ރައީސް މުހައްމަދު ނަޝީދަށް މަރުހަބާ ދެއްނެވުމަށް ގިނަ ބަޔަކު މިއަދު ވެސް މާލެއަށް އައިސްފިއެވެ.
އެގޮތުން މީރުބަހުރު ބަނދަރާއި އެމްއެމްއޭ ސަރަހައްދަށް ވަނީ ދޯނިތައް ކައިރިކުރަން ފަށާފައެވެ. ހެންދުނު 06:15 ހާއިރު ވަނީ ލ އަތޮޅުގެ ދެ ދޯނި ފުރާ މީހުން އައިސްފައެވެ. އެގޮތުން އެއަތޮޅު ގަމުންނާއި ފޮނުދޫއިންނާ އިސްދޫ އިން ގިނަ ބަޔަކު މާލެ ވަނީ އައިސްފައެވެ.
މީގެ އިތުރުން ބ އަތޮޅު ތުޅާދޫ އިންނާއި އެއަތޮޅު ހިތާދޫ އިން ވެސް ގިނަ ބަޔަކު ވަނީ މާލެ އައިސްފައެވެ. ޅ. ނައިފަރުން ވެސް ގިނަ އަދަދެއްގެ ބަޔަކު ރައީސް ނަޝީދަށް މަރުހަބާ ދެއްނެވުމަށް ވަނީ އައިސްފައެވެ.
ތުޅާދޫގެ ރައްޔިތަކު ބުނީ ރައީސް ނަޝީދު ދެކިލުމަށް ކެތްމަދުވެފައިވާ ކަމަށާއި އެމަނިކުފާނު ގައުމަށް ކޮށްދެއްވި ހިދުމަތްތައް އަބަދުވެސް ހަނދާން ހުންނަ ކަމަށެވެ. ގައުމުގެ ކަންކަން އިސްލާހު ކުރުމުގެ ކުރި މަސައްކަތްތައް ރައްޔިތުން ހިތުގެ އަޑިން ބަލައިގަންނަ ކަމަށް އޭނާ ބުންޏެވެ. ރައީސް ނަޝީދަށް މަރުހަބާ ދެއްނެވުމަށް ރަށްރަށުން އަންނަ ދޯނި ފަހަރު ވަނީ އެމްޑީޕީގެ ދިދަފަތިތަކާއި ބެނާތަކުން ޒީނަތްތެރި ކޮށްފައެވެ.
ރައީސް ނަޝީދު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުގެ މެންދުރުފަހުއެވެ.
ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒް ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރު ކޮށްފައިވަނީ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އެކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު ވަކި ގޮތެއް ނިމެންދެން ނަޝީދާ މެދު އެއްވެސް ފަރާތަކުން ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ އެންމެހާ އިދާރަތަކުގެ މައްޗަށް އަމުރުކުރާ ކަމަށެވެ.
ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް އެ މައްސަލަ މުރާޖައާ ކުރުމަށް ހުށަހަޅާފައި ވަނީ ރައީސް ނަޝީދަށް އިއްވި ހުކުމަކީ އާންމު މައްސަލަހަތު މަތީ ދަރަޖައަކަށް ހިމެނިގެންވާ މައްސަލައެއް ކަމަށް ބުނެއެވެ.
ރައީސް ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމް ކޮށްފައިވަނީ 2012 ވަނަ އަހަރު އަބްދުﷲ ގާޒީ ހައްޔަރުކޮށް ކ.ގިރިފުށީގައި ބަންދުކޮށްގެން ގެންގުޅުނު މައްސަލައިގައެވެ.
ނަޝީދަށް ހުކުމް ކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ. އޭގެ ފަހުން 2016 ވަނަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހު ރައީސް ނަޝީދުގެ ހުކުމަށް ޗެލެންޖު ކުރުމުގެ ފުރުސަތު ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވެސްވެއެވެ.
ރައީސް ނަޝީދަށް ޓެރަރިޒަމްގެ ހުކުމް ކުރުމާއި ގުޅިގެން އދ. ގެ ހިއުމަން ރައިޓްސް ކޮމެޓީން އެމަނިކުފާނު ވަގުތުން ދޫކޮށްލުމަށް 2015 ވަނަ އަހަރު ގޮވާލައްވާފައިވެއެވެ.
އެގޮތުން ރައީސް ނަޝީދުގެ ޝަރީއަތް ނިންމާލީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ކަމަށާއި ޝަރީއަތުގެ ތެރެއިން ވަރަށް ގިނަ އުނިކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށް ބުނެވެ. އަދި ކުރި ދައުވާއިން ސަލާމަތްވުމަށް އެކަށީގެންވާ ފުރުސަތު ނުދިނުމާއި ހެކިން ގެނައުމުގެ ފުރުސަތު ދީފައިނުވާ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން އދ. ވޯކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ވަނީ ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލައްވާފައެވެ.