ހުވާކުރުމުގެ ހައިބަތު ބޮޑު ރަސްމިއްޔާތު ފެށިއްޖެއެވެ.
މި ރަސްމިއްޔާތު ފެށިފައި ވަނީ އިބްރާހިމް މުހައްމަދު ސޯލިހު ގަލޮޅު ދަނޑަށް ވަޑައިގެންނެވުމުންނެވެ. ރަސްމިއްޔާތުގައި ސޯލިހާއި އަނބިކަނބަލުން ފަޒުނާ އަހުމަދަށް މަރުހަބާ ދެންނެވީ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްއެވެ.
އިންތިހާބީ ރައީސް އަށް ރައީސްކަމުގެ ހުވާލާދެއްވާނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.
ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން ނިމިގެންދާ ސަރުކާރުގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ކުރީގެ ސަރުކާރުތަކުގެ ނައިބު ރައީސުން ބައިވެރިވެވަޑައިގެންފައެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު ބައިވެރިވެވަޑައިގަންނަވައެވެ. މަޖިލީހުގެ މެންބަރުންގެ އިތުރުން ސިޔާސީ ޕާޓީތަކުގެ އިސްވެރިން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފާވެއެވެ.
މިރަސްމިއްޔާތަކީ ރާއްޖޭގެ ރައީސަކު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި އެންމެ ގިނަ މީހުން ބައިވެރިވާ ރަސްމިއްޔާތަށްވާ އިރު މި ރަސްމިއްޔާތުގައި ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި 46 ގަމަކުން 250 އަށް ވުރެ ގިނަ އިއްޒަތްތެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ. ދައުލަތުގެ އިއްޒަތްތެރިންނާއި ވިޔަފާރިވެރިންނާއި ކުރީގެ ވަޒީރުންނާއި ހިދުމަތްތެރިންގެ އިތުރުން އާންމު ގިނަ ރައްޔިތުންތަކެއް ބައިވެރިވާ މި ރަސްމިއްޔާތުގައި ދައުވަތު އެރުވިގެން 12000 ވުރެ ގިނަ މީހުން ބައިވެރިވާނެއެވެ.
އިންތިހާބީ ރައީސް ހުވާކުރެއްވުމަށްފަހު 21 ބަޑީގެ ސަލާމެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ގަލޮޅު ދަނޑުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މި ޖަލްސާގައި 65 މެންބަރުން ބައިވެރިވަޑައިގަންނަވައެވެ.