އަދީބަށް ދަނީ ބާރުގަދަ ބޭސްތަކެއް ދެމުން: ނަޝްވާ
6 ނޮވެމްބަރު 2018 | އަންގާރަ 09:41އެ ބޭސްތައް ބޭނުން ކުރުމުން ވަރަށް ބޮޑަށް ވަރުބަލިވެ، ބޯ އަނބުރާ ގޮތްވާ ކަމަށް އަދީބު ވަނީ ވިދާޅުވެފައި


ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ބާރުގަދަ ބޭސްތަކެއް ދެމުންދާ ކަމަށް އޭނާގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވެއްޖެއެވެ.
އަދީބަށް ބާރުގަދަ ބޭސްތަކެއް ދެމުންދާތީ ކަންބޮޑުވުން ފާޅުކުރައްވައި ނަޝްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދީބު މި މަހުގެ ފަސް ވަނަ ދުވަހު ޖަލުގައި ހުންނަ ފޯނުން ގުޅި ކަމަށާއި، ބާރުގަދަ ބޭސްތަކެއް ކާން ދެމުންދާ ކަމަށް އަދީބު ވިދާޅުވެފައިވާ ކަމަށެވެ. އަދި ނަޝްވާ ވިދާޅުވީ އެ ބޭސްތައް ބޭނުން ކުރުމުން ވަރަށް ބޮޑަށް ވަރުބަލިވެ، ބޯ އަނބުރާ ގޮތްވެ، ގޮޅި ތެރެއަށް ނުވެއްޓުނީ ކިރިޔާ ކަމަށް ވެސް އަދީބު ވިދާޅުވެފައިވާ ކަމަށެވެ.
އަދީބަށް ބާރުގަދަ ބޭސްތަކެއް ދެމުން ގެންދާއިރު، އޭނާ ޖަލުގައި ހުންނަނީ އެކަހެރިކޮށް ބަހައްޓާފައި ކަމަށް ވާތީ އެކަމާ ވެސް ނަޝްވާ ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ.
އަދީބުގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ގޭބަންދަށް ބަދަލު ކޮށްދިނުމަށް ޑޮކްޓަރުން ލަފާދެއްވާފައި ވާތީ، ބަންދުގައި ބަހައްޓައިގެން މިހާރުން މިހާރަށް އެކަން ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް އަމުރު ނެރުމަށް އެދި ހިއުމަން ރައިޓްސް ކަމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ކިބައިން އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވަނީ މިދިޔަ މަހުގެ ތެރޭގައި އެދިފައެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ކަމަށް ބުނެ، އަދީބުގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާއެއް ސާބިތުވާ ކަމަށް ނިންމުމާ ގުޅިގެން އަދީބު ގެންދަވަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މީގެ އިތުރުން ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ގިނަ މައްސަލަތަކެއްގައި އަދީބުގެ މައްޗަށް ދައުވާކޮށް، ޝަރީއަތްތައް ވެސް ދަނީ ހިންގަމުންނެވެ.








