އިސްލާމިކް މިނިސްޓްރީގައި ކޮރަޕްޝަން އޮތް މިންވަރު ފެނި ހައިރާންވެއްޖެ:ޝާފިއު
4 ޖެނުއަރީ 2019 | ހުކުރު 14:50ރައީސް ޔާމިންގެ ވެރިކަމުގައި ވެސް، އިސްލާމިކް މިނިސްޓްރީގެ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ތިލަވެފައިވޭ


އިސްލާމިކް މިނިސްޓްރީގެ ނައިބު ޝާފިއު އަލީ
އިސްލާމިކް މިނިސްޓްރީގައި ކޮރަޕްޝަން އޮތްވަރު ފެނިވަޑައިގެން އަންތަރީސް ވެއްޖެ ކަމަށް އެ މިނިސްޓްރި އަށް އަލަށް އައްޔަން ކުރެއްވި ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ ވިދާޅުވެއްޖެެއެވެ.
ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގައި ކޮރަޕްޝަން އޮތް މިންވަރު ހާމަ ކުރެއްވުމުގެ ގޮތުން ޝާފިއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަގާމާއި ހަވާލުވެވަޑައި ގަތުމަށް ފަހު އޮފީހަށް ނުކުންނެވި ފުރަތަމަ ދުވަހު ވެސް މިނިސްޓްރީގައި ކޮރަޕްޝަން އޮތްވަރު ފެނިވަޑައިގެން ހައިރާންވެވަޑައިގެންނެވި ކަމަށެވެ.
''ކޮރަޕްޝަން އޮތީ ހިތަށް އަރާ ވަރަށް ވެސް ބޮޑުކޮށް،'' ޝާފިއުގެ ޓްވީޓްގައިވެ އެވެ.
ޝާފިއު ރާއްޖެއެމްވީ އަށް ވިދާޅުވީ އޭނާ ޓްވިޓާގައި އިޝާރަތްކުރެއްވި ކޮރަޕްޝަނުގެ އަމަލުތަކަކީ މީގެ ކުރިން ތިލަވެފައި ނެތް ކަންތައްތަކެއް ކަމަށާއި އެ މައުލޫމާތު މިނިސްޓްރީން ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ.
ރައީސް ޔާމިންގެ ވެރިކަމުގައި ވެސް، އިސްލާމިކް މިނިސްޓްރީގެ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ތިލަވެފައިވެ އެވެ.
ޓީޗަރަކަށް ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި ޝާފިއު، އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަން ކުރެއްވީ ބުރާސްފަތި ދުވަހުވެ.







