ގައުމު ހަލަބޮލި ނުކުރަން ޕީޕީއެމް އަށް އިލްޔާސް ގޮވާލައްވައިފި
22 ޑިސެމްބަރު 2018 | ހޮނިހިރު 11:27ﷲ އަށް ބިރުވެތިވެ ތައުބާވާން އިލްޔާސް ވަނީ ގޮވާލައްވާފައި


އިލްޔާސް ހުސެއިން
ގައުމު ހަލަބޮލިނުކޮށް ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރުމަށް އަދާލަތު ފާޓީގެ އިލްމުވެރިންގެ މަޖިލީސްގެ ރައީސް ޝެއިހް އިލްޔާސް ހުސެއިން ޕީޕީއެމް އަށް ގޮވާލައްވައިފިއެވެ.
ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި އިލްޔާސް ވިދާޅުވީ، ނިމިގެންދިޔަ ވެރިކަމުގައި ދައުލަތުގެ ހަޒާނާ އިން ހިޔާނާތްތެރިވި ބަޔަކަށް ބޮޑުތަނުން ރައްޔިތުން ވަނީ ނޫނުކޭ ބުނެފައި ކަމަށެވެ.
އެގޮތުން އިދިކޮޅު ޕީޕީއެމް އަށް އިޝާރަތް ކުރައްވާ އިލްޔާސް ވިދާޅުވީ، ބަލި ގަބޫލުނުކޮށް ގައުމު ހަލަބޮލި ކުރުމުގެ ބަދަލުގައި ރައްޔިތުން ނިންމުމަށް އިހްތިރާމް ކުރަންޖެހޭ ކަމަށެވެ.
ޓްވީޓް ނިންމާލައްވަމުން އެ ފާރާތްތަކުން ﷲ އަށް ބިރުވެތިވެ ތައުބާވާން އިލްޔާސް ވަނީ ގޮވާލައްވާފައެވެ. އިލްޔާސް މިހެން ވިދާޅުވެފައި ވާއިރު، އިދިކޮޅު ޕީޕީއެމްއިން ދަނީ މި ސަރުކާރު ވައްޓާލާނެ ކަމަށް ބުނެ ސިލްސިލާ މުޒާހަރާތަކެއް ބާއްވަމުންނެވެ. ޕީޕީއެމް އޮފީސް ކުރިމަތީގައި ރޭގައި ވެސް ވަނީ މުޒާހަރާ ކޮށްފައެވެ. ނަމަވެސް އެ ތަނަށް 50 ވަރަކަށް މީހުން ވެސް ޖަމާނުވެއެވެ.
ޕީޕީއެމްގެ އެކްޓިވުސްޓުން ވަނީ ސަރުކަރު ވައްޓާލާނެކަމުގެ އިންޒާރު ދީ ކޯލިޝަން އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. މުޒާހަރާގައި ވާހަކަ ދެއްކެވި ގިނަ މީހުން ދަނީ މި ސަރުކާރުން ރާއްޖެ ވިއްކާލުމަށް މަސަތްކަތް ކުރަމުން ގެންދާ ކަމަށާއި އެކަން ކުރުމަށް ފުރުސަތު ނުދޭނެ ކަމަށް ބުނަމުންނެވެ.







