ކ. މާލެ
|
25 އޮކްޓޯބަރ 2018 | ބުރާސްފަތި 13:45
ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން
ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން
މުހައްމަދު ޝަރުހާން
ފާރިސްގެ މައްސަލަ
ފާރިސްގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ހައި ކޯޓުން ބާތިލްކޮށްފި
ފާރިސް ޖަލައްލާފަ ވަނީ ޝަހްސު އޮޅުވާލުމުގެ މައްސަލައިގައި
ހުކުމްކޮށްފައިވަނީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް
ފާރިސް ވަނީ ކަފާލާތުގެ ދަށުން މިނިވަންކޮށްފައި

ޝަހްސް އޮޅުވާލުމުގެ ކުށުގައި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމް ހައި ކޯޓުން ބާތިލްކޮށްފިއެވެ.

ޕީޕީއެމް އިން ފާރިސް ވަކިކޮށްފައިވަނިކޮށް އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމިނާއި އެ ޕާޓީގެ ކައުންސިލްގެ ހުއްދަ ހޯދުމެއް ނެތި ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުންކޮށްފައިވާ ކަން ސާބިތުވާ ކަމަށް ބުނެ ފާރިސްގެ މައްޗަށް އިއްވާފައި ވަނީ ހަތަރު މަހާ 24 ދުވަހުގެ ޖަލު ހުކުމެކެވެ.

ފާރިސްގެ ހުށައެޅުއްވި އިސްތިއުނާފުގެ މައްސަލައާ ގުޅިގެން ހުކުމް ބާތިލް ކުރުމުގައި ޝަރީއަތުން މުޅިން ފާހަގަކޮށްފައި ވަނީ އިޖްރާއީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވުމެވެ.

ނަމަވެސް ފާރިސް ޝަހްސު އޮޅުވާލި ކަމަށް ބުނެ އެ މައްސަލަ ފުލުހުނަށް ހުށައަޅާފައި ވަނީ އެ މައްސަލަ ހުށައެޅުމުގެ ހައިސިއްޔަތު ނެތް މީހެއް ކަމަށް ފާރިސް ފާހަގަކޮށްފައި ވަނީ ނަމަވެސް ކުށެއް ކޮށްފި ކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ އެ މައްސަލައެއް ކޮންމެ މީހަކަށް ވެސް ތަހްގީގު އިދާރާއަށް ހުށައެޅިދާނެ ކަމަށް ޝަރީއަތުން ފާހަގަކޮށްފައިވެއެވެ.

ޝަރީއަތުން ފާހަގަ ކުރި އެއްކަމަކީ ހެކިބަސް ދޭ މީހާއަށް ހިމާޔަތް ލިބިދޭ ގޮތަށް ހެކިބަސް ނަގާއިރު އެކަމަށް ޝަރީއަތުގެ ކުރިން އެދެންވާނެ ކަމަށް ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި ބުނެފައިވާއިރު ފާރިސްގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ޖިނާއީ އިޖްރާއަތުގެ ގާނޫނަށް އަމަލު ކުރުމުގެ ކުރިން ކަމަށާއި އޭރު އަމަލު ކުރަމުންދިޔަ އުސޫލުގެ ދަށުން ހެކި ސިއްރުކޮށްދިނުމަށް އެދިފައިވާނެ ކަމަށް ބުނެވީ ނަމަވެސް ޖިނާޢީ އިޖްރާއަތުގެ ގާނޫނާ އެއްގޮތައް ހެކި ސިއްރުކޮށްދިނުމުގެ އަމުރަކަށް އެދިފައިނުވާތީ މި މައްސަލައިގައި ހެކިން ސިއްރުކޮށް ހެކިބަސް ނަގާފައި ވަނީ އެ ގާނޫނުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް ކަމަށެވެ.

އަނެއް ކަމަކީ މި މައްސަލައިގެ ޝަރީއަތް ފެށުމަށް ޝަރީއަތުން ނިންމުމަށް ފަހު ޝަރީއަތްތައް ކުރިއަށް ގެންގޮސްފައިވަނީ ޝަރީއަތްތައް ކުރިއަށް ގެންދާނެ ތާވަލެއް އެކުލަވާލުމެއް ނެތި، އަދި ފާރިސްއާ މަޝްވަރާކުރުމަށް ނެތި ކަމަށް ފާރިސްގެ ފަރާތުން ފާހަގަކޮށްފައިވާއިރު އެ ގަޟިއްޔާގެ ބައެއް އަޑުއެހުންތައް ތާވަލު ކޮށްފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖްރާއަތްތަކާ އެއްގޮތަށްް ނޫން ކަމަށް ދައުލަތުން ހައި ކޯޓުގައި ބުނެފައިވާ ކަމަށް ވެސް ފަނޑިޔާރުން ފާހަގަ ކުރައްވާފައިވެއެވެ.

ހަމައެހެންމެ ފާރިސްގެ ފަރާތުން މައްސަލައިގައި ލިޔެކިޔުންތައް ހޯދުމަށް ތަކުރާރުކޮށް އެދިފައިވީ ނަމަވެސް އެ ލިޔުންތައް ދިނުމަށް ދައުލަތުން އިއުތިރާޒުކުރާ ކޮށްފައިވާ ކަމަށް އިސްތިއުނާފުގެ ނުކުތާތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ  ނުކުތާތަކަށް ވެސް ޝަރީއަތުން ގޮތެއް ނިންމާލާފައިވެއެވެ.

އެގޮތުން ފާރިސްގެ މައްޗަށް އުފުލި ދައުވާއިން ބަރީއަވުމަށް މަސައްކަތް  ކުރުމަށް ގާނޫނު އަސާސީން ލިބިފައިވާ ހައްގުތައް ލިބިދިނުމަށް ތަކުރާރުކޮށް އެދިފައިވާކަމަށާއި އެ ފުރުސަތު ދިނުމަށް އިއުތިރާޒްކޮށްފައިނުވާނެ ކަމަށާއި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވަނީ އަވަސް އަރުވާލައިގެން ކަމަށް ދައުލަތުގެ ފަރާތުންވެސް ފާހަގަކޮށްފައިވާއިރު ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކުށުން ބަރީއަވުމަށް މަސައްކަތްކުރުމަށް ލިބިދޭން ޖެހޭ ފުރުސަތު ކްރިމިނަލް ކޯޓުން ހަނިކޮށްފައިވާކަން ސާފުކޮން އެނގެން އޮންނަ ކަމަށް ހައިކޯޓުން ވަނީ ބުނެފައިއެވެ.

އެހެން ކަމުން އިޖްރާއީ ކަންކަން ފުރިހަމަ ނުކޮށް އެއާވިދިގެން ތަތްބީގު ކުރެވޭ އެންމެހާ ކަންކަން ގާނޫނު ތަކާއި ގަވައިދުތަކާއި އެއްގޮތައް ކުރިއަށް ގެންގޮސްފައިވީ ނަމަވެސް އިޖްރާއަތު ފުރިހަމަ ނުކުރުމުގެ ސަބަބުން އެ ހުރިހާ ކަމެއް ބާތިލް ކަންތައް ގޮތުގައި ބަލަމުންދާ ކަމާ ބާތިލް ކަމެއްގެ މައްޗަށް ތަރުތީބުވެގެން އަންނަ ކޮންމެ ކަމަކީ ވެސް ބާތިލްކަންތައް ކަމަށް މީގެ ކުރިން އެތައް ފަހަރަކު ހައި ކޯޓުން ނިންމާފައިވާ ކަމަށް ވެސް މި މި މައްސަލައިވެސް ފަނޑިޔާރުން ފާހަގަކޮށްފައިވެ އެވެ. އެހެން ކަމުން އިސްތިއުނާފީ 27 ނުކުތާއެއް ފާރިސްގެ ފަރާތުން ކޯޓުގައި ފާހަގަކޮށްފައިވާއިރު އެ ހުރިހާ ނުކުތާއަކަށް ޝަރީއަތުން ރިއާޔަތްކޮށްފައެއް ނުވެއެވެ.

ފާރިސް ޝަހްސު އޮޅުވާލި ކަމަށް ބުނެ ދައުވާކޮށްފައިވާއިރު އެފަދަ އެހެނިހެން ކަންކަން އޭގެ ކުރިން ހިނގާފައިވީ ނަމަވެސް އެމީހުންގެ މައްޗަށް ދައުވާ އުފުލާފައިނުވާ ކަމަށް ބުނެ އޭނާ ފާހަގަ ކުރެއްވި ނުކުތާއާ ގުޅިގެން ޝަރީއަތުން ފާހަގަ ކުރެއްވި ގޮތުގައި އެފަދަ މައްސަލައެއްގައި ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ފުލުހުން ވެސް ފޮނުވާ ނުވާ ކަމާއި އަދި އެފަދަ މައްސަލައެއް ތަހްގީގު ނުކޮށްގެން ޕީޖީއަށް ބަޔަކު ހުށައަޅާފައިނުވާކަމަށް ޕީޖީގެ ވާހަކަތަކުން އެނގޭ ކަމަށެވެ.

ފާރިސް ހުންނެވީ މި މައްސަލަ ހައި ކޯޓުން ނިމެންދެން ކަފާލާތުގެ ދަށުން ދޫކޮށްލާފައި އެވެ. ނަމަވެސް ފާރިސް މައްޗަށް އުފުލާފައިވާ ރިޝްވަތު ހުށައެޅުމުގެ ދައުވާ ކްރިމިނަލް ކޯޓުގައި އެބަ އޮތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް