ހައްޖު ކޯޓާ އިތުރުކުރުމާއި ބެހޭ ގޮތުން މަޝްވަރާކޮށްފި
14 ފެބުރުއަރީ 2019 | ބުރާސްފަތި 18:22ދެގައުމުގެ ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވި

މިނިސްޓަރު މުހައްމަދު ބަންތާންއާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ދެމުންދާ ހައްޖު ކޯޓާތައް އިތުރުކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފިއެވެ.
ވަޒީރުކަމުގައި ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުފުޅުގައި ޢަބްދުﷲ ޝާހިދު، އެގައުމުގެ ހައްޖު އަދި އުމްރާއާ ބެހޭ މިނިސްޓަރު މުހައްމަދު ބަންތާންއާ ވަނީ ބައްދަލުކުރައްވާފައެވެ.
މިބައްދަލުކުރެއްވުމަށްފަހު، މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއާ ސައުދީއަކީ ގާތް ގުޅުމެއް އޮންނަ ދެގައުމު ކަމަށާއި، މިގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމެވެ.
އެގޮތުން މިހާރު ވެސް ކޮންމެ އަހަރަކު ރާއްޖެއަށް ސައުދީން ދެމުން ގެންދާ ހައްޖު ކޯޓާތައް އިތުރު ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށާއި، މިމަސައްކަތް ކުރިއަށްދާ ގޮތާއި މެދު ހިތް ހަމަޖެހޭ ކަމަށެވެ.
ވަޒީރުކަމާ ހަވާލުވެވަޑައިގަތް ފަހު ޝާހިދު ވަނީ އިންޑިއާ، ޔޫއޭއީ، އެމެރިކާގެ އިތުރުން އިނގިރޭސިވިލާތަށް ދަތުރު ކުރައްވާފައެވެ.
މިނިސްޓަރު އެންމެ ފަހުން އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ކޮމަންވެލްތްގެ ސެކެރެެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލޭންޑްއާ ބައްދަލު ކުރައްވާފައެވެ. ރާއްޖެ އިން ކޮމަންވެލްތާ ގުޅުމުގެ މަސައްކަތް އަވަސް ކޮށްދިނުމަށް ޝާހިދު ވަނީ އެދިފައެވެ.








