮށްދިނުމަށް ރިފްއަތު ލަފާއެރުއްވި ކަމަށް ދޭހަވާ ގޮތަކަށް އުޝާމް ވަނީ ޓްވީޓެއްކުރައްވާފައެވެ.
ނިހާން ވިދާޅުވީ ޖީއެމްއާރާ އެކު ވެފައިވާ އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލަ އާބިޓްރޭޝަންގައި ހިންގަމުން ދިޔައިރު ރިފްއަތު ޖީއެމްއާރް ކުންފުނީގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.
ނިހާން މިހެން ވިދާޅުވި އިރު އުޝާމްގެ ތުހުމަތުތަކަށް ރޭގެ ވަގުތެއްގައި ރިފްއަތު ވަނީ ޖަވާބު ދެއްވާފައެވެ. ރިފްއަތު ކުރެއްވި ޓްވީޓްގައި ވަނީ ދައުލަތުގެ ބަންޑާރަ ނައިބުގެ މަގާމުގައި ހުންނަވައިގެން ޖީއެމްއާރްއާ ގުޅޭ ގޮތުން އެއްވެސް ކަމެއް ނިންމަވާފައި ނުވާނެ ކަމަށާއި، އަބަދުވެސް ދައުލަތުގެ މަސްލަހަތު އިސްކުރައްވާ ކަމަށެވެ. އަދި ދީބާޖާގެ މައްސަލާގައި ކުރެވޭ ތުހުމަމަތުތައް ވެސް އޭނާ ކުރިން ވަނީ ދޮގުކުރައްވާފައެވެ.






