ކ. މާލެ
|
31 އޮކްޓޯބަރ 2018 | ބުދަ 09:00
ގާނޫނީ ވަކީލު، އިބްރާހިމް ރިއްފަތު
ގާނޫނީ ވަކީލު، އިބްރާހިމް ރިއްފަތު
މުހައްމަދު ޝަރުހާން
ރާއްޖޭގެ ޖުޑިޝަރީ
ރައީސް ނަޝީދު މައްސަލައިގައި ސަރުކާރުގެ ނުފޫޒު ޖުޑިޝަރީއަށް ވަދެފައިވޭ: ރިއްފަތު
ޖުޑިޝަރީއަށް ނުފޫޒު ފޯރުވާކަން ހާމަކުރެއްވީ ފަނޑިޔާރުން އަމިއްލަފުޅަށް
ޝަރުއީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނަންޖެހޭ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަކި ސިޔާސީ ފިކުރަކަށް ތަބާވެވަޑައިގަންނަވާތީ، އެކަމާ ހިންހަމަނުޖެހިގެން ސަރުކާރުގެ ފިއްތުންތައް ޖުޑިޝަރީއަށް ފޯރިކަން ރައީސް ނަޝީދުގެ މައްސަލައިން ހާމަވެފައިވާ ކަމަށް ގާނޫނީ ވަކީލު، އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރިއްފަތު ވިދާޅުވީ، މި ވާހަކަތަކީ އޭނާ އެކަނި ދައްކަވާ ވާހަކައެއް ނޫން ކަމަށާއި 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވެސް ފަނޑިޔާރުން އަމިއްލަފުޅަށް އެ ވާހަކަތައް ހާމަކުރެއްވި ކަމަށެވެ. ކޯޓުތަކުގެ މައްޗަށް ސިޔާސީ ފަރާތްތަކުގެ ނުފޫޒު އޮތް ކަމަށް ވިދާޅުވެފައިވާ އިރު އެއަމުރުގައި ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކުން، ބައިނަލްއަގްވާމީ ގޮތުން ދިވެހި ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކުގައި ހިމެނޭ އިންސާނީ ހައްގުތަކާ މިނިވަންކަން ނިގުޅައިގެންފައިވާ ކަން ފާހަގަކޮށްފައިވާ ކަމަށެވެ.

"ޑިއު ޕްރޮސެސް މައްސަލައެއްގައި ގާއިމްނުވާ ކަމުގައި ވަނީ ނަމަ އެ މައްސަލައެއްގެ ޝަރީއަތް އަދުލުވެރި ޝަރީއަތެއްގެ ގޮތުގައި ބަލާނެ ހަމަ އެއްވެސް މިންގަނޑެއް ނޯންނާނެ. އިންސާންތެރިވުމުގެ ނަޒަރަކުން ބަލާކަމުގައި ވަނީ ނަމަ، ރައީސް ނަޝީދުގެ ސިޔާސީ ފިކުރަށް ބަލާފައި ތަފާތު ކުރިކަން އެނގޭ," ރިއްފަތު ވިދާޅުވިއެވެ.

ރިއްފަތު ވިދާޅުވީ، މިކަންކަމަށް ބަލާއިރު ރައީސް ނަޝީދުގެ ޝަރީއަތަކީ އެއްވެސް މިންގަނޑަކުން ބަލާއިރުވެސް އަދުލުވެރި ޝަރީއަތެއް ކަމަށް ބަލާނެ ގާނޫނީ އަސާސެއް ނެތް ކަމަށެވެ. އެގޮތުން ދިފާއީ ވަކީލުންނަށް ޝަރީއަތްތަކުގައި އެކަށީގެންވާ ފުރުސަތު ނުލިބުމާއި އިސްތިއުނާފު ކުރުމަށް ލިބިދޭ ފުރުސަތު ވޭސް ބޭނުން ނުކުރެވޭނެ ގޮތްތަކަށް ކޯޓުތަކުން އަމަލުކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ރިއްފަތު ވިދާޅުވީ، ރާއްޖޭގެ ޝަރުއީ ނިޒާމަކީ ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް އޮތް ނިޒާމެއް ނޫން ކަމަށާއި ސަބަބަކީ ދުނިޔޭގެ އަދުލުގެ ނިޒާމުގައި ވަރަށް އަސާސީ ކަންކަން ރާއްޖޭގެ އަދުލުގެ ނިޒާމުގައި ތައާރަފު ވަމުންދަނީ އަދި ކިރިޔާ ކަމަށެވެ. އެގޮތުން ކްރިމިނަލް ޕްރޮސީޖަރ ކޯޑެއް ތައާރަފްވެފައި ވަނީ ވަރަށް ފަހުން ކަމަށެވެ. އަދި ވެސް މަދަނީ ޕްރޮސީޖަރ ކޯޑެއް ނެތް ކަން އޭނާ ފާހަގަކުރެއްވިއެވެ.

މިހާރު ހުރި ގާނޫނުގައި ލިޔެވިފައިވާ ކަންކަން ވެސް ރަނގަޅަށް ތަންފީޒު ނުކުރެވޭ ކަމަށާއި އެކަންކަން ހަމަތަކާ އުސޫލުގެ ތެރެއިން އެބުނާ ގޮތަށް ކަންތައްތައް ކުރާ ކަމުގައިވާ ނަމަ އަދުލް އިންސާފު މިހާރަށް ވުރެ ބޮޑަށް ގާއިމްކުރެވޭނެ ކަމަށެވެ. ޖުޑިޝަރީ އިސްލާހު ކުރުމުގައި ސްޓްރަކްޗަރަލް ބަދަލުތައް ވެސް ގިނަ ކަމަށެވެ.

"ކޯޓުތަކުގައި މައްސަލަ ހިންގުމުގައިވެސް މައްސަލަ އެބަހުރި. ޝަރީއަތް ހިނގާއިރުގައިވެސް ދިމާވާ މައްސަލަތައް އެބަޖެހޭ ހައްލު ކުރަން. މައްސަލަ ބައްލަވަން ތިއްބަވާ ފަނޑިޔާރުންނަށް މައްސަލަތަކުގައި ވަކީލުން ފާހަގަކުރާ ކަންކަން ފަހުމުވުމުގައިވެސް ދަތިތަކާ ކުރިމަތިލާންޖެހޭ. ފަހަރެއްގައި ވުން އެކަށީގެންވޭ މިހާރު އަންނަ ބަދަލުތަކަށް އަހުލުވެރި ނުވަނީ ކަމަށް ވެސް," ރިއްފަތު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް