އެންމެ ފުރަތަމަ މާލީ ބަޔާން ހުށަހެޅުއްވި ކެންޑިޑޭޓަކަށް ނާދިރާ
19 އެޕްރީލު 2019 | ހުކުރު 08:04މިއީ ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް ކުރަންޖެހޭ ކަމެއް

މާލީ ބަޔާން ހުށަހެޅުއްވުމަށްފަހު ނާދިރާއާ އަލީމް ކޮމިޝަންގެ ބޭރުގައި ހުއްޓިލައިގެން
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާއަށް ވާދަ ކުރެއްވި އައިމިނަތު ނާދިރާ މާލީ ބަޔާން ހުށަހަޅައިފިއެވެ.
ނާދިރާ މާލީ ބަޔާން އިލެކްޝަން ކޮމިޝަނަށް ހުށަހެޅުއްވީ ބުރާސްފަތި ދުވަހުއެވެ. އިންތިޚާބުގައި ވާދަ ކުރެއްވި ހުރިހާ ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭއިރު އެންމެ ފުރަތަމަ މާލީ ބަޔާން ހުށަހެޅުއްވި ކެންޑިޑޭޓަކީ ވެސް ނާދިރާއެވެ.
މާލީ ބަޔާން ހުށަހެޅުމާ ގުޅޭ ގޮތުން ރާއްޖެއެމްވީއަށް ނާދިރާ ވިދާޅުވީ ލަސްނުކޮށް ގާނޫނުގައިވާ ގޮތަށް ހުރިހާ ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި މިއީ ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް ކުރަންޖެހޭ ކަމެއް ކަމަށް ވެސް ނާދިރާ ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއިދާއެކު ވާދަ ކުރެއްވި ނާދިރާއަށް އިންތިހާބުގައި ކުރިމަތިވީ ނާކާމިޔާާބީއާ ކުރިމަތިވެވަޑައިގެންނެވި ނަމަވެސް އިންތިހާބު ނިމުމާއެކު އެންމެ ފުރަތަމަ ކެމްޕެއިން ޕޯސްޓަރުތަކާއި ބެނާތައް ވެސް ނެގީ ނާދިރާ އެވެ. އަދި ނާދިރާގެ މިއަމަލުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ ދައްކަވަމުން ގެންދަވާ ނަމުނާއަށް ތައުރީފު ކުރަމުންނެވެ. އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައި ބުނެފައިވާ ގޮތުން ކޮންމެ ކެންޑިޑޭޓަކު ވެސް އެ ކެންޑިޑޭޓެއްގެ އިންތިހާބާގުޅޭ މާލީ އިންތިހާބު ބާއްވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިލެކްޝަން ކޮމިޝަނަށް އަށް ހުށައަޅަން ޖެހޭނެ އެވެ.









