އަދުލު އިންސާފު ގާއިމްކުރުމުގެ ދާއިރާއަށް އިތުބާރު ނުލިބި މަރުގެ ހުކުމް ތަންފީޒު ނުކުރާނެކަމަށް ސަރުކާރުން ބުނެފި
17 ޑިސެމްބަރު 2018 | ހޯމަ 19:08ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުނުކުރާތާ 60 އަހަރު


ފޮރިން މިނިސްޓްރީ
ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމްކުރުމުގެ ދާއިރާއަށް ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ޔަގީންކަން ލިބެންދެން، ދިވެހިރާއްޖެއިން މަރުގެ ހުކުމް ތަންފީޒު ނުކުރާނެކަމަށް ރާއްޖެއިން އދ ގައި ބުނެފިއެވެ.
މަރުގެ ހުކުމް ތަންފީޒުކުރުމާ ބެހޭ ޤަރާރާ ގުޅޭގޮތުން އދގެ އާންމު މަޖިލީހުގައި ހޯމަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ވޯޓުގެ ކުރިން، ރާއްޖޭގެ ސިޔާސަތު ބަޔާންކޮށްދެއްވަމުން، ރާއްޖެއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ. އަލީ ނަސީރު މުހައްމަދު ވިދާޅުވީ، 2014 ވަނަ އަހަރު ވުޖޫދަށްއައި އައު ޤާނޫނުލްޢުޤޫބާތުގައި، ކަނޑައެޅޭ ވަކި ހާލަތްތަކެއްގައި އަދަބެއްގެ ގޮތުން މަރުގެ ހުކުމް ދެވޭނެކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، އެހެންކަމުން އިސްލާމީ ޝަރީޢަތާ އެއްގޮތަށް އެހުކުމް ތަންފީޒުކުރަން ޖެހޭކަމަށެވެ.
ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުނުކުރާތާ 60 އަހަރު ވެފައިވާކަން ފާހަގަކުރައްވައި ޑރ. އަލީ ނަސީރު ވިދާޅުވީ އެންމެ ފަހުން މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ 1954 ގައި ކަމަށެވެ.
މީގެ އިތުރުން، ވަކިފަރާތަކަށް ނުޖެހޭ، މިނިވަން، އަދި ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ ތަނަކަށް އަދުލު އިންސާފު ގާއިމްކުރުމުގެ ދާއިރާ ހެދުމަށް، އެދާއިރާ މުޅީން އިސްލާހުކޮށް، ވަރުގަދަކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރާނެކަމުގެ ޔަގީންކަންވެސް ރާއްޖެއިން ވަނީ ދީފައެވެ. އަދި ރާއްޖޭގެ އަދުލު އިންސާފު ޤާއިމްކުރުމުގެ ދާއިރާއަށް ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ޔަގީންކަން ލިބެންދެން، ރާއްޖެއިން މަރުގެ ހުކުމް ތަންފީޒު ނުކުރާނެކަންވެސް ވަނީ ހާމަކޮށްފައެވެ.
އދގެ އާންމު މަޖިލީހުގައި މިއަދު ނެގި ވޯޓުގައި، ރާއްޖެއިން ވަނީ "މޮރޮޓޯރިއަމް އޮން ދަ ޔޫސް އޮފް ދަ ޑެތު ޕެނެލްޓީ" (މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓުވުން) ޤަރާރާއި ދެކޮޅަށް ވޯޓުދީ، ވޯޓަށް ހާޒިރުވެތިބި އދގެ މެމްބަރު ޤައުމުތަކަށް ސަބަބު ބަޔާންކޮށްދީފައެވެ.
ދިވެހި ސަރުކާރުން މިފަދައިން ނިންމާފައިވާއިރު، މަރުގެ ހުކުމް ތަންފީޒު ކުރުމާއި ގުޅޭ ގޮތުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެފައިވަނީ، މާތްﷲގެ ޝަރީއަތުގައި ކަނޑައަޅުއްވާފައިވާ ކަމެއް ނުކުރާނަމޭ ބުނުމުގެ ހައްގު އެއްވެސް މީހަކަށް ލިބިގެން ނުވާ ކަމަށެވެ. ނަމަވެސް ތިމަންނަމެންގެ ގައުމުގެ ފަޑިޔާރުުން އަދުލްވެރިކަމާއެކު ހުކުމް ކުރާ ދުވަހެއް އަންނަންދެން ހުކުމް ތަންފީޒުކުރުން ލަސް ކުރާ ނަމޭ ބުނެވިދާނެ ކަމަށް ޑރ. އިޔާޒު ވިދާޅުވިއެވެ.





