ކ. މާލެ
|
17 ނޮވެންބަރ 2018 | ހޮނިހިރު 18:11
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
މުހައްމަދު ޝަރުހާން
ރައީސްގެ ވާހަކަފުޅު
ކޮރަޕްޝަނުގެ އަމަލުތަކަށް ހޭދަކޮށްފައިވާ ފައިސާ ސާފެއް ނުވޭ: ރައީސް ސޯލިހު
ކޮރަޕްޝަނުގެ އަމަލުތައް ސާފުކުރާނަން
ރައްޔިތުންނަށް ހިދުމަތްތައް ދިނުމުގައި ފަހަތަށް ނުޖެހޭނަން

މި ފާއިތުވެދިޔަ އަހަރުތަކުގައި ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލުތަކަށް ހޭދަކޮށްފައިވާ ފައިސާ އަދިވެސް ސާފުނުވާ ކަމަށާއި ރައްޔިތުންނަށްޓަކައި ހަރަދު ކުރުމަށްޓަކައި ދައުލަތުގެ މާލިއްޔާގެ ހާލަތު މިހެން ހުރި ކަމުގައިވާ ނަމަވެސް ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަކަށް އުނިކަމެއް ނާންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސްކަމުގެ ހުވާކުރައްވާ ރައްޔިތުންނަށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ދައުލަތުގެ މާލީ ހާލަތު ވަނީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ.

"ހަމައެކަނި ސިޔާސީ ބޭނުންތަކަށް، ދައުލަތަށް ގެއްލުންވާ ގޮތަށް ހިންގާފައިވާ އެތައް މަޝްރޫއުތަކަކުން ދައުލަތަށް ވެފައިވާ ގެއްލުންތައް ވަރަށް ބޮޑު. ހިޔާނާތާއި، އެކި ފަންތީގައި ހިނގި ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ދައުލަތުގެ ހަޒާނާއިން އެތައް ބިލިއަން ރުފިޔާއެއް ވަނީ ގެއްލިފައި. އެއީ ރައްޔިތުންނަށްޓަކައި ހަރަދުކުރަންހުރި ރައްޔިތުންގެ ފައިސާ. ވައްކަމާއި، ކޮރަޕްޝަނާއި، އިހުމާލުގެ ސަބަބުން ގެއްލިފައިވާ ފައިސާގެ މިންވަރު އަދިވެސް ސާފެއްނުވޭ. ދައުލަތުގެ މާލިއްޔާގެ ހާލަތު މިގޮތުގައި އޮތް ކަމުގައިވީ ނަމަވެސް، ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަކާއި، ކުރަންޖެހޭކަންކަމަށް އުނިކަމެއް ނައިސް ކުރިޔަށް ގެންދިޔުމަށް އަޅުގަނޑު އަޒުމް ކަނޑައަޅަން."

ދުނިޔޭގެ ޤައުމުތަކާއި، ބައިނަލްއަގްވާމީ ޖަމިއްޔާ، ޖަމާއަތްތަކުގެ އެހީތެރިކަން މާލީ ހާލަތު ރަނގަޅު ކުރުމުގައި ބޭނުންވާ ކަމަށާއި ރައްޔިތުންގެ އެހީތެރިކަމާއި، އިތުބާރާއި ޔަގީންކަން ވެސް މި މަސައްކަތުގައި ލިބެމުންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ގައުމު ވައްޓާލާފައިވާ އަނދިރި އަނދަވަޅުން ސަލާމަތްކޮށް، ކުރިއަށްދިޔުމަށްޓަކައި، ރައްޔިތުންގެ ކިބައިން ނިގުޅައިގެންފައިވާ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ރައީސް ވިދަޅުވިއެވެ.

ދިވެހި ދައުލަތުގެ ހަޒާނާއިން ގެއްލުވާލާފައިވާ ފައިސާ އަނބުރާ ދިވެހީންނަށް ހޯދައިދެއްވާނެ ކަމަށާއި ގޮތް ނޭނގޭ މަރުތަކާއި، ގެއްލުވާލާފައިވާ މީސް މީހުންގެ މައްސަލަތަކުގެ ހަގީގަތް ހޯދައި، ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް