ގާނޫނު އަސާސީއަށް ބަލާ އިރު މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އައްޔަނު ނުކުރެވޭނެ ކަމަށް ގާނޫނީ ވަކީލު އަދި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
އާޒިމާ އޭނާގެ ފޭސްބުކް ގައި ބަޔާންކޮށްފައިވާ ގޮތުގައި ގާނޫނު އަސާސީގެ 124 ވަނަ މާއްދާގެ (ށ) ގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހުރިއްޔާގެ ނައިބު މަގާމުން އިސްތިއުފާދެއްވައިފި ކަމުގައިވާ ނަމަ ވެރިކަމަށް ވަޑައިގަންނަވާނީ މަޖިލީހުގެ ރައީސް ކަމުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ރައީސް ނެތް ހާލަތެއްގައި ރައީސް ކަމުގެ މަގާމަށް ވަޑައިގަންނަވާނީ ނައިބު ރައީސް ކަމުގައި ބަޔާންކޮށްފައިވާ ކަމަށެވެ.މަޖިލީހުގެ ނައިބު ރައީސް އެމަގާމުގައި ނެތް ހާލެއްގައި ގައުމުގެ ކަންކަން ބެލުމަށް ހަވާލުކުރަންޖެހޭނީ މަޖިލީހުން ކަނޑައަޅާ މެންބަރެއް ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ރައީސް ކަމުގެ މަގާމަށް ވަގުތީ ހާލަތެއްގައިވެސް ހަވާލުވާ ފަރާތަކީ އެމަގާމަށް ކަނޑައެޅިފައިވާ ޝަރުތުތައް ހަމަވާންޖެހޭ ފަރާތެއް ކަމަށް އެމާއްދާގެ (ނ) ގައި ބަޔާން ކޮށްފައިވެއެވެ.
މިކަން މިހެން އޮތް އިރު މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް އައްޔަނުކޮށްފައިވާ ރައީސަކީ 65 އަހަރުން މަތީގެ މީހެއް ކަމަށާއި އެހެން ކަމުން ރައީސް ކަމުގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް އާޒިމާ ވިދާޅުވިއެވެ. އެހެން ނަމަވެސް މަޖިލީހުގެ ރައީސްގެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ހަމައެކަނި ހިމެނެނީ މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިލާއިރު ހުންނަ ޝަރުތުތައް އެކަނި ކަން އާޒިމާ ފާހަގަ ކުރެއްވިއެވެ.
ގިނަ ބަޔަކު މިކަމާ ބަހުސް ކުރަމުންދާ ކަން ފާހަގަކުރައްވާ އާޒިމާ ވިދާޅުވީ، މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް އަންނަ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޝަރުތު ފުރިހަމަވާންޖެހޭ ފަރާތެއްކަން ގާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާން ކޮށްފައިނުވާ ކަމަށާއި އެހެން ކަމުން އެފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ މަޖިލީހުގެ ރައީސް ހުންނެވި ކަމުގައިވީ ނަމަވެސް މަޖިލީހުގެ ނައިބު ރައީސަށް އެމަގާމަށް އައުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ގާނޫނީ ގޮތުން އުފެދޭ މިސުވާލަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ޖަވާބު ދެއްވަން ޖެހިވަޑައިގަންނަވަންވާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ. ގާނޫނު އަސާސީގެ 123 ވަނަ މާއްދާއާއި 124 ވަނަ މާއްދާގެ ތެރެއިން އަމަލު ކުރަންޖެހޭނެ ގޮތްތަކާމެދު ގިނަ ސުވާލުތަކެއް އުފެދިފައިވާ ކަމަށް އާޒިމާ ވިދާޅުވިއެވެ.
އާޒިމާ މިކަމާ ސުވާލު އުފައްދާފައިވާ އިރު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2015 ވަނަ އަހަރު ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހުގައިވަނީ ރައީސުލްޖުމްހުރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ އުމުރަކީ 30 އަހަރާއި 65 އަހަރު ކަމަށް ކަނޑައަޅާފައެވެ.
މި އިސްލާހު ގެނައުމުގެ ކުރިން ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ހަމައެކަނި ބަޔާން ކޮށްފައިވަނީ ރައީސްކަމުގެ މަގާމަށް ކުރިމަތިލެވޭނެ އުމުރު އެކަންޏެވެ. ރައީސްކަމުގެ މަގާމަށް ކުރިމަތި ނުލެވޭނެ ދޮށީ އުމުރަކީ ކޮބައި ކަމެއް އެ މާއްދާގައި ވެސް އަދި ގާނޫނު އަސާސީގައި ވެސް ބަޔާން ކޮށްފައެއް ނުވެ އެވެ.
މިދިޔަ ބުޜާސްފަތި ދުވަހު މަޖިލީހުގެ ރައިސް ކަމުގެ މަގާމަށް ގާސިމް ހޮވިވަޑައިގަތީ 62 މެންބަރުންގެ ވޯޓާއެކުއެވެ. އެމަގާމަށް ވާދަކުރެއްވި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަށް ލިބިޑައިގަތީ 16 މެންބަރުންގެ ވޯޓެވެ. މަޖިލީހުގެ ރައީސް ހޮއްވެވުމަށްޓަކާ ނެގި ސިއްރު ވޯޓުގައި 80 މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.