ކ. މާލެ
|
28 އޮކްޓޯބަރ 2018 | އާދީއްތަ 14:16
ރައީސް މުހައްމަދު ނަޝީދު އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް މުހައްމަދު ނަޝީދު އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރާއްޖެ އެމްވީ
ރައީސް ނަޝީދުގެ މައްސަލަ
ރައީސް ނަޝީދުގެ މައްސަލަ މުރާޖާ ކުރަން ޕީޖީން ސުޕްރީމް ކޯޓަށް ހުށަހަޅައިފި
ސުޕްރީމް ކޯޓަށް މުރާޖާކޮށްދިނުމަށް ހުށަހެޅީ ޕީޖީ އޮފީހުން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި 13 އަހަރުގެ ޖަލު ހުކުމް މުރާޖާ ކުރުމަށް ޕްރޮސިކިއުޓަ ޖެނެރަލް އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓަށް އެ މައްސަލަ މުރާޖާ ކުރުމަށް ހުށަހަޅާފައި ވަނީ ރައީސް ނަޝީދަށް އިއްވި ހުކުމަކީ އާންމު މައްސަލަހަތު މަތީ ދަރަޖައަކަށް ހިމެނިގެންވާ މައްސަލައެއް ކަމަށް ފެންނާތީ ކަމަށެވެ.

ނޮވެމްބަރު އެކެއްގައި ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަށް ނިންމާފައިވާއިރު، އެމަނިކުފާނުގެ ޖަލު ހުކުމް މުރާޖަކޮށް ދިނުމަށް އެދި ޕީޖީ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ގާނޫނު އަސާސީގެ 223 ވަނަ މާއްދާ އާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ ގާނޫނާއި އެ ގާނޫނުން ޕީޖީއަށް ލިބިވަޑައިގަންނަވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޖިނާއީ މައްސަލައަކާ ގުޅިގެން ކޯޓަކުން އިއްވާފައިވާ ހުކުމެއް ނުވަތަ ނިންމާފައިވާ ނިންމުމެއް އިސްތިއުނާފުކުރަން ހުށަހެޅުމާއި ގާނޫނު އަސާސީގެ އެންމެހާ ހަމަތަކާއި ގާނޫނާއި އެންމެހާ ފަރުދުންގެ ހައްގުތަކާއި މިނިވަންކަން ނެގެހެއްޓުމަށް ބަޔާންކޮށްފައި އޮތް އޮތުމަށް ރިޔާއަތް ކޮށްފައެވެ.

ރައީސް ނަޝީދުގެ ހުކުމާ ގުޅިގެން އިސްތިއުނާފީ މަރުހަލާތަކުން ނިންމެވި ނިންމެވުންތައް އަލުން މުރާޖާ ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ޕީޖީ އޮފީހުން ހުށަހަޅާފައިވާ އިރު ރައީސް ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރެއް ވަނީ މަޖިލީހަށް ވައްދާފައެވެ. އެ ގަރާރު މަޖިލީހަށް ހުށަހަޅާފައި ވަނީ 49 މެންބަރުންގެ ސޮޔާއެކުއެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމްކޮށްފައިވަނީ 2012 ވަނަ އަހަރު އަބްދުﷲ ގާޒީ ހައްޔަރުކޮށް ކ.ގިރިފުށީގައި ބަންދުކޮށްގެން ގެންގުޅުނު މައްސަލައިގައެވެ. ނަޝީދަށް ހުކުމްކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ. އޭގެ ފަހުން 2016 ވަނަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހު ރައީސް ނަޝީދުގެ ހުކުމަށް ޗެލެންޖު ކުރުމުގެ ފުރުސަތު ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމިއެވެ.

ރައީސް ނަޝީދަށް ޓެރަރިޒަމްގެ ހުކުމް ކުރުމާއި ގުޅިގެން އދ. ގެ ހިއުމަން ރައިޓްސް ކޮމެޓީގެ އެމަނިކުފާނު ވަގުތުން ދޫކޮށްލުމަށް 2015 ވަނަ އަހަރު ގޮވާލައްވާފައެވެ. އެގޮތުން ރައީސް ނަޝީދުގެ ޝަރީއަތް ނިންމާލީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ކަމަށާއި ޝަރީއަތުގެ ތެރެއިން ވަރަށް ގިނަ އުނިކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށް ބުނެފައިވެއެވެ. އަދި ކުރި ދައުވާއިން ސަލާމަތްވުމަށް އެކަށީގެންވާ ފުރުސަތު ނުދިނުމާއި ހެކިން ގެނައުމުގެ ފުރުސަތު ދީފައިނުވާ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން އދ. ވޯކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ވަނީ ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް