ކ. މާލެ
|
29 އޮކްޓޯބަރ 2018 | ހޯމަ 12:43
މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން
މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން
އަވަސް
12 މެމްބަރުންގެ ގޮނޑި
ސިނާނުގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި
އިސްލާހީ މަސައްކަތްތައް ކުރުމުގައި ދެމި ހުންނާނަން
މެންބަރުންނަށް އިންސާފު ލިބުނީ ހަތަރު ލީޑަރުން އެކުގައި މަސައްކަތް ކުރުމުން

މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ސުޕްރީމް ކޯޓުން ހޯމަ ދުވަހު ވަނީ ތިނަދޫ ދެކުނު ދާއޮރާގެ މެންބަރު އަބްދުﷲ އަހުމަދުގެ ގޮނޑި ނުގެއްލޭ ކަމަށް ވެސް ނިންމާފައެވެ.

ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅޭ ގޮތުން ސިނާން ވިދާޅުވީ، މެންބަރުންނަށް އިންސާފު ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ހަތަރު ލީޑަރުން ކުރެއްވި ކަމަށެވެ. އުންމީދު ކުރަނީ ކުރިއަށް އޮތްތަނުގައި ވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްލާހީ މަސައްކަތްތައް ކުރިއަށް ދިއުން ކަމަށެވެ. އަދި ރައްޔިތުންނަށް ވެސް އެކަންކަން ފެނި އެއީ ހައްގުގެ މަގުގައި ކުރި މަސައްކަތްތައްކަން ބަލައިގަނެފައިވާ ކަމަށް ވިދާޅުވިއެވެ.

"ވަރަށް ގިނަ ކަންކަން އިސްލާހު ކުރަންޖެހޭ. އިސްލާހުކޮށްގެން ރާއްޖޭގެ ކުރިމަގު ބައްޓަން ކުރަންޖެހޭނީ. އެކަންކަމުގައި ދެމި ތިބޭނަން،" ސިނާން ވިދާޅުވިއެވެ.

ގާނޫނީ ވަކީލު އިބްރާހިމް ރިއްފަތު ވިދާޅުވީ، 12 މެންބަރުންގެ މައްސަލަތަކަކީ އެއްގޮތް މައްސަލަތަކެއް ކަމަށާއި ސުޕްރީމް ކޯޓުން ބާކީ ތިބި މެންބަރުންގެ މައްސަލަތަކުގައި ވެސް އިތުރު ގޮތަކަށް ނިންމަވާފާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

"މަޖިލީހުގެ މެންބަރުންގެ މައްސަލަތަކަކީ ހަގީގަތްތައް ވަރަށް ސާފު މައްސަލަތަކެއް. މިއަދުގެ މައްސަލައިގައި ވެސް ސުޕްރީމް ކޯޓުން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެންބަރު ކަމާ މެދު ހިލާފު އުފެދޭ މައްސަލަތަކަކީ ހަމައެކަނި ސުޕްރީމް ކޯޓުން މައްސަލަތައް ބެލުމުގެ އަދި ގޮތް ކަނޑައެޅުމުގެ ބާރު ލިބިދޭ މައްސަލަތަކެއް ކަމަށް. އޭގެ މާނައަކީ ރައްޔިތުންގެ މަޖިލީހަށް އަދި އިލެކްޝަންސް ކޮމިޝަނަށް ވެސް މެންބަރުންގެ ގޮނޑީގެ މައްސަލައެއްގައި ގޮތެއް ނުނިންމޭނެއޭ،" ރިއްފަތު ވިދާޅުވިއެވެ.

އަބުޅޯ އާއި ސިނާނުގެ އިތުރުން ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ ގޮނޑީގެ މައްސަލައިގައި ހުކުމް ކުރުން މިއަދަށް ވަނީ ތާވަލް ކުރެވިފައެވެ.

ގޮނޑި ގެއްލުނު 12 މެންބަރުންގެ ތެރެއިން މި މަހުގެ 08 ވަނަ ދުވަހު ވެސް ސުޕްރީމް ކޯޓުން ވަނީ ހަތަރު މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމާފައެވެ. އެގޮތުން ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން އާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް