އަދީބުގެ ވާހަކަތައް ތެދުނަމަ، ޔާމީން ތައުބާވާންޖެހޭނެ، ނޫނީ މިގައުމުގެ ވެރިކަންކުރުމުގެ ޝަރުތު ފުރިހަމަނުވާނެ: ޑރ އިޔާޒު
11 ސެޕްޓެމްބަރު 2018 | އަންގާރަ 12:11އަދީބް، ރައީސް ޔާމީނާއި ގުޅޭގޮތުން ހާމަކޮށްފައިވާ މައުލޫމާތުތަކީ ތެދު މައުލޫމާތުތަކެއްކަމަށްވާނަމަ، ތައުބާވެ، ތައުބާ އިއުލާން ކުރަންޖެހޭ


މަޝްހޫރު ދިނީ އިލްމުވެރިޔާ ޑރ.އިޔާޒު
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި ގުޅޭގޮތުން ހާމަކޮށްފައިވާ މައުލޫމާތުތަކަކީ ތެދު ކަމަށްވާނަމަ އެކަމަށް ތައުބާވެ، ތައުބާ އިއުލާނުނުކުރާނަމަ އިސްލާމީ ގައުމެއްގެ ވެރިކަންކުރުމުގެ ޝަރުތު ފުރިހަމަނުވާނެކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ފިނިފެންމާ ލޯންޗުގައި ހިނގާދިޔަ ހާދިސާގެ ހަގީގަތް އަދީބު ކިޔަދޭންޖެހޭ ކަމަށް ރައީސް ޔާމިން ވިދާޅުވުމާއި ގުޅިގެން އަދީބު ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ހަގީގަތްތަކާއި, އޭގެ ފަހުން ހިނގައިދިޔަ ކަންތައްތަކާއި, އޭގެ އަޑީގައި ތިބި ފަރާތްތައް ހާމަކުރައްވާނެ ކަމަށެވެ.
އެގޮތުން އަދީބު ނެރުއްވަން ފެއްޓެވި ސިލްސިލާ ބަޔާންތަކުގެ ތެރެއިން ފުރަތަމަ ބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީނަކީ ވަރަށް ބޮޑަށް ފަންޑިތަވެރިކަމާ ހުރާފާތްތައް ގަބޫލުކޮށް އެއަށް ތަބާވެ ބަރޯސާވާ ރައީސެއްކަމަށެވެ. އަދި ސިހުރުހާހޫރައިގެ ގިނަ ކަންތައްތަކެއް ރައީސް ޔާމިން ކުރައްވާފައިވާ ކަމަށް އަދީބު ވަނީ ތުހުތަމުކުރައްވާފައެވެ.
މިމައްސަލައާ ގުޅިގެން ކަންބޮޑުވުންފާޅު ކުރައްވައި ޑރ އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ނާއިބް ރައީސް އަދީބް، ރައީސް އަބްދުﷲ ޔާމީނާއި ގުޅޭގޮތުން ހާމަކޮށްފައިވާ މައުލޫމާތުތަކަކީ ތެދު މައުލޫމާތުތަކެއްކަމަށްވާނަމަ، އެކަންކަމުން ތައުބާވާން ޖެހޭ ކަމަށާއި، ތައުބާ އިއުލާން ކުރަންޖެހޭ ކަމަށެވެ.
ޑރ. އިޔާޒު ވިދާޅުވީ ތައުބާ އިއުލާނުނުކުރާނަމަ އިސްލާމީ ގައުމެއްގެ ވެރިކަންކުރުމުގެ ޝަރުތު ފުރިހަމަނުވާނެކަމަށެވެ. އަދި ވެރިކަމުގައި ދެމި ހުރުމުގެ ޝަރުތު ވެސް ރައީސް ޔާމީންގެ ހަމަނުވާނެކަމަށް ޑރ އިޔާޒް ވިދާޅުވިއެވެ.
33 އަހަރަށްވުރެ ދިގު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބު ނެރުއްވި މިބަޔާނާއި ގުޅިގެން ރައީސް ޔާމިންއާއި، މިސަރުކާރަށް ވަނީ ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެފައެވެ.








