ދަރަނިން ސަލާމަތްވާނެ ގޮތްތަކާއި ބެހޭ ގޮތުން އިންޑިއާއެކު މަޝްވަރާކޮށްފި
14 ފެބުރުއަރީ 2019 | ބުރާސްފަތި 14:26މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި

ނަޝީދު އިންޑިއާގެ ހާރިޖީ ވަޒީރާ ބައްދަލުކުރެއްވުމުގެ ތެރެއިން
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނަގާފައިވާ ލޯނުތަކުން ރާއްޖެއަށް ދިމާވެފައިވާ "ޑެޓް-ޓްރެޕް" ނުވަތަ ދަރަނީގެ ދަންތުރައިން ސަލާމަތްވާނެ ގޮތްތަކާއި ބެހޭ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ ހާރިޖީ ވަޒީރު ސުޝްމާ ސުވަރާޖް އާ އެކު މަޝްވަރާ ކުރައްވައިފިއެވެ.
ބުރާސްފަތި ދުވަހު ނިއު ދިއްލީގައި ނަޝީދާއި ސުޝްމާ ސުވަރާޖް ވަނީ ބައްދަލުކުރައްވާ ގިނަ މަޝްވަރާތަކެއް ކުރައްވާފައައެވެ. މިމަޝްވަރާތަކަށްފަހު ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ބޮޑު ހިތްހަމަ ޖެހުމެއް ލިބިއްޖެ ކަމަށާއި، ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން މައިގަނޑު ތިން ކަމަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
އެއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އެކަމުން ކުރާނެ ނޭދެވޭ އަސަރުތަކާއި، ހަރުކަށި ވިސްނުމުގެ ކަންކަމާއި ބެހޭ ގޮތުން އަދި ރާއްޖެއަށް ދިމާވެފައިވާ ދަރަނީގެ ބޮޑު މައްސަލައެވެ.
ރައީސް ނަޝީދު އިންޑިއާއަށް ވަޑައިގެންނެވީ އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް އާއި ޖަވާހަރްލާލް ނެހްރޫ ޔުނިވަރސިޓީގެ ދައުވަތަކަށް މިދެ ޔުނިވާސިޓީއެއްގައި ތަގްރީރު ކުރެއްވުމަށެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ވަނީ ޗައިނާއިން ގިނަ ލޯނުތަކެއް ނަގައިގެން މަޝްރޫއުތައް ހިންގާފައެވެ. އެ ގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫއަކީ މާލެ އާއި ހުޅުލެއާ ދެމެދު ގާއިމުކޮށްފައިވާ ބްރިޖެވެ. އެ މަޝްރޫއަށް 300 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ އިރު ބޮޑު ބައެއް ހިއްސާކުރަނީ ބޮޑު އިންޓަރެސްޓާ އެކު ޗައިނާ އިން ދިން ލޯނެވެ.
ނަޝީދު ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރުން މަސައްކަތް ކުރަނީ އެ މަޅިތަކުން ރާއްޖެ ސަލާމަތްކުރުމަށް ކަމަށެވެ.








