އިންޑިޔާ އާއި އައްޑު ސިޓީ ދޭތެރޭ އިގްތިސާދީ ގޮތުން ބްރިޖެއް އެޅުމަކީ ވަރަށް އުއްމީދު ކުރާކަމެއް: އައްޑޫ މޭޔަރު
20 ނޮވެމްބަރު 2018 | އަންގާރަ 18:31ބްރިޖްގެ ސަބަބުން ފައިދާވެގެން ދާނެ


އިންޑިއާގެ އެމްބެސަޑަރު އަކީލޭޝް މިޝްރާއި އައްޑު ސިޓީގެ ކައުންސިލް މެމްބަރުން
އިންޑިޔާ އާއި އައްޑު ދޭތެރޭ އިގްތިސާދީ ގޮތުން ބްރިޖެއް އެޅުމަކީ އައްޑޫ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް ކަމަށް އައްޑޫ ސިޓީގެ ކައުންސިލަރު އަބްދުﷲ ސޯދިގެ (ސޯބެ) ވިދާޅުވެއްޖެއެވެ.
އިއްޔެ އިންޑިއާއިން ރާއްޖެ ކަނޑައަޅުއްވާފައިވާ ސަފީރު އަކިލޭޝް މިޝްރާ އާއިއެކު އައްޑޫ ސިޓީގެ ކައުންސިލަރުން ބޭއްވި ބައްދަލުވުމާއި ބެހޭ ގޮތުން ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ސޯބެ ވިދާޅުވީ އިގްތިސާދީ ބުރިޖަކީ އައްޑު ރައްޔިތުންނަށް ވަރަށް މުހިއްމު އަދިހަމަ އެހާމެ ފައިދާ ތަކެއް ވެގެންދާނެ ކަމަށެވެ.
ކައުންސިލްގެ މަޝްރޫއުތަކާއި ގުޅޭގޮތުންނާއި، އައްޑުގައި އިންޑިއާގެ އިންވެސްޓަރުންނަށް ހުރި ފުރުސަތު ތަކާއި ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ސޯބެ ވިދާޅުވިއެވެ. އަދި ތައުލީމު ހާސިލުކުރަން ބޭރަށް ކިޔަވަންދާ ކުދިންނަށް އިންޑިއާގެ ޔުނިވާސިޓީތަކުން ޖާގަ ހޯދުމަށް އުދަގޫތަކެއް ދިމާވާކަމަށާއި އެކަމަށް ހައްލެއް ހޯދައިދިނުމާއި ބެހޭގޮތުން ހުރި ކަންބޮޑުވުންތައް އެމްބެސަޑަރާއި ހިއްސާ ކޮށްފައިވާ ކަމަށް ސޯބެ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރެއްވުމަށްފަހު ރައީސް އޮފީހަށް ވަޑައިގެންނެވި ފުރަތަމަ ދުވަހު ވަނީ އައްޑޫ ސިޓީގެ ކައުންސިލްގެ މެމްބަރުންނާއި ބައްދަލުކުރައްވާފައެވެ.
ރައީސް ސޯލިހުގެ ކެބިނެޓުގައި އައްޑޫ ބޭފުޅަކު ހިމެނިފައި ނުވާތީ އެކަމާ ފާޑުކިއުންތަކެއް އަމާޒުވެފައިވާއިރު، އައްޑޫއަށް ނިސްބަތްވާ މީހުން އަންނަނީ ވަރަށް ބޮޑަށް ނުރުހުންފާޅު ކުރަމުންނެވެ. އަނެއް ބަޔަކު ބުނަމުންދަނީ އައްޑޫ އަށް ނިސްބަތްވާ ވަޒީރަކު ކެބިނެޓަށް އައްޔަންކުރުން ކޮންމެހެން މަޖުބޫރު ނޫން ކަމަށާއި ކެބިނެޓަކީ ކޮންމެ އަތޮޅަކުން ނުވަތަ ސިޓީއަކުން މަންދޫބުން ތިބެންޖެހޭ ތަނެއް ނޫން ކަމަށެވެ.







