މަޖުބޫރުން ކުރުވޭ ކަންކަމުން ނަތީޖާ ފަހަރުގައި ގޯސްވެދާނެ: ޝެއިހް އަލީ ޒައިދު
8 ސެޕްޓެމްބަރު 2018 | ހޮނިހިރު 06:37އިސްލާމްދީނުގައި ބޮޑު ކާފަރަކު އިސްލާމް ދީނަށް ވެއްދުމަށް އެއްވެސް މަޖުބޫރު ކަމެއް ނެތް


ޝެއިޚް އަލީ ޒައިދު
މަޖުބޫރުން ކުރުވޭ ކަންކަމުން ނަތީޖާ ފަހަރުގައި ގޯސްވެދާނެ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝެއިހް އަލީ ޒައިދު މިހެން ވިދާޅުވީ ކޮން ސަބަބާކާ ހުރެ ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އާންމު ރައްޔިތުންނާއި، ސިވިލް ސާވިސްގެ މުވައްޒަފުން ޕީޕީއެމްގެ ކެންޕޭން ޖަލްސާތަކަށް ދިއުމަށާއި، އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވުމަށް ރައީސް ޔާމިންގެ ސަރުކާރުން މަޖުބޫރުކުރުވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ޝެއިހް އަލީ ޒައިދަކީ ސަރުކާރުން ހިންގާ ނޭއްގާނީ އަމަލުތަކަށް ފާޅުގައި ބަސް ވިދާޅުވާ ބޭފުޅެކެވެ.
ޝެއިހް އަލީ ޒައިދު ކުރައްވާފައިވާ ޓްވީޓްތަކެއްގައި ވިދާޅުވީ އިސްލާމްދީނުގައި ބޮޑު ކާފަރަކު އިސްލާމް ދީނަށް ވެއްދުމަށް އެއްވެސް މަޖުބޫރު ކަމެއް ނެތް ކަމަށާއި، ބަގަރާ ސޫރަތުގެ 256 ވަނަ އާޔަތުގައި އެފަދައިން ވަހީ ކުރައްވާފައިވާ ކަމަށެވެ. އަދި މަޖުބޫރުން ކުރުވޭ ކަންކަމުން ނަތީޖާ ފަހަރުގައި ގޯސްވެދާނެ ކަމަށް ވެސް ޝެއިހް ވިދާޅުވިއެވެ.
މުންކަރާތް ހިންގާއިރު އެކަމަށް އިންކާރު ކުރެވޭނެ ބާރު ނެތް ނަމަ އެންމެ ކުޑަމިނުން ހިތުން އެކަމަށް އިންކާރު ކުރަންޖެހޭކަން ފާހަގަކުރައްވައި ޝެއިހް އަލީ ޒައިދު ވިދާޅުވީ ހިތުން ވެސް އެކަން އިންކާރު ނުކޮށް މުންކަރާތުގައި ބައިވެރިވެ އެކަމުގެ ފޯރިނެގުމަކީ ހުތުރުކަން ބޮޑު އަމަލެއް ކަމަށެވެ. މިކަހަލަ ކަންކަމުން ވިސްނާ މީހަކަށް އިބުރަތް ލިބޭނެ ކަމަށް ވެސް ޝެއިހް އަލީ ޒައިދު ވިދާޅުވިއެވެ.
އެއް ނަމްބަރަކީ ކިޔަން އެންމެ ރަނގަޅު އަކުރު ކަމަށްވާ ނަމަ އައްތަހިޔާތުގައި أشهدُ أنْ لا إلهَ ކިޔަނީ އެއް އިނގިލި ތަޅުވަމުން ކަމަށާއި ދެ އިނގިލި ތަޅުވާނެ ކަމެއް ނެތް ކަމަށް "ބްރިޖް ސަޅި" ޖަލްސާގައި ރައީސް ޔާމިން ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވައި ޝެއިހް އަލީ ޒައިދު ވިދާޅުވީ އައްތަހިޔާތުގައި އެއް އިގިނލި ތަޅުވާތާ 14 ގަރުނު ވެފައިވާ ކަމަށެވެ.
އަދި މިއީ އެއްވެސް މީހަކު އެ މީހެއްގެ ޒާތީ މަންފާއާ ގުޅުވަން ޖެހޭ ކަންކަން ނޫން ކަމަށެވެ.








