އިންތިހާބީ ރައީސް ހުވާކުރައްވާ ރަސްމިއްޔާތަށް މޯދީ ވަޑައިގަންނަވާނެ: އިންޑިއާ
މޯދީ ރާއްޖެ ވަޑައިގަންނަވާނީ ހުވާ ކުރައްވާ ދުވަހު


އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރައްވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގަންނަވާނެ ކަމަށް އިންޑިއާ އިން ބުނެފިއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ތަރުޖަމާން ރަވީޝް ކުމާރު ވިދާޅުވީ، ސޯލިހު ދެއްވި ދައުވަތު މޯދީ އުފަލާ އެކު ގަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ.
ރަވީޝް ވިދާޅުވީ، މޯދީ ރާއްޖެ އަށް ކުރައްވާނީ ވަރަށް ކުރު ދަތުރުފުޅެއް ކަމަށާއި، ދަތުރުފުޅު ހަމަޖެހިފައި އޮތް ގޮތުން ރާއްޖެ ވަޑައިގަތުމަށް ފަހު ހަމަ އެ ދުވަހު އެނބުރި ވަޑައިގަންނަވާނެ ކަމަށެވެ.
މީގެ އިތުރުން އިންޑިއާ އިން ގެންގުޅޭ "ނެއިބާސް ފަސްޓް" ޕޮލިސީގެ ދަށުން ރާއްޖޭގެ އާ ސަރުކާރާ އެކު ގުޅުން ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރަވީޝް ވަނީ ވިދާޅުވެފައެވެ.
ރައީސް ސޯލިހު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 17 ވަނަ ދުވަހު ގަލޮޅު ދަނޑުގައެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރަށް ގޯސްވެފައިވާއިރު، ސާކް ސަރަހައްދުން މޯދީ ވަޑައިނުގަންނަ ހަމައެކަނި ގައުމަކީ ރާއްޖެއެވެ. އެގޮތުން މިއީ މޯދީ ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
މޯދީ ރާއްޖެ ވަޑައިގަންނަވާ އިރު ހުވާކުރުމުގެ ރަސްމިއްޔާތުގައި ބޭރުގެ ގިނަ ގައުމުތަކެއްގެ ވެރިންނާއި ލީޑަރުން ދައުވަތު ދެއްވާ އިރު މިހާތަނަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ކަށަވަރުވެފައި ވަނީ މޯދީ އެކަންޏެވެ.






