ކ. މާލެ
|
5 ނޮވެންބަރ 2018 | ހޯމަ 17:26
ހިޔާ މަޝްރޫއުގެ ދާއިމީ ލިސްޓަށް ވެސް ޝަކުވާ ދަނީ ހުށަހަޅަމުން
ހިޔާ މަޝްރޫއުގެ ދާއިމީ ލިސްޓަށް ވެސް ޝަކުވާ ދަނީ ހުށަހަޅަމުން
ރާއްޖެއެމްވީ
ހިޔާ މަޝްރޫއު
ދާއިމީ ލިސްޓާއެކު އަނެއްކާ ވެސް ގިނަ ބައެއްގެ ޝަކުވާ!
ލިސްޓުގައި ނަން ނެތް ސަބަބުތައް ކިޔައިދޭންޖެހޭ
ފްލެޓް ލިބޭ 11000 މީހުން ވަނީ ކަނޑައަޅާފައި
7000 ފްލެޓްގެ މަސައްކަތް ވަރަށް ބާރަށް ދަނީ ކުރަމުން

ދާއިމީ ލިސްޓާ އެކު އަނެއްކާ ވެސް ގިނަ ބަޔަކު ޝަކުވާ ކުރަން ފަށައިފިއެވެ.

ހޯމަ ދުވަހުގެ ހެނދުނުން ފެށިގެން އޮފީސް ބަންދުކުރަންދެން، ހައުސިންގ މިނިސްޓްރީ ސަރަހައްދުގައި ޝަކުވާ ހުށަހެޅުމަށް ގިނަ ބަޔަކު އެއްވެފައި ވެއެވެ.

ދާއިމީ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅި މީހަކު ކިޔައިދިން ގޮތުގައި ޓީޗަރުންގެ ވަގުތީ ލިސްޓްގައި ނަން އޮތް އިރު ދާއިމީ ލިސްޓްގައި ނަން ނެތް ކަމަށެވެ. މިއީ ކަންބޮޑުވާ ކަމެއް ކަމަށާއި ޝަކުވާ ހުށަހެޅި ނަމަވެސް، ނަން ނެތީ ކީއްވެގެން ކަމެއް ހާމަކޮށްފައި ނުވާ ކަމަށް އޭނާ ބުންޏެވެ. 

ހައުސިންގ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، ޓީޗަރުންނާއި ޑޮކްތަރުންނާއި ނަރުހުންގެ ތެރެއިން ފޯމު ހުށަހެޅި ހުރިހާ ފަރާތްތަކަށް ފްލެޓް ދޫކުރުމަށް ނިންމާފައިވާ އިރު ދާއިމީ ލިސްޓްގައި ބައެއް ފަރާތްތަކުގެ ނަން ނުހިމެނޭނެ ކަމަށެވެ. އެގޮތުން ޓީޗަރުންގެ ލިސްޓުން ހަ މީހުން އުނިކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެެވެ. މިނިސްޓަރ ވިދަޅުވީ، ޓީޗަރުންގެ ލީސްޓުން ނަން އުނިކޮށްފައި ވަނީ ފްލެޓް ލިބުނު ފަރާތްތަކަކީ މާލޭގައި ނޫޅޭ ޓީޗަރުންކަން އެނގުމުން ކަމަށެވެ.

އެހެން ނަމަވެސް ރާއްޖެއެމްވީއާ ވާހަކަދެއްކި ހުޅުމާލޭ ރެހެންދި ސްކޫލުގައި ކިޔަވާދޭ ދެ ޓީޗަރަކު ބުނީ، ވަގުތީ ލިސްޓްގައި ނަން އޮތް ނަމަވެސް އެ މީހުންގެ ނަން ދާއިމީ ލިސްޓުގައި ނެތް ކަމަށެވެ.

"އަޅުގަނޑު ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާތާ 15 އަހަރު ވެގެން މިދިޔައީ. މާލޭގައި ދިރިއުޅޭތާ އެތައް ދުވަހެއް. ދާއިމީ ލިސްޓުގައި ނަން ނެތީ ކީއްވެގެން ކަމެއް ނޭނގޭ. މިތަނުގެ ތިބޭ ކުދިންނަށް ވެސް އެ މައުލޫމާތެއް ނުދެވޭ،" ހައުސިންގ މިނިސްޓްރީގައި ޝަކުވާ ހުށަހެޅުމަށް ގޮސް ހުރި އެއް ޓީޗަރަކު ކިޔާދިނެވެ.

މީގެ އިތުރުން އެހެން ބައެއް ކެޓަގަރީތަކުގެ ވަގުތީ ލިސްޓްގައި ނަން އޮވެ، ދާއިމީ ލިސްޓުގައި ނަން ނެތުމުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

" އަޅުގަނޑުގެ ފިރިމީހާ އާއި އަޅުގަނޑުގެ ނަން ވަގުތީ ލިސްޓުގައި އޮތް. ދާއިމީ ލިސްޓު އައިއިރު އެއްވެސް މީހެއްގެ ނަމެއް ނެތް. ވިހި ތިރީސް އަހަރު ވަނީ މާލޭގައި އުޅޭތާ. މައުލޫމާތުގައި އެއްވެސް މައްސަލައެއް ވެސް ނޫޅޭނެ،" އެހެން މީހަކު ކިޔާދިނެވެ.

ފްލެޓްތަކުގެ ދާއިމީ ލިސްޓު އިއުލާނުކޮށްފައިވާ އިރު، 11000 މީހަކަށް ފްލެޓް ވަނީ ލިބިގެން ގޮސްފައެވެ. ހައުސިން މިނިސްޓްރީން ބުނީ ވަގުތީ ލިސްޓްގައި ނަން އޮވެ، ދާއިމީ ލިސްޓްގައި ނުހިމެނޭ 800 އަށް ވުރެ ގިނަ މީހުން ތިބޭނެ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން 12 ކެޓަގަރީއަކުން ވަނީ ފްލެޓް ދޫކޮށްފައެވެ. އެގޮތުން ސިވިލް ސަރވިސް މުވައްޒަފުންނާއި އުމުރުން 18 އަހަރާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނާއި ދަފްތަރުގައި ހިމެނޭ މީހުންނާއި މާލޭގެ ރައްޔިތުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި އެކަނިވެރި މައިންނާއި ބަފައިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނައި ސިފައިންނާއި ފުލުހުންނަށްވެސް ވަނީ ފްލެޓް ދޫކުރުމަށް ހުޅުވާލާފައެވެ. މީގެ އިތުރުން ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު ފަރާތްތަކާއި ގުޅީފަޅުން ފްލެޓް ގަނެ، ފްލެޓް ނުލިބުނު ފަރާތްތަކަށްވެސް ފްލެޓް ދޫކޮށްފައި ވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް