ކ. މާލެ
|
12 ސެޕްޓެންބަރ 2018 | ބުދަ 19:28
ރައީސް ޔާމީން ކެމްޕެއިން ހަރަކާތެއްގައި
ރައީސް ޔާމީން ކެމްޕެއިން ހަރަކާތެއްގައި
ރާއްޖެ އެމްވީ
ިރިޔާސީ އިންތިޚާބު 2018
2013ގައި ވީ ވައުދު އިހަށް ފުއްދާށެވެ!
 
2013 ގައި ޕީޕީމްއިން ހުށަހެޅި މެނިފެސްޓޯގައި ވައުދުވީ ގިނަ ކަންކަން ހުރީ ނުވެ

ރިޔާސީ އިންތިޚާބު ބޯމަތިވެގެން އަންނައިރު، އިންތިޚާބުގައި ވާދަ ކުރައްވާ 2 ކެންޑިޑޭޓުންވެސް ގެންދަވަނީ ޕޯޑިއަމްތަކުގައި އެކި ވާހަކަ ދައްކަވަމުންނެވެ. ކެންޑިޑޭޓް ނަމްބަރު 1، މިހާރުވެސް ވެރިކަމުގައި ހުންނެވި އަބްދުﷲ ޔާމީން އަބްދުލަޤައްޔޫމްގެ ވާހަކަފުޅުތައް މައިގަނޑު ގޮތެއްގައި ބިނާވެފައިވާތަން ފެންނަނީ ބްރިޖާއި ދަރުމަވަންތަ ހޮސްޕިޓަލުގެ ވަށައިގެންނެވެ. އެމަނިކުފާނުގެ ދެވަނަ ދައުރެއްގައި ކޮށްދެއްވާނެ ކަންކަމަށްވުރެ ބޮޑަށް، ފުރަތަމަ ދައުރުގައި ކުރައްވާފައިވާ ކަންކަމުގެ ސަބަބުން އެމަނިކުފާނަށް ދެވަނަ ދައުރެއް ދެއްވަން ޖެހޭކަމަށް ރައްޔިތުންނަށް ވިސްނައިދެއްވަން އުޅުއްވާ ކަހަލައެވެ. ވެރިކަމުގެ ދެވަނަ ދައުރަކީ ފުރަތަމަ ދައުރުގެ ކަންތައްތަކަށް ބަލައި ދޭ އިނާމެއް ނޫނެވެ. އެކަން ވެރިކަންކުރާ ޕާޓީގެ އިސް ބޭފުޅުންނަށް އެނގިވަޑައިނުގަންނަވަނީކަމަށްވެސް ވެދާނެއެވެ.

ކެންޑިޑޭޓް ނަމްބަރު 2، ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) ގެންދަވަނީ ގިނަ ވައުދުތަކެއް ވެވަޑައިގަންނަވަމުންނެވެ. ހަޤީޤީ ކެމްޕެއިނެއް އެމަނިކުފާނުގެ ފަރާތްޕުޅުން ފެންކަމަށް ގިނަ ބަޔަކު ބުނަނީ ސަބަބުތަކެއް ހުރުމުންނެވެ. އެންމެ ފުރަތަމަ ކަމަކަށް، މިނިވަން އިންސާފުވެރި އިންތިޚާބެއް ރައްޔިތުންނަށް ހޯއްދަަވައިދެއްވުމަށް އަދިވެސް އެގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި ހަމައެއާއިއެކު، ކޮރަޕްޝަނާއި ވައްކަމާއި ނުލައި، 5 އަހަރު ވެރިކަން ކުރައްވާނެކަމަށް ވައުދުވެވަޑައިގެން، ވެރިކަމުގައި ރައްޔިތުންނަށް ކޮށްދެއްވާނެ ކަންކަން އެގެންދަވަނީ ވިދާޅުވަމުންނެވެ.

ރައްޔިތުން ބަލަން ބޭނުންވަނީ ރައީސް ޔާމީނަށް މިދިޔަ 5 އަހަރު ކޮށްދެވުނީ ކޮން ކަމެއްތޯއެވެ. ތެދެކެވެ. ބްރިޖް އަޅައިފިޔެވެ. 25 ބުރީގެ ހޮސްޕިޓަލް އަޅައިފިއެވެ. ހުޅުމާލޭ 2 ވަނަ ފިޔަވަހިވެސް ހިއްކައިފިއެވެ. އެހެން ނަމަވެސް، އެ ބްރިޖްގެ ސަބަބުން މުޅި ޤައުމު ދަރަނިވެރިވެއްޖެކަން ދިވެހިން ދަނެއެވެ. އެހޮސްޕިޓަލް އަޅާފައި އެހެރީ ހަމަ އަގުގައި ނޫންކަން އެންމެންވެސް ދަނެއެވެ. ހުޅުމާލޭ ދެވަނަ ފިޔަވައްސަކީ ރައީސް މައުމޫންގެ ވެރިކަމުގައި ހުޅުމާލެ ހިއްކަން ފެށުނީއްސުރެ، ޕްލޭންގައި އޮތް ކަމެކެވެ. އެހެން ވެރިޔަކު ހުންނެވިޔަސް އެކަން ކުރާނެއެވެ. 

ދެން މިކަންތަކުގެ އިތުރަށް ރައީސް ޔާމީނަށް ރައްޔިތުންނަށް ކޮށްދެވުނީ ކޮން ކަމެއްތޯއެވެ؟ އާއްމު ރައްޔިތު މީހާގެ އާދައިގެ ދުވަހެއްގެ ދިރިއުޅުމަށް ފަސޭހަ ވާނެ ގޮތަކަށް ކުރެވުނީ ކޮން ކަމެއްތޯއެވެ؟

މަސްވެރިޔަކަށް ދޭން ބުނި 10،000 ރުފިޔާގެ ވާހަކަ އަދިވެސް މީހުން ދައްކާނެއެވެ. ދަނޑުވެރިޔަކަށް ދޭން ބުނި 8،000 ރުފިޔާ ކޮބައިތޯއެވެ؟ އެވާހަކަވެސް މީހުން ދައްކާނެއެވެ. އެނުލިބޭހާ ހިނދަކު އެވާހަކަ ދައްކާނެއެވެ. ކޮންމެ އާއިލާއަކަށް ދޭން ބުނި ޑޮކްޓަރު ކޮބައިތޯއެވެ؟ ގޭގައި ތިބެގެން އަންހެނުންނަށް އާމްދަނީ ލިބޭނެ މަގު ފަހިކުރެވިއްޖެތޯއެވެ؟ މިހެން ގޮސް 2013 ގެ ޕީޕީއެމް މެނިފެސްޓޯ އެއްކޮށް ކިޔާލެވިދާނެއެވެ. ކުރެވިފައި ހުރިއްޔާ ހުރީ ހައްތަހާވެސް ރައީސް ޔާމީންއާއި ސަރުކާރުގެ ޕްރޮމޯޝަނަލް ވީޑިއޯތަކުގައި ދައްކާލާނެ އިމާރާތްތަކެކެވެ. އާއްމު ރައްޔިތުންނަށް އެއިން ކޮންމެ ދުވަހެއްގެ ދިރިއުޅުމަށް ފަސޭހަވެ، އާމްދަނީ އިތުރުވާނެ އެއް ކަމެއްވެސް ނުކުރެވެއެވެ. ކުދި ވިޔަފާރިތަކެއް ކުރިއެއް ނާރައެވެ. ރަށްރަށުގެ ސިއްހީ މަރުކަޒަތަކުގެ ޙާލަތު ދަށްވެގެން ގޮސް ހައްދުން ނައްޓާއިރު، ބޮޑު ޚަރަދުކޮށްގެން 25 ބުރީގެ ހޮސްޕިޓަލެއް އެޅުމުން އާއްމުންނަށް އެއިން ވަނީ ކޮން ފަސޭހައެއްތޯއެވެ؟ 

ކިތަންމެ ތާކު އެއަރޕޯޓް އެޅިޔަސް އެ އެއަރޕޯޓްތަކަށް ދާން ރައްޔިތުން ޓިކެޓް ނަގާނެ ފައިސާ ރައްޔިތުންގެ އަތުގައި އެބަހުރިތޯއެވެ؟ އަމިއްލަ ރަށުގައި އެއަރޕޯޓެއް އެޅުމުން މާލޭގައި އުޅޭ ކޮންމެ މީހަކުވެސް އެ އެއަރޕޯޓު ބަލާލަން ނަމަވެސް ރަށަށް ދާނެއެވެ. އެކަމަކު އޭގެ ސަބަބުން ޖެހިގެން އަންނަ މަހު އެމީހަކު އުޅެން ޖެހެނީ ގިނަ ފަހަރަށް އަނގަޔާއި އަތާ ދިމާނުވެގެންނެވެ. ކިތަންމެ ވަރަކަށް ޕާކުތައް އެޅިޔަސް، އެޕާކުތަކުން ނިކުމެގެން ގޮސް އަދިވެސް ވަންނަން ޖެހެނީ 10 - 12 މީހުން އެއްކޮށް އުޅޭ ކޮޓަރިގަނޑަށެވެ. ހިޔާ މަޝްރޫޢަކާއި އެހެން މަޝްރޫޢެއް ހިންގިނަމަވެސް، ދެމެހެއްޓެނިވި ގޮތެއްގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރަށް މިވީ 5 އަހަރުތެރޭ ކުރެވުނު އެއްކަމެއްވެސް ފެންނަން އެބައޮތްތޯއެވެ؟ އެމްޑީޕީ ސަރުކާރުގައި އަޅާފައިވާ ފްލެޓްތައް ބެހުމުގައިވެސް ބެލީ މިނިސްޓަރުގެ ލިސްޓަށެވެ. 

ރައީސް ޔާމީންއެވެ. ކިތަންމެ ކޯފާވެގެން، ކިތަންމެ ވާހަކައެއް ދެއްކެވިދާނެއެވެ. ކިތަންމެ ވައުދެއް ވެވަޑައިގެންނެވިދާނެއެވެ. އެހެންނަމަވެސް، 2013 ގެ ވައުދުތައް ނުފުއްދަވައި، 2018ގައި އިތުރު ވައުދުވެގެން ރައްޔިތުން އެބަލައިގަންނާނެތޯއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
83%
0%
17%
0%
0%
ކޮމެންޓް