ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާ ގާސިމް އިބްރާހީމް ހަވާލުވެވަޑައިގެން ފަހުން އެ މަނިކުފާނުގެ ރިޔާސަތުގައި ބާއްވާ ފުރަތަމަ ޖަލްސާ ފަށައިފިއެވެ.
މި މަހުގެ 1 ވަނަ ދުވަހު، މަޖިލީހުގެ ރައީސްކަމަށް ގާސިމް ހޮވިވަޑައިގަތީ 62 މެންބަރުންގެ ވޯޓުންނެވެ. މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ގާސިމްއާ ވާދަކުރެއްވި ފޮނުދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަށް ލިބިވަޑައިގަތީ 16 ވޯޓެވެ.
ގާސިމް މީގެ ކުރިން ވަނީ ހާއްސަ މަޖިލީހުގައި ވެސް މަސައްކަތް ކުރައްވާފައެވެ. ގާނޫނު އަސާސީ ފާސްކުރުމަށްޓަކައި އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސް ކަން 2004 ވަނަ އަހަރުން 2008 ވަނަ އަހަރުގެ ނިޔަލަށް ގާސިމް ފުރުއްވިއެވެ.
މަޖިލީހުގައި ގާސިމް މަސައްކަތް ކުރައްވާތާ 18 އަހަރު ވަނީ ވެފައެވެ. މަޖިލީހުގެ ރައީސް ކަމަށް ހޮވިވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، މަޖިލީހުގެ ތެރެއިން ފާއިތުވެދިޔަ ދުވަސްތަކުގައި ފެނުނު ނާ އުންމީދީ ކަންތައްތައް ނުފެންނާނެ ގޮތަކަށް މަސައްކަތް ކުރައްވާނެ ކަމަށާއި މަޖިލީހުގެ މަސައްކަތްތައް ކުރައްވާނީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.