އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެގޭ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރައްވައިފިއެވެ.
ރައީސްކަމު ހުވާ ސޯލިހު ކުރެއްވީ ގައުމީ ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައެވެ. ހުވާކުރެއްވުމަށް ފަހު 21 ބަޑީގެ ސަލާމެއް އެމްއެންޑީއެފް އިން ވަނީ އަރުވާފައެވެ.
މީގެ އިތުރުން ފައިސަލް ނަސީމް ވަނީ ނާއިބު ރައީސް ކަމުގެ ހުވާކުރައްވާފައެވެ.
ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން ނިމިގެންދާ ސަރުކާރުގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ކުރީގެ ސަރުކާރުތަކުގެ ނައިބު ރައީސުން ބައިވެރިވެވަޑައިގެންފައެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު ބައިވެރިވެވަޑައިގަންނަވައެވެ. މަޖިލީހުގެ މެންބަރުންގެ އިތުރުން ސިޔާސީ ޕާޓީތަކުގެ އިސްވެރިން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފާވެއެވެ.
މިރަސްމިއްޔާތަކީ ރާއްޖޭގެ ރައީސަކު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި އެންމެ ގިނަ މީހުން ބައިވެރިވާ ރަސްމިއްޔާތަށްވާ އިރު މި ރަސްމިއްޔާތުގައި ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.