ކ. މާލެ
|
1 ނޮވެންބަރ 2018 | ބުރާސްފަތި 15:48
ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީ އަދި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފްލައިޓުން ފައިބައި ވަޑައިގަންނަވަނީ
ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީ އަދި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފްލައިޓުން ފައިބައި ވަޑައިގަންނަވަނީ
މުހައްމަދު ޝަރުހާން
ރައީސް ނަޝީދު މާލެ ވަޑައިގަތުން
ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގެންފި
މާލެ ވަޑައިގަތީ 02:30 ގައި
މާލެ ވަޑައިގަތީ ދެ އަހަރަށް ފަހު

ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގެންފިއެވެ.

ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި 13 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ރައީސް ނަޝީދު އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން ރާއްޖޭން ބޭރުގައި އުޅުއްވާތާ ތިން އަހަރަށް ފަހު، ރާއްޖެ ވަޑައިގަތީ ސްރީލަންކަން އެއާލައިންގެ ފްލައިޓެއްގައި މެންދުރު ފަހު 02:25 ގައެވެ.

ޖަލުގައި ގާތްގަނޑަކަށް 10 މަސް ދުވަހު ހޭދަ ކުރެއްވުމަށް ފަހު، ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ރައީސް ނަޝީދު ފުރާވަޑައިގަތީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަކަށް އެދިވަޑައިގަތީ އެމަނިކުފާނުގެ މައިބަދައާއި ގުޅިފައިވާ ނާރެއް ފިތޭތީ އެމަނިކުފާނަށް ކުރިމަތިވާ ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާތީއެވެ.

 

ރައީސް ނަޝީދުގެ ބޭސްފަރުވާއަށް ދެއްވީ 30 ދުވަހުގެ މުއްދަތެކެވެ. ބޭސްފަރުވާއަށް ވަޑައިގަތުމަށްފަހު ރައީސް ނަޝީދު ވަނީ އިނގިރޭސިވިލާތުގެ ހިމާޔަތް ހޯއްދަވާފައެވެ. މީގެ ކުރިން 2004 ވަނަ އަހަރު ވެސް ރައީސް ނަޝީދު ވަނީ އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވާފައެވެ. އެއަށްފަހު މާލެ ވަޑައިގަތީ 2005 ވަނަ އަހަރުގެ އޭޕްރީލް 30 ވަނަ ދުވަހުއެވެ.

އިނގިރޭސިވިލާތުގެ ހިމާޔަތް ހޯއްދެއްވުމަށް ފަހު މި ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި ރައީސް ނަޝީދު ވަނީ ލަންކާއަށް ގިނަ ދަތުރުފުޅުތަކެއް ކުރައްވާފައެވެ. އޭގެ އިތުރަށް ދުނިޔޭގެ އެހެން ގައުމުތަކަށް ވަޑައިގެން ތަފާތު ފޯރަމްތަކާއި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

 

ރައީސް ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒް ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރު ކޮށްފައިވަނީ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އެކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ،ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު ވަކި ގޮތެއް ނިމެންދެން ނަޝީދާ މެދު އެއްވެސް ފަރާތަކުން ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ އެންމެހާ އިދާރަތަކުގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް އެ މައްސަލަ މުރާޖައާ ކުރުމަށް ހުށަހަޅާފައި ވަނީ ރައީސް ނަޝީދަށް އިއްވި ހުކުމަކީ އާންމު މައްސަލަހަތު މަތީ ދަރަޖައަކަށް ހިމެނިގެންވާ މައްސަލައެއް ކަމަށް ބުނެއެވެ.

ނަޝީދަށް ހުކުމް ކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ. އޭގެ ފަހުން 2016 ވަނަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހު ރައީސް ނަޝީދުގެ ހުކުމަށް ޗެލެންޖު ކުރުމުގެ ފުރުސަތު ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވެސްވެއެވެ.

ރައީސް ނަޝީދަށް ޓެރަރިޒަމްގެ ހުކުމް ކުރުމާއި ގުޅިގެން އދ. ގެ ހިއުމަން ރައިޓްސް ކޮމެޓީން އާއި ބައިނަލްއަގުވާމީ ގިނަ ޖަމާއަތްތަކަކުންނާއި ގައުމުތަކުން އެ ޝަރީއަތަކީ ސިޔާސީ ޝަރީއަތެއް ކަމަށާއި އެމަނިކުފާނު ވަގުތުން ދޫކޮށްލުމަށް ގޮވާލާފައިވެ އެވެ. އެގޮތުން ރައީސް ނަޝީދުގެ ޝަރީއަތް ނިންމާލީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ކަމަށާއި ޝަރީއަތުގެ ތެރެއިން ވަރަށް ގިނަ އުނިކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށް ބުނެވެ. އަދި ކުރި ދައުވާއިން ސަލާމަތްވުމަށް އެކަށީގެންވާ ފުރުސަތު ނުދިނުމާއި ހެކިން ގެނައުމުގެ ފުރުސަތު ދީފައިނުވާ ކަމަށް ބުނެފައިވެއެވެ.

 

މީގެ އިތުރުން އދ. ވޯކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ވަނީ ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލައްވާފައެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަށް ނިންމެވީ، ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރެއްވުމަށް ފަހު އެވެ.

 

Caption

އެ މަނިކުފާނު އާއި އަނބިކަނބަލުން ލައިލާ އަލީ ރާއްޖެ ވަޑައިގެންނެވިއިރު އަރިހުގައި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވަޑައިގެންނެވި އެވެ. އެ މަނިކުފާނަށް މަރުހަބާ ކިޔުމަށް ގިނަ ބަޔަކު ވަނީ ނުކުމެފަ އެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލްގެ އިތުރުން އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން އެއާޕޯޓަށް ވަޑައިގަތެވެ. އަދި އިއްޒުއްދީން ފާލަން ސަރަހައްދަށް ވެސް ގިނަ ބަޔަކު ޖަމާވި އެވެ.

އެއާޕޯޓުން މާލެއަށް ކަނޑުމަގުން ވަޑައިގަންނެވުމަށް ހަމަޖައްސަވާފައިވާއިރު، އެ މަނިކުފާނަށް މަރުހަބާ ކިޔުމަށް ގިނަ އަދަދެއްގެ އުޅަނދުފަހަރުތައް ހަރަކާތްތެރިވެއެވެ. އަދި މޫދު ކުޅިވަރުތައް ވެސް އިންތިޒާމުކޮށްފައިވެ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް