ދިއްދޫ ކައުންސިލްގެ ބޭނުމަށް ރަށުގެ ފަޅު ގޯތި ކުއްޔަށް ދޫކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ވިދާޅުވީ ދިއްދޫގައި ގާތްގަނޑަކަށް 50 ވަރަކަށް ފަޅު ގޯތި ހުރި އިރު ގިނަ ގޯތިތައް ނުބެލެހެއްޓޭ ކަމަށެވެ. މިކަމުގެ ސަބަބުން މަދިރި އާލާވުމުގެ ފުރުސަތު ބޮޑުވެ ރަށުގެ އާންމު ދިރިއުޅުމަށް އުނދަގޫތަކާ ކުރިމަތިވާ ކަމަށެވެ. ފަޅު ގޯތިތަކުގައި ވިނަ ގަސް އިތުރުވެ، އެއާ އިންވެގެން ހުންނަ މަގު ބޭނުންކުރާ މީހުންނަށް އުނދަގޫ ވާ ކަމަށް އޭނާ ވިދާޅުވިއެވެ. ކައުންސިލުން ބޭނުންވަނީ އެ ގޯތިތަކަކީ ވެސް ބޭނުން ހިފޭ ތަންތަނަށް ހެދުމަށް ކަމަށާއި ކުށްޔަށް ދޭން ބޭނުންވާ އަގާއި މުއްދަތާ އެކު ކައުންސިލަށް ހުށަހެޅުމުން، ކައުންސިލުން އެ ގޯތިތައް ބަލަހައްޓާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިފަދަ ގޯތިތައް ލިބުމުން ދަނޑުވެރިކަމުގެ އުފެއްދުންތައް އުފެއްދުމަށް ނުވަތަ ވެހިކަލް ޕާކުކޮށް އެނޫން ވެސް، ރަށަށް ފައިސާ ހުރި މަސައްކަތްތައް ހިންގަށް ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހާޝިމު ވިދާޅުވީ، ރަށުގައި ދަނޑުވެރިކަން ކުރަން ޝައުގުވެރިވާ ފަރާތްތައް ހުރި އިރު މިރުސް ނުވަތަ ބަށި ފަދަ ތަކެތި ފަޅު ގޯތިތައް ލިބުމުން އެތަންތަނުގައި އުފެއްދޭނެ ކަމަށެވެ. އެކަމުން ކައުންސިލަށް އަދި ރަށުގެ ރައްޔިތުންނަށް ވެސް ފައިދާވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެއްވެސް ބޭނުމެއް ނުކޮށް ހުންނަ ބައެއް ފަޅު ގޯތިތަކަށް ހުންނަތާ ވިހި ތިރީސް އަހަރުވެސް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރަށުގައި ހުރި ފަޅު ގޯތިތައް ކައުންސިލަށް ކުށްޔަށް ދޫކުރަން ބޭނުންވާ ފަރާތްތަކުން އަންނަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ކުރިން އެކަން ކައުންސިލަށް އެންގުމަށް ވަނީ އެދިފައެވެ.