ކ. މާލެ
|
24 އޮކްޓޯބަރ 2018 | ބުދަ 14:10
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހު
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހު
ގޫގުލް
މަސީހުގެ އިތުބާރު މައްސަލަ
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި
 
އިސްތިއުފާ ދެއްވުމަށް ގޮވާލެއްވި
 
މައްސަލަ ވައްދާފައިވަނީ 51 މެންބަރުންގެ ސޮޔާއެކު

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 51 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހަޅައިފިއެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީޕާޓީގެ ޑެޕިއުޓީ ލީޑަރު، ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ، މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ މަސައްކަތްތައް ފުރިހަމައަށް ކުރުމަށް ކަމަށެވެ. ރިޔާޒް ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައިވަނީ މަސީހުގެ ސަބަބުން ކަމަށެވެ. މަޖިލީހުގެ މަސައްކަތްތައް އަދާކުރުމަށް ފުރުސަތު ނުދީ ކުރަމުންދިޔަ މަސައްކަތްތަކަށް ހުއްޓުމެން އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި މައްސަލައިގައި ސޮއި ކުރެއްވި 51 މެންބަރުންނަކީ މިހާރު ސުޕްރީމް ކޯޓުގައި މައްސަލަ އޮތް 8 މެންބަރުން ނުހިމަނާ ހިމަނާފައިވާ ސޮއިތަކެއް." ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ އެއްވެސް ދުވަހެއް ބޭކާރުކޮށްނުލާ މަޖިލީހުގެ ތެރެއިން ގާނޫނުތަކަށް ގެންނަން ހުރި އިސްލާތުތަކާއި ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަކީ އަޅުގަނޑުމެންގެ އަޒުމެއް ކަމަށެވެ.

ރިޔާޒު ވިދާޅުވީ މި ސަރުކާރަށް ތުހުމަތުކުރެވޭ ބޮޑެތި މައްސަލަތައްވެސް މަޖިލީހުގެ ތެރެއިން ކުރަންޖެހޭ އެހެން މަސައްކަތްތައް ކުރައްވާނެ ކަމަށެވެ. ރިޔާޒް ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކުގެ ބެލުމުގެ ދަށުން މަޖިލީހުގެ މަސައްކަތްތައް އަވަހަށް ފެއްޓިގެންދާނެ ކަމަށެވެ.

މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ މަޖިލީހުގެ ތެރެއިން މިދައުރުގައި ފެނިގެންދިޔައީ މަޖިލީހުގެ ހަޔާތުގައިވެސް އައި އެންމެ ކަޅު އަދިރި ދުވަސްތައް ކަމަށެވެ. މިހާރުވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަންޖެހޭ އިރު އެއްވެސް މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ނުގެންދަވާ ކަމަށެވެ.

"ސަރުކާރުން ބޭނުންވާ ކަންކަން އެކަނި މަޖިލީހުގެ ތެރެއިން ކުރައްވާ ތަން ފެނިގެންދަނީ. އަޅުގަނޑުމެން ހުށަހަޅާ ކަންކަމާ އެއްވެސް ވަރަކަށް ބަލާލުމެއް ނެތް. ވަޒީރުންނާ ކުރަން ހުށަހަޅާ ސުވާލުތައް ވެސް އަހަރު ނިމެންދެން ހުރެފަ، އަހަރު ނިމުމުން އަނބުރާ ބޮލާލާ ޖަހަމުން ދިޔައީ،" ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ މި މަސައްކަތަކީ މަޖިލީސް މިނިވަން ކުރުމަށްޓަކައި އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށެވެ.

ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވީ ޕީޕީއެމްގެ ނަމުގައި ތިބި މެންބަރުންނާއި އިންސާފުގެ މަގުގައި މަސައްކަތް ކުރައްވަން ބޭނުންވާ ހުރިހާ މެންބަރުން ވަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ސޮއި ކުރައްވާފައި ކަމަށެވެ.

"ހަމަގައިމުވެސް މަސީހަށް މަޖިލީހުގެ ރައީސަށް ކަނޑައަޅާފައިވާ ކޮޓަރިކޮޅުގައި ދެން ނުހުންނެވޭނެ. ހަމައެކަނި ގޮތް ދޫނުކުރުމުގެ ގޮތުން އިސްތިއުފާ ސިޓީ ހުށަނާޅުއްވާ ހުންނެވީ." ވަހީދު ވިދާޅުވިއެވެ.

މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި މަޖިލީހަށް އިސްލާހީ ބަދަލުތަކެއް އާންނެ ކަމަށް ގަބޫލު ކުރައްވާނެ ކަމަށެވެ.

"ގާނޫނު އަސާސީގައި ލިޔެވިފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެމެންބަރުންގެ މަސައްކަތް ކުރެވި، ރައްޔިތުން ތަމްސީލު ކުރެވިގެންދާނެ ކަމަށް އުންމީދު ކުރަން." އަނާރާ ވިދާޅުވިއެވެ.

މިއީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމަށް އިދިކޮޅު އިއްތިހާދުން ހުށަހެޅި ހަތަރު ވަނަ ފަހަރު އެވެ. އެންމެ ފަހުން މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމާއެކު 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅާ އެ މެމްބަރުން މަޖިލީހަށް ނުވަދެވޭ ގޮތް ވަނީ ހަދާފަ އެވެ. އަދި ރިސްވަތު ދިންކަމަށް ބުނެ ބައެއް މެމްބަރުން ހައްޔަރުކޮށް، ޖަލަށްލައި، ދައުވާތައްވެސް އުފުލާފައިވެއެވެ.

އިދިކޮޅު ފަރާތްތަކުން ބުނީ މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންދާނީ މަސީހު، މަޖިލީހުގެ ރިޔާސަތުން ބޭރުކުރުމަށްފަހުގައި ކަމަށެވެ. އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ހުވާކުރުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވާނީ މަޖިލީހުގެ އައު ރައީސާއެކުގައި ކަމަށް އިއްތިހާދުން ވަނީ ބުނެފަ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
80%
0%
0%
0%
20%
ކޮމެންޓް