ފޮރިން މިނިސްޓްރީގެ އިސް ވެރިއަކު ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް އެމިނިސްޓްރީން ބަލަންފަށައިފިއެވެ.
ފޮރިން މިނިސްޓްރީން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެ މިނިސްޓްރީގައި އުފައްދާފައިވާ، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ އަށް ބުރާސްފަތި ދުވަހު ޝަކުވާ އެއް ހުށައެޅިފައިވާ ކަމަށެވެ. އަދި އެ ކޮމިޓީއިން މި މައްސަލަ މިހާރު ބަލަމުންދާ ކަމަށް ބުނެފައިވެއެވެ.
މިނިސްޓްރީގެ މަސައްކަތުގެ މާހައުލުގައި ޖިންސީ ފުރައްސާރަ އަށް އެއްވެސް ޖާގައެއް ނުދިނުމަށާއި، މިނިސްޓްރީގެ ހުރިހާ މުއައްޒަފުން މިފަދަ ފުރައްސާރަ އިން ރައްކާތެރިކުރުމުގެ ގޮތުން، މިނިސްޓްރީގައި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބަލާ ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކާއި، މިކަން ކުރުމަށް ޤާއިމުކުރެވިފައިވާ އެންމެހައި ނިޒާމުތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
ފޮރިން މިނިސްޓްރީން މިހެން ބަޔާންކޮށްފައިވާ އިރު އެމިނިސްޓްރީގެ ތިން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކޮށްފައިވާ ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ ސޯޝަލް މީޑިއާގައި އެވާހަކަތައް ވަނީ އާންމުވެފައެވެ.