Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް އަބްދުﷲ ޔާމީން

މިފަހަރު އިތުރު ވަގުތު ކުޅުނަސް ރައީސް ޔާމީނަށް ކާމިޔާބުވާނެ ކަމަށް ނުފެނޭ!

މި ސަރުކާރުން ދެ ފަހަރަކު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި، މަޖިލީހާއި ސުޕްރީމް ކޯޓު ހިސޯރުކުރި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 17 އޯގަސްޓު 2018 | ހުކުރު 06:02
ރައީސް ޔާމީނާއި ސަރުކާރު ހިންގާ ޕީޕީއެމްގެ ބައެއް އިސްވެރިން

ރައީސް ޔާމީނާއި ސަރުކާރު ހިންގާ ޕީޕީއެމްގެ ބައެއް އިސްވެރިން

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ އިތުރު ވަގުތު ކުޅެން ބޭނުންފުޅުވާ ބޭފުޅެއްކަން އެ މަނިކުފާނުގެ އަމަލުފުޅުތަކުން އެނގެ އެވެ. ފުރަތަމަ ވެރިކަމަށް ވަޑައިގެންނެވި ގޮތަށް ބަލާލިޔަސް އެކަން އޮތީ އެގޮތަށެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި އިންތިހާބަކީ ދިވެހި ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ތިން ބުރަށް ރައްޔިތުން ވޯޓު ލާން ޖެހުނު އިންތިހާބެކެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލު ކުރި ކުރުމާއި ސުޕްރީމް ކޯޓުން އޭރު އަމަލު ކޮށްފައިވާ ގޮތުން ވެރިކަމަށް ވަޑައިގެންނެވުމަށް ފަހި ފުރުސަތުތަކެއް ލިބިލެއްވި ކަމަށް ހުދު ރައީސް ޔާމީންވެސް ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން ވެރިކަމަށް ވަޑައިގެންނެވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލް ކޮށް، އަލުން ދެ ބުރަކަށް ވޯޓު ލައިގެންނާއި އެދޭތެރެއިން އަދި އެންމެ ފުލަހަކު ނިކުމެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ހުއްޓުވުމަކީ ދިވެހި ތާރީހުގައި ފުރަތަމަ ފަހަރަށް ހިންގާފައިވާ ކަންކަމެވެ. އެމަގުން ކަންކުރެއްވީ ކަހީނު ކަލޭގެ ބުނާ ސާއަތަށް ބަލައިގެން ކަމަށް ވެދާނެ އެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ކަހީނަކު ގެންގުޅުނުކަން ވަނީ ފަޅައިރާފަ އެވެ.

ކޮންމެއަކަށް ކޮންމެ ގޮތެއް ހަދައިގެންވިޔަސް ރައީސް ޔާމީން އެވަނީ ވެރިކަމަށް ވަޑައިގަންނަވާފަ އެވެ. ދެން މިބަލާލަނީ ވެރިކަމުގައި ހުންނަވައި އިތުރު ވަގުތު ހޯއްދައިވައިގެން، ކުރެއްވި ބައެއް ކަންކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަން ފެށިގެން އައި ދުވަސްވަރު ސަރުކާރުގެ ތެރެއިން އެންމެ އިސްކޮށް އުޅުއްވާ ތަން ފެންނަމުން ދިޔައީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް އެވެ. ނާޒިމް އެކަހެރި ކުރެއްވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ރައީސް ޔާމީން ވިދާޅުވެފައިވަނީ ނާޒިމަށް 300 ޕަސެންޓް އިތުބާރު ކުރައްވާ ކަމަށެވެ. ދެން ފެނިގެންދިޔައީ މުޅި ޓީމު ޑިފެންސަން ފޭބިތަނެވެ. މެޗްގެ 90 މިނިޓް ކުޅޭ ނިމުމުން އިތުރު ވަގުތު ކުޅެ، ޑިފެންސް މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް، ނާޒިމް ހައްޔަރުކޮށްފި އެވެ. އެ މެޗު ނިމުނުއިރު ނާޒިމް އޮންނެވީ ޖަލުގަ އެވެ.

ދެން ސަރުކާރުގެ ތެރެއިން އެންމެ އިސްކޮށް ފެންނަމުން ދިޔައީ ނާޒިމާއެކު އެންމެ އަރިސްކޮށް އުޅުއްވި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ. އަދީބަކީ ފައިސާ ހޯދާ އޭޓީއެމް މެޝިނެއް ކަމަށް ބުނަމުންދިޔަ އެވެ. އިސާހިތަކުން އޭރު ހުންނެވި ނާއިބު ރައީސް ޑރ. މުހައްމަދު ޖަލީލު އަހުމަދު މަގާމުން ދުރުކުރައްވައި އަދީބު ނައިބު ރައީސް ކަމަށް ގެންނަވައިފި އެވެ.

ސަރުކާރުގެ މުޅި މަންޒަރު ބަދަލުވީ އެހިސާބުންނެވެ. ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްދީދީ އާއި ސަރުކާރުގެ އިސްވެރިން ދަތުރުފުޅު ކުރައްވަމުން ގެންދެވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި ބާރުގަދަ އެއްޗެއް ގޮވައިފި އެވެ. ތުހުމަތު ކުރެވުނީ އަދީބަށެވެ. ނަމަވެސް އެތުހުމަތަށް ފަހު ވެސް ރައީސް ޔާމީން ވިދާޅުވީ އަދީބަށް 500 ޕަސެންޓް އިތުބާރު ކުރައްވާ ކަމަށެވެ. މިހިސާބުން އަދީބާމެދު ވިސްނަންޖެހިއްޖެ އެވެ. އެއްކަލަ އިތުރު ވަގުތުގެ ބޭނުން ހިފަން އަނެއްކާވެސް ޖެހިއްޖެ އެވެ.

ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވާލިތާ މާގިނަ ދުވަހެއް ނުވެ، އަދީބު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހިވަޑައިގަތެވެ. ނަމަވެސް އެދަތުރުފުޅަށްފަހު އެނބުރި މާލެއަށް ވަޑައިގެންނެވޭވަރެއް ނުވި އެވެ. ފްލައިޓުން ފައިބާ ވަޑައިގަތުމާއެކު ޖެހިވަޑައިގެންނެވީ ސީދާ ދޫނިދޫ ޖަލަށް ވަޑައިގަންނަވާށެވެ. އެހިސާބުން އަދީބާއި ރައީސް ޔާމީންގެ ގުޅުމުގެ ސަފްހާތައް ނިމުނީ އެވެ.

ދެން ދިމާވީ އަދި މާބޮޑު ކަންތައްގަނޑަކާއެވެ. ވެރިކަން ހިންގާ ޕާޓީ ތެރޭގައި ޖެހިފައިވާ މައްސަލަގަނޑެވެ. އެއްކޮޅުގައި ހުންނެވީ ޕާޓީގެ ޒައީމު ކުރީގެ ރައީސް އަދި ރައީސް ޔާމީންގެ ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމާއި ޕާޓީގެ ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުން ނެވެ. ރައީސް މައުމޫން އަތްޕުޅުން ޕާޓީގެ ބާރުތައް އަތުލެވޭނެ ގޮތްތައް ހޯދަން ޖެހިވަޑައިގެންނަވައިފި އެވެ. އަނެއްކާވެސް ޖެހިވަޑައިގެންނެވީ އިތުރު ވަގުތު ހޯއްދަވާށެވެ. ވަގުތުގެ ބޭނުން ހިއްޕަވާ އިސާހިތަކުން ރައީސް ޔާމީންގެ މުށު ތެރެއަށް ޕާޓީ ގެންނަވައިފި އެވެ. ގާނޫނެއް އުސޫލެއް ނެތެވެ.

އެކަމަކު ދެން ވެސް ނަގާނެ ރާޅެއް ނޭނގި ހުއްޓާ ގައުމީ ބޮޑު ކާރިސާއަކާ ކުރިމަތިލައި ގައުމު ކުއްލި ނުރައްކަލުގެ ހާލަތަކަށް ވެއްޓިއްޖެ އެވެ. އެއީ މިއަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ. ސުޕްރީމް ކޯޓުން ނެރުނު އަމުރެވެ.

ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ނުކުރައްވާނަމޭ އެއްފަހަރުވެސް ސަރުކާރުން ނުބުނެ އެވެ. އެ އަމުރާއެކު ފަހުތަޅާލުންގަނޑު ފެށުނީ އެވެ. އިތުރު ވަގުތު ނަންގަވައި ފެބްރުއަރީ ފަސް ވަނަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި ދިވެހި ދައުލަތުގެ އިސްވެރިންތަކެއް ހައްޔަރުކޮށްފި އެވެ. ރައީސް މައުމޫނާއެކު އުއްތަމަ ފަނޑިޔާރު އަދި ސުޕްރީމް ކޯޓުގެ އިތުރު ފަނޑިޔާރަކު ހައްޔަރުކުރައްވައި ސަރުކާރަށް ތުރާލެއް ކުރިމަތި ކުރުވާނެ މީހެއް ހުރިއްޔާ އެމީހަކު ޖަލަށް ލިއެވެ.

ކުރީގެ ދެ ރައީސްކު ޖަލަށް ލައިފި އެވެ. ސިޔާސީ ހުރިހާ އިދިކޮޅު ލީޑަރުން ޖަލަށް ލައިފި އެވެ. ދައުލަތެއް ހިންގޭވަރަށް ދައުލަތުގެ އިސްވެރިންތަކެއް ޖަލަށްލައިފި އެވެ. ދެ ފަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފި އެވެ. ބަޑި ގުދަން ފޫވެއްޓި ކަނޑުއަޑިން ހަތިޔާރު ފެނިއްޖެ އެވެ. މާލޭގެ މަގުތަކުން ބޮން ފެނިއްޖެ އެވެ. ދައުލަތުގެ ފައިސާއިން ބިލިއަނުން ހިޔާނާތްތެރި ވެއްޖެއެވެ. އަމިއްލަ އެކައުންޓްތަކަށާއި އަމިއްލަ ގޯތިގެދޮރަށް ދައުލަތުގެ ފައިސާވަދެ، "ސްޓްލިންގ ޕެރަޑައިސް" ފާޅުވެއްޖެ އެވެ.

މިހާރު މިއޮތީ ރިޔާސީ އިންތިހާބު ބޯމަތިވެފަ އެވެ. ރައްޔިތުންގެ ތާއީދެއް މިސަރުކާރަކަށް ނެތެވެ. އެކަން ސަރުކާރަށް ވެސް އެނގެ އެވެ. އެކަމަކުގެ ސަރުކާރުގެ އިސްވެރިން ބުނަމުން ދަނީ ތާއީދު ނެތުމަކީ ރައީސް ޔާމީން ވެރިކަމުގައި ދެމި ނުހުންނެވޭނެ ސަބަބެއް ނޫން ކަމަށެވެ. އަދި 90 މިނިޓްވެސް ކުޅެ ނުނިމޭ ކަމަށެވެ. އިތުރު ވަގުތު ކުޅުންވެސް ކުރިއަށް އޮތީއެވެ. އެހެންވީމާ ތަޖުރިބާއަށް ބަލާފައި އިތުރު ވަގުތު ކުޅެ، ރައީސް ޔާމީން މޮޅުވާނެ ކަމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނެއެވެ. އެއީ އިދިކޮޅު ހުރިހާ ކުޅުންތެރިން ބަނދެ، ސަލާމަތީ ހިދުމަތްތައް މެދުވެރިކޮށް ރެފްރީން ހައްޔަރުކޮށްގެން ވިޔަސް މޮޅުވެވެނިކޮށް ރައީސް ޔާމީނަށް "އޯކޭ" ކަމަށް ސަރުކާރަށް ތައީދު ކުރާ ފަރާތްތަކުން ބުނެއެވެ. ނަމަވެސް މިހާރު ފެންނަ މަންޒަރުތަކުން ރައީސް ޔާމީންގެ ހިސާބު ޖެހުން ދިމާނުވާކަން ވެސް އެނގެ އެވެ.

އިންތިހާބުގެ ކުރިން ޕާޓީތައް ކޯލިޝަން ހަދާނެ ކަމަށް ރައީސް ޔާމީން ގަބޫލެއް ނުކުރައްވަ އެވެ. ތެލާއި ފެނާއި އެކުވިޔަސް، ރައީސް މައުމޫނާއި ރައީސް ނަޝީދު އެކު ނުވާނެ ކަމަށް ސަރުކާރުގެ ސަޕޯޓަރުން ވިދާޅުވިޔަސް، އެކަން ވެސް އެވަނީ ވެފަ އެވެ. ކޯލިޝަނުން އެއް ކެންޑިޑޭޓަކު ނެރޭނެ ކަމަށް ވެސް ޔާމީން އުއްމީދެއް ނުކުރައްވަ އެވެ. ރައީސް ނަޝީދު ފަހަތަށް ޖެހިވަޑައިގެން އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވަފާނެކަމަށް، ޔާމީން ހިސާބު ޖައްސަވާފައެއް ނެތެވެ.

މިކަންކަމަށް ބަލާއިރު، ރައީސް ޔާމީންގެ ސަޕޯޓަރުން ބޭނުންވާ ގޮތަށް މިފަހަރު އިތުރު ވަގުތު ކުޅެން ޖެހުނަސް ކާމިޔާބު ވެދާނެ ކަމަށް ނުފެނެ އެވެ. އެއަށް ވުރެ މިހާރު އެ ދަނީ މަންޒަރު ސާފުވަމުންނެވެ. އިތުރަށް ސާފުވާ މިންވަރަކުން މިކަން ޕީޕީއެމްގެ އެތެރޭގައި ތިއްބެވި އިތުރު ބޭފުޅުން ވެސް ގަބޫލުކުރައްވާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
މައުމޫނުގެ އޮފް ކަނޑާލަން ޔާމީންގެ އިތުރު މަޅިއެއް!

މައުމޫނުގެ އޮފް ކަނޑާލަން ޔާމީންގެ އިތުރު މަޅިއެއް!

19 ޖެނުއަރީ 2017
ޗެސް އަކީ ސަމާލުކަން ދިނުން އިތުރުވެ، ވިސްނުން ރަނގަޅުކޮށްދޭ ކުޅިވަރެއް: ސާރާ ޚާދިމް

ޗެސް އަކީ ސަމާލުކަން ދިނުން އިތުރުވެ، ވިސްނުން ރަނގަޅުކޮށްދޭ ކުޅިވަރެއް: ސާރާ ޚާދިމް

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު