ލޯގޯއާ ކުލަ ތައާރަފް ކުރަން އެއްވެސް ހަރަދެއް ނުކުރަން: އީސީ
29 ޖެނުއަރީ 2019 | އަންގާރަ 08:19އިންތިޚާބު އިއުލާން ކުރުމަށް އަބަދުވެސް ހަފްލާ ބާއްވާ


އީސީގެ އައު ލޯގޯ އާއި ކުލަ އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އިލެކްޝަންސް ކޮމިޝަންގެ އައު ލޯގޯ އާއި ކުލަ އިފްތިތާހު ކުރުމަށް އެއްވެސް ހަރަދެއް ކޮށްފައިނުވާ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.
ރާއްޖެއެމްވީއަށް އީސީގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ އިންތިޚާބު އިއުލާން ކުރުމަށް އެކޮމިޝަނުން އަބަދު ވެސް ޖަލްސާ ބާއްވާ ކަމަށާއި، އެއީ ކުރިންސުރެ ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަކްރަމް ވިދާޅުވީ އައު ލޯގާ އާއި، ކުލަ އިފްތިތާހް ކުރުމަށް އެއްވެސް ހަރަދެއް ނުކުރާ ކަމަށާއި، ނަމަވެސް އިންތިޚާބު އިއުލާން ކުރުމަށް ހަރަދު ކުރީ އޮންނަ އުސޫލުގެ ތެރެއިން ކަމަަށެވެ.
ހޯމަ ދުވަހުގެރޭ ހޮޓެލް ޖެން ގައި ބޭއްވި ޚާއްސަ ހަފްލާގައި މި ލޯގޯ އާއި ކުލަ އިފްތިތާހު ކޮށްދެއްވީ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާއި ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންނެވެ.
މިހަފްލާގައި ކޮމިޝަންގެ ރައީސް ޝަރީފް ވިދާޅުވީ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ތައްޔާރުވަމުން އަންނައިރު، ބަޖެޓްގެ ދަތިކަން އެބައޮތް ކަމަށެވެ.
ޝަރީފްގެ މިވާހަކަތަކަށް އަލިއަޅުއްވާލައްވާ ބައެއް ފަރާތްތަކުން އަންނަނީ އެކޮމިޝަނަށް ފާޑުކިޔަމުންނެވެ. އެގޮތުން ކޮމިޝަންގެ އައު ލޯގާއާ، ކުލަ އިފްތިތާފް ކުރުމަކީ ބޭކާރު ޚަރަދެއް ނޫންތޯ ސުވާލު އުފައްދަވައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވެސް ވަނީ ފާޑު ވިދާޅުވެފައެވެ.
މީގެކުރިން ބޭނުންކުރަމުން ދިޔަ ލޯގޯ ބަދަލުކުރީ، އެ ލޯގޯއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުންދާތީ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ. އަދި ވިދާޅުވީ އީސީގެ ކުލައިގެ ގޮތުގައި ކަނޑައަޅާފައިވާ ކުލައަކީ ދަނބު ކުލަ އެވެ. ޝަރީފް ވިދާޅުވީ އެ ކުލަ ކަނޑައަޅާފައިވަނީ ސިޔާސީ ޕާޓީއަކުން ބޭނުން ނުކުރާ ކުލައެއް ކަނޑައެޅުމަށް ކަމަށެވެ.






